ކ. މާލެ
|
23 ޖެނުއަރީ 2023 | ހޯމަ 19:22
ރާއްޖޭގެ ރިސޯޓެއް
ރާއްޖޭގެ ރިސޯޓެއް
ވިޒިޓް މޯލްޑިވްސް
ރިސޯޓު ތަރައްޤީކުރަުން
ރިސޯޓު ތަރައްޤީ ކުރަން 14 ރަށެއް ބީލަމަށް ހުޅުވާލައިފި
ބީލަމަށް ހުޅުވާލި 14 ރަށުގެ ތެރެއިން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެންމެ ބޮޑު އެއްޗެއް ދައްކަން ޖެހެނީ ކ. ކާށިދޫ ފަޅާއި ނިލަންދޫ ފަޅަށް
ބީލަމަށް ދޫކުރި ރަށްތަކުގެ ތެރޭގައި ރ. އެއްތިގިލި އާއި ހއ. އަލިދުއްފަރުފިނޮޅުގެ އިތުރުން ގއ. ބޭރަމައުއްޑޫ އާއި ގއ. ފުނަދޫވިލިގިއްލާ އާއި ގދ. ކަޅެހުއްޓާ، މ. ބޯހުރާ އަދި ގދ.ހާދުވާ ހިމެނޭ

ރިސޯޓު ތަރައްގީ ކުރުމަށްޓަކާ ޓޫރިޒަމް މިނިސްޓްރީ 14 ރަށެއް ބީލަމަށް ހުޅުވާލައިފިއެވެ.

އެ ރަށްތައް ބީލަމަށް ހުޅުވާލީ ހޯމަ ދުވަހުއެވެ. ޓޫރިޒަމް މިނިސްޓްރީން ހުޅުވާލި ރަށްތަކުގެ ތެރޭގައި ކުރިން ބީލަމަށް ހުޅުވާލި ރަށްތައް ގިނަކަން ފާހަގަކޮށްލެވެއެވެ. އަލަށް ހުޅުވާލި ރަށްތަކަށް ބީލަށް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައި ވަނީ ކުރިއަށް އޮތް މާޗް 21 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެ ރަށްތައް އަލުން ބީލަމަށް ހުޅުވާލާފައި ވަނީ ބިޑް ތަކުގެ ޝަރުތު ފުރިހަމަ ނުވުމާއި، އެ ރަށްތަކަށް ބިޑް ނުލިބި ހުރުމުންނެވެ. ބީލަމަށް ހުޅުވާލި ރަށްތައް ދިނުމުގައި ޕޮއިންޓް ދޭން ނިންމާފައިވާ ގޮތަށް ބަލާ އިރު އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށް 60 ޕަސެންޓް ޕޮއިންޓް ދޭން ވަނީ ނިންމާފައެވެ. ޓުއަރިޒަމް މިނިސްޓްރީ އިން ބުނިގޮތުގައި މުވައްޒަފުންގެ ތަމްރީނާއި ތިމާވެށި އަދި އިއާދަކުރުވަނިވި ހަކަތައަށް އިސްކަން ދޭ މިންވަރަށް ޕޮއިންޓް ދިނުމުގައި ބެލުމަށް ވަނީ ހަމަޖެހިފައެވެ.

ބީލަމަށް ހުޅުވާލި 14 ރަށުގެ ތެރެއިން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެންމެ ބޮޑު އެއްޗެއް ދައްކަން ޖެހެނީ ކ. ކާށިދޫ ފަޅާއި ނިލަންދޫ ފަޅަށެވެ. އެ މިނިސްޓްރީ އިން ބުނީ ކ. ކާށިދޫ ފަޅުގެ 10 ހެކްޓަރުގެ ސަރަހައްދަކާއި ފ. ނިލަންދޫ ފަޅުން 10 ހެކްޓަރުގެ ސަރަހައްދެއްގައި ރިސޯޓު ތަރައްގީ ކުރަން ކަނޑައަޅާފައިވާކަމަށެވެ. އެ ދެ ސަރަހައްދަށް އެކުއިޒިޝަން ކޯސްޓެއްގެ ގޮތުގައި އެންމެ ދަށްކޮށް 2.2 މިލިއަން ޑޮލަރު (34 މިލިއަން ރުފިޔާ) ހުށަހަޅަން ޖެހެއެވެ. މި ރަށްތައް ބީލަމަށް ހުޅުވާލާފައި ވަނީ އޯޕަން ބިޑިން މަރުހަލާގެ ދަށުންނެވެ.

އަދި ގދ.ގެ ފެރޭތަވިލިގިއްލާ ބީލަމަށް ހުޅުވާލާފައި ވަނީ ހަތް ލައްކަ ޑޮލަރު ނުވަތަ 10.7 މިލިއަން ރުފިޔާ އަށެވެ. މީގެ އިތުރުން ހއ. މެދަފުށީގެ 10.9 ހެކްޓަރަށް އެކުއިޒިޝަން ކޯސްޓުގެ ގޮތުގައި 875،000 (އަށް ލައްކަ ހަތްދިހަ ފަސް ހާސް) ޑޮލަރު ނުވަތަ 13.5 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ޓޫރިޒަމް މިނިސްްޓްރީ އިން ވަނީ ތ. އޮޅުފުށި ވެސް ބީލަމަށް ހުޅުވާލާފައެވެ. އެ ފިނޮޅުގެ އެކުއިޒިޝަން ކޮސްޓަކީ ހަތް ލައްކަ ޑޮލަރު ނުވަތަ 10.7 މިލިއަން ރުފިޔާއެވެ.

ޓޫރިޒަމް މިނިސްޓްރީން ރިސޯޓު ތަރައްގީ ކުރަން ދޫކޮށްފައިވާ އިތުރު ރަށްތަކުގެ ތެރޭގައި ރ. އެއްތިގިލި އާއި ހއ. އަލިދުއްފަރުފިނޮޅުގެ އިތުރުން ގއ. ބޭރަމައުއްޑޫ އާއި ގއ. ފުނަދޫވިލިގިއްލާ އާއި ގދ. ކަޅެހުއްޓާ، މ. ބޯހުރާ އަދި ގދ.ހާދުވާ ހިމެނެއެވެ. އެ ރަށްތަކުގެ އެކުއިޒިޝަން ކޯސްޓް އުޅެނީ ފަސް ލައްކަ އާއި ދެ ލައްކަ ޑޮލަރާ ދެމެދުގެ އަގުތަކެއްގަ އެވެ.

- ކޮމެންޓް