40 އަހަރު ތެރޭގައި މަތިވެރި ދާއިރާއަށް ނުކުރެވޭ ކަންކަން 4 އަހަރުން ކުރެވިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕޭނަށް އއ. މާޅޮހަށް ވަޑައިގެން އެމްޑީޕީގެ މެންބަރުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށް ވަޑައިގަންނަވާނީ ތަފާތުކުރުމެއް ނެތި އަމާޒެއް އޮވެގެން ކަމަށެވެ. އެ އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދެއްވުން ކަމަށާއި، އެ ރައްޔިތަކު އުޅޭ ވަކި ރަށެއް އެއީ މައްސަލައެއްކަމަށް ނުބަލާ، ކޮންމެ ރައްޔިތަކު ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަކީ އެއިރު އޮންނަ ވެރިކަމެއްގެ މައްޗަށް އޮންނަ ކަމެއްގެ ގޮތުގައި ދެކިގެން އެކަން ކުރެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ.
މި ދާއިރާއަކީ މިކަމުގެ މިސާލެއް. 5 ރަށް އެކުލެވޭ ދާއިރާއެއް މިއީ. ގިނަ ރަށްރަށުގައި އުޅޭ މީސްކޮޅު މަދު. ވޭތުވެދިޔަ ތަނުގައި މާބޮޑު އަޅާލުމެއް މި ދާއިރާގެ ރަށްތަކަށް ދެވިފައި ނެތް. ހުރިހާ ރަށެއްގެ ބޯފެނާއި ނަރުދަމާއަކީ ބޭނުންޖެހިފައި އޮތްކަމެއް. ލަފާފުރުން ދަތި އެތައް ރަށެއް މި ދާއިރާގައި އެބައޮތް. ސިއްހީ ހިދުމަތް ބޭނުންވެފައިތިބި އެތައް ރައްޔިތުންނެއް އެބަތިބި. ތައުލީމް ދަރިންނަށް ދިނުމަށްޓަކައި ރަށުގައި ތިވެގެން ދިރިއުޅުން ބިނާކުރުމަށްޓަކައި ބޭނުންވާ އެތައް ރައްޔިތުންނެއް މި ދާއިރާގައި އެބަތިބި.ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު
ރައީސް ވިދާޅުވީ އަރިއަތޮޅަކީ ޓޫރަޒިމްގެ އެންމެ ބޮޑު އެއް ހަބް ކަމަށެވެ. ދެވަނަ މާސްޓަރ ޕްލޭނާ އެއްގޮތަށް ތަރައްގީކުރަން ފެށި ޓުއަރިޒަމް ޒޯން އެއީ ކަމަށާއި، ދައުލަތަށް އެންމެ ގިނަ ފައިސާ ދައްކަނީ އަރިއަތޮޅުން ކަމަށެވެ. އަރިއަތޮޅު ދެބުރީގެ ރަށްތައް މިހާ ހިސާބަށް އައި އިރު، ޓުއަރިޒަމަށް 50 އަހަރު ފުރުނުއިރު ވެސް އަސާސީ ހިދުމަތްތައް ގާއިމްނުކުރެވި އޮންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވޭތުވެދިޔަ 40 އަހަރު ދުވަހުގެ ތެރޭގައި ނުކުރެވި ހުރި ކަންތައް މި 4 އަހަރު ދުވަހުގެ ތެރޭގައި ކުރެވިއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.
އިހުމާލެއް ބަޔަކާ ދޭތެރޭގައި އޮވެވޭނީ މިވަރަކަށް. ދައުލަތަށް އެންމެ ގިނަ ފައިސާ ދައްކާ އެސެޓް ހުރި ތަނެއްގައި ރައްޔިތުން ދިރިއުޅެމުންދާ ހާލު ދެންމެ އެ ފާހަގަކުރީ. އަޅުގަނޑުމެންނަށް އެކަން ބަލާފައި ތިބެވޭކަށް ނެތް. ފުރަތަމަ ދުވަހުން ފެށިގެން ވެސް މަސައްކަތް ފެށީ މިހެން ހުރި ރަށްރަށަށް ބޭނުންވެފައި ހުރި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް.ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު
ރައީސް ވިދާޅުވީ ބައެއް ހިދުމަތްތައް ލިބިފައި ހުރި ރަށްރަށައް ވަޑައިގަތުމުން ކޮންމެވެސް ވަރެއްގެ ޝަކުވާއެއް އެމަނިކުފާނާ ހަމައަށް އަންނަ ކަމަށެވެ. އާބާދީ ބޮޑު ރަށްރަށަށްވުރެ މާގިނަ މަސައްކަތްތައް 200-500 މީހުން ދިރިއުޅޭ ރަށްރަށުގައި ކުރާ ޝަކުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ އެމީހެއްގެ ސިޔާސީ ވިސްނުން ހުރިގޮތަށް ނުބަލާ، އަދަދަށް ނުބަލާ ކޮންމެ މީހަކު އެ ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދެއްވުން ކަމަށެވެ. އިރާދަކުރެއްވިއްޔާ މި މަސައްކަތް ކުރައްވަމުން ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.