ކ. މާލެ
|
23 ޖެނުއަރީ 2023 | ހޯމަ 12:44
ރައީސް ޞާލިހު ގުރައިދޫއަށް ވަޑައިގެން އެމްޑީޕީގެ މެންބަރުންނާއި ބައްދަލުކުރައްވަނީ
ރައީސް ޞާލިހު ގުރައިދޫއަށް ވަޑައިގެން އެމްޑީޕީގެ މެންބަރުންނާއި ބައްދަލުކުރައްވަނީ
ރާއްޖެއެމްވީ
ޖަޒީރާ ރާއްޖެ ސިޔާސަތު
ޖަޒީރާ ރާއްޖެ ސިޔާސަތާއި އިދިކޮޅަށް ވާހަކަދެއްކުމަކީ އެމްޑީޕީގެ ސިޔާސަތެއް ނޫން، އެއީ އެހެން މަގްސަދެއް އޮވެގެން ކުރާ ކަމެއް - ރައީސް
ޕާޓީގެ މުހިންމު ސިޔާސަތު އެއީ ކަމުނުދާ ސިޔާސަތެއްކަމަށް ފެންނަ ބޭފުޅުން ޕާޓީތެރޭގައި އެބަތިބި
ވިސްނަންވީ ޕާޓީގެ ސިޔާސަތުތައް ކުރިއެރުވުމުގައި ކޮންބައެއްތޯ މިތިބީ ނުކުމެ
އަޅުގަނޑުމެން ބޭނުންވީ ހަމަޖެހޭ، ހިތްގައިމު، އުފާވެރިކަމާއެކުގައި، މިނިވަންކަމާއެކުގައި އުޅޭވޭނެ ގައުމެއް ހޯދުން

ޖަޒީރާ ރާއްޖެ ތަރައްގީކުރުމާއި އިދިކޮޅަށް ވާހަކަ ދެއްކުމަކީ އެމްޑީޕީގެ ސިޔާސަތެއް ކުރިއެރުވުމެއް ނޫން ކަމަށާއި، އެއީ ވަކި އެހެން މަގްސަދެއް އޭގެ ފަހަތުގައި އޮވެގެން ކުރާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕޭނަށް ގުރައިދޫއަށް ވަޑައިގެން އެމްޑީޕީގެ މެންބަރުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ އެމްޑީޕީގެ ސިޔާސަތަކީ ޖަރީޒާ ރާއްޖެއެއް ތަރައްގީ ކުރުން ކަމަށެވެ. ވަކިވަކި ރަށްތައްވެސް ތަރައްގީކުރުން ކަމަށާއި، ރައްޔިތަކު ދިރިއުޅޭ ކޮންމެ ރަށެއްގައި އެ ރައްޔިތަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދީގެން ނޫނިއްޔާ ރަށްރަށަކު ވަޒަންވެރިވެ އިގްތިސާދެއް ބިނާ ނުކުރެވޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ ރަށްރަށުގައި ފެނާއި ނަރުދަމާ، ބަނދަރާއި ކަރަންޓާއި އަދި މަގުތައް ހެދުމާއި، މިހެން ހުރި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމާ އެކު ޒުވާނުންނަށް ބޭނުންވާ ކުޅިވަރު ކުޅޭނެ ތަންތަން ތަރައްގީކޮށް ސިއްހީ ހިދުމަތް ގާތުން ލިބޭނެ ގޮތް ހޯދައިދީ، ދަރިންނަށް ތައުލީމު ލިބޭނެ ގޮތް ހޯދައިދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެހެންނަމަވެސް ޕާޓީގެ މި މުހިންމު ސިޔާސަތު އެއީ ކަމުނުދާ ސިޔާސަތެއްކަމަށް ފެންނަ މީހުން ޕާޓީތެރޭގައި އެބަތިބި ކަމަށް ރައީސް ވިދާޅުވިއެވެ. ކުދި ރަށްރަށުގައި ދިރިއުޅޭ އާބާދީތަކަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތައް އެއީ ބޭކާރު ހަރަދެއް ކަމަށް ބައެއް މީހުންނަށް ގަބޫލުކުރެވޭ ކަމަށާއި، އެވާހަކަތައް ދައްކާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންވީމާ މީގައި ވިސްނަންވީ ޕާޓީގެ ސިޔާސަތުތައް ކުރިއެރުވުމުގައި ކޮންބައެއްތޯ މިތިބީ ނުކުމެ. ބައެއް ބޭފުޅުންގެ ވިސްނުން ބަަދަލުވީ ކިއްވެގެންތޯ. އަބަދުވެސް އަޅުގަނޑުމެން ވަކާލާތުކުރަމުން އައީ ޖަޒީރާ ރާއްޖެ ތަރައްގީކުރުމަށް. މިއަދު މުޅިން އެއާއި އިދިކޮޅަށް ވާހަކަ ދައްކަވަމުން ގެންދާ ކަމީ އެމްޑީޕީގެ ސިޔާސަތެއް ކުރިއެރުވުމެއް ނޫން. ވަކި އެހެން މަގްސަދެއް އޭގެ ފަހަތުގައި އޮވެގެން ކުރާ ކަމަކަށް ވެދާނެ. ތިބޭފުޅުން އެއާއި ކައިރިވެވަޑައި ނުގަންނަވާތި. އެއީ އެމްޑީޕީގެ ސިޔާސަތެއް ނޫން. އަޅުގަނޑުމެން ބޭނުންވީ ހަމަޖެހޭ، ހިތްގައިމު، އުފާވެރިކަމާއެކުގައި، މިނިވަންކަމާއެކުގައި އުޅޭވޭނެ ގައުމެއް ހޯދުން. ރަށްތަކުގައި ދިރިއުޅޭ މީހުން ވެސް އަދި މާލޭގައި ދިރިއުޅޭ މީހުން ވެސް އަދި އެހެން ސިޓީތަކުގައި ދިރިއުޅޭ މީހުން ވެސް ސުލްހަވެރިކަމާއި ހަމަޖެހުމާ އެކީގައި އަމިއްލަ މަސައްކަތާއިގެން ކުރިއަށް ދެވޭނެ މާހައުލެއް ހޯދުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކީގައި 2018 ވަނަ އަހަރު ކުރި މަސައްކަތުން އަޅުގަނޑުމެން މިވަނީ އެހިސާބަށް އާދެވިފައި.
ރައީސް ސާލިޙު

ރައީސް ވިދާޅުވީ ވިސްނަންވީ، މިހިސާބުން ހުއްޓާލާފައި ތިބެންވީތޯ، ފަހަތަށް ދާނީތޯ ނޫނިއްޔާ މި ފެށި މަސައްކަތާއިގެން ކުރިއަށްދާނީތޯ ކަމަށެވެ. ރައީސް ވިދާޅުވީ ދެންވެސް ވެރިކަމަށް ނާދެވި ބޭނުންވެވަޑައިގަންނަވާ މަގްސަދުތަކެއް އަދި މިއަށްވުރެ ރަނގަޅު މާދަމާއެއް ހޯދަން ކުރާ މަސައްކަތެއް ނުކުރެއްވޭނެ ކަމަށެވެ. އެހެންކަމުން ޕްރައިމަރީގައި ވޯޓް ދެއްވާއިރުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ސިކުނޑީގައި ގެންގުޅެންވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ ކިހިނެއްތޯ ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް އެމަނިކުފާނަށް ބޭނުންވާ ވޯޓާއި ތާއީދު ހޯދޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

- ކޮމެންޓް