ސްޕެނިޝް ލީގުގައި އެތުލެޓިކް ބިލްބާއޯ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑު ލީގު ރޭހުގައި ބާސެލޯނާގެ ފަހަތު ވިއްދައިފި އެވެ.
ބިލްބާއޯގެ ދަނޑުގައި ކުޅުނު މެޗުން ރެއާލުން ކާމިޔާބުކުރީ 2-0 އިންނެވެ. މެޗު ފަށައިގެން ނުވަ ވަނަ މިނެޓުގައި ބިލްބާއޯ އަށް ވަނީ ލަނޑު ޖަހާނެ ފުރުސަތެއް ލިބިފަ އެވެ. އެ ޓީމުގެ ޑިފެންޑަރު އައިޓޯ ޕަރޭޑަސް ބޮލުން ފޮނުވާލި ބޯޅަ ރެއާލްގެ ގޯލް ކީޕަރު ތިބައޫ ކޯޓުއާ ވަނީ އަތުން ޖައްސައި ބޭރުކޮށްލާފަ އެވެ. އޭގެ ފަހުން އެ ޓީމުގެ ނިކޯލަސް ވިލިއަމްސް ފޮނުވާލި ބޯޅަ ވެސް ކޯޓުއާ މަތަކުރި އެވެ. މެޗުގައި ރެއާލްގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަަގައިދިނީ ކެޕްޓަން ކަރީމް ބެންޒެމާ އެވެ. މެޗުގެ 24 ވަނަ މިނެޓުގައި ރެއާލްގެ ފެޑެރިކޯ ވަލްވާޑޭ ހުރަސްކޮށްދިން ބޯޅައެއް އެ ޓީމުގެ މާކޯ އަސެންސިއޯ ބޮލުގައި ޖެހިފަ ލިބުނީ ބެންޒެމާ އަށެވެ. ލިބުނު ބޯޅަ ބެންޒެމާ ވަނީ އެއް ފަހަރުން ޖަހައި ގޯލުގެ ތިރީ ކަނަށް ފޮނުވާލައިފަ އެވެ. މެޗުގައި ރެއާލްގެ ދެ ވަނަ ލަނޑު ޖެހީ ޓޯނީ ކްރޫސް އެވެ. އެއީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ރޮޑްރީގޯ ދިން ބޯޅައެއް ތިރިން ގޯލަށް ފޮނުވާލައިގެން ކްރޫސް ކާމިޔާބުކޮށްދިން ލަނޑެކެވެ.
މެޗުން މޮޅުވެ ރެއާލުން އޮތީ ލީގު ތާވަލްގެ ދެ ވަނައިގަ އެވެ. އެއީ ކުޅުނު 17 މެޗުން 41 ޕޮއިންޓާއެކު އެވެ. އެއް ވަނައިގައި އޮތް ބާސެލޯނާއާ ރެއާލާ ދެމެދު އޮތީ ތިން ޕޮއިންޓުގެ ފަރަގެކެވެ.