ޤައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ދެ މެޗު ކްލަބް އީގަލްސްއާއި ކްލަބް ވެމްކޯ ކާމިޔާބުކޮށްފިއެވެ.
އމުބާރާތުގެ ފުރަތަމަ މެޗު އީގަލްސް ކާމިޔާބުކުރީ ކްލަބް ވޮލީބޯލްއާ ވާދަކޮށް, ވާދަވެރި ކުޅުމަކަށްފަހު 3-2 ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓް 27-25 ން އީގަލްސް ގެންގޮސްފައި ވަނިކޮށް މެޗު އިތުރަށް ވާދަވެރިވީ ޖެހިގެން އައި ދެސެޓް ކްލަބް ވޮލީބޯލްއިން ގެންދިއުމުންނެވެ. އެއީ 25-22 އަދި 25-16 ނެވެ. އެކަމަކު އެނބުރި މެޗުގެ ތެރެއަށް އައިސް އީގަލްސްއިން ވަނީ ފަސްވަނަ ސެޓް 15-09 ން ހޯދާ މެޗު ކާމިޔާބުކޮށްފައެވެ.
ވެމްކޯ ފުރަތަމަ މެޗު ކާމިޔާބުކުރީ ޕޮލިސް ކްލަބާ ވާދަކޮށް ފަސޭހައިންނެވެ. އެއީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް ކްލަބް ވެމްކޯއިން ގެންދިޔައީ 25-17, 25-23 އަދި 25-20 ނެވެ. މެޗުގެ މޮޅުކުޅުންތެރިއަކީ ވެމްކޯގެ ސެޓަރު ޖޫޒާން ޒަރީރެވެ.
މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ އީގަލްސްއާއި ޕޮލިސް ކްލަބެވެ. މާދަމާރޭ ވާދަކުރާނީ ކްލަބް ވޮލީބޯލްއާއި ވެމްކޯއެވެ.