Advertisement
ކ. މާލެ
|
21 ޖެނުއަރީ 2023 | ހޮނިހިރު 21:58
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވާހަކަފުޅު ދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވާހަކަފުޅު ދައްކަވަނީ
އެމްޑީޕީ
އެމްޑީޕީ ޕްރައިމަރީ ކެމްޕޭން
2023 ގައި އޮންނަ ރިޔާސީ އިންތިޚާބު ކާމިޔާބުނުކޮށް، ކުރިއަށް އޮތް އިންތިޚާބުތައް ކާމިޔާބު ކުރަން އެމްޑީޕީއަށް ދަތިވާނެ: ރައީސް
އެމްޑީޕީ ކުރިއަށް މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ ކެމްޕޭނަކީ ނުހަނު މުހިއްމު ކެމްޕޭނެއް

2023 ގައި އޮންނަ ރިޔާސީ އިންތިޚާބު ކާމިޔާބުނުކޮށް، ކުރިއަށް އޮތް އިންތިޚާބުތައް ކާމިޔާބު ކުރަން އެމްޑީޕީއަށް ދަތިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

ފުވައްމުލަކުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙުގެ ކެމްޕޭނު ޖަގަހަ ހުޅުވުމަށް ހޮނިހިރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސާލިޙު ވިދާޅުވީ، އެމްޑީޕީ ކުރިއަށް މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ ކެމްޕޭނަކީ ނުހަނު މުހިއްމު ކެމްޕޭނެއް ކަމަށެވެ.

މިއީ ރާއްޖޭގައި ސުލްޙައާއި އަމާންކަމާއި ހަމަޖެހުން ޤާއިމުކޮށް، ހިޔާލު ފާޅު ކުރުމާއި، އެއްވެ އުޅުން އަދި ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމަށް ކުރާ މަސައްކަތެއްކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ސިއްހީ ޚިދުމަތާއި، ތައުލީމު ފޯރުކޮށްދިނުން ފަދަ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ އެމަނިކުފާނުގެ އަމާޒުކަމަށްވެސް ރައީސް ސާލިޙު ވިދާޅުވިއެވެ.

ވެރިކަމަށް އާދެވޭނެ ގޮތާއި އެ މަގު ވަރަށް ސާފުކޮށް ފެންނަން އެބައޮތްކަން ފާހަގަ ކުރައްވައި ރައީސް ވަނީ، ވެރިކަމަށް އެމްޑީޕީއަށް އާދެވޭނެ ގޮތް ހެދުމަށް ޕާޓީގެ މެމްބަރުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

އެމްޑީޕީ ޕްރައިމަރީ ބޮޑުތަނުން އެމަނިކުފާނު ކާމިޔާބު ކުރައްވާނެ ކަމުގެ ޝައްކެއް ނެތްކަމަށްވެސް ރައީސް ސާލިޙު ވިދާޅުވިއެވެ.

Advertisement

އޭގެ އިތުރުން، ވެރިކަމުގައި ތިބި ބަޔަކަށް އިންތިޚާބުތަކުގައި އޮންނަ ފައިދާތަކުގެ މައްޗަށްވެސް ރައީސް ވަނީ އަލިއަޅުވާލައްވާފައެވެ. ރައީސް ވިދާޅުވި ގޮތުގައި 2023 ކާމިޔާބުނުކޮށް، ކުރިއަށް އޮތް އިންތިޚާބުތައް ކާމިޔާބު ކުރުން ދަތިވާނެއެވެ.

ރައީސް ވަނީ ޕާޓީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންވެސް އެކަމަށް ސަމާލުވުމަށް އެދިވަޑައިގެންފައެވެ.

ފުވައްމުލަކު ސިޓީއަށް އަލިއަޅުވާލައްވާ ރައީސް ވިދާޅުވީ، ކޮންމެ ސަރުކާރަކުންވެސް އެ ސިޓީގައި މަސައްކަތްތަކެއް ފަށާ ކަމަށާއި، ނަމަވެސް ރޭވުންތެރިކަމެއް އަދި ޕްލޭނެއް ނެތުމުގެ ސަބަބުން ދެފަހަރަށް އެއް މަސައްކަތެއް ކުރަންޖެހޭ ކަމަށެވެ.

އެގޮތުން ރައީސް ވަނީ އެ ރަށު މަގުތަކުގެ ޙާލަތާއި ނަރުދަމާއަށް އަލިއަޅުވާލައްވާފައެވެ. މިއަދު ކައުންސިލުގެ މަޝްވަރާއާއެކު ފުވައްމުލަކުގައި ހިންގަމުންދާ މަޝްރޫއުތަކަށްވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުވާލައްވާފައިވެއެވެ. އޭގެ ތެރޭގައި މަގު ހެދުމާއި، ބަނދަރުގެ ދަތިކަމަށް ޙައްލު ގެނައުމާއި، މަސްވެރިން ބާނާ މަސް ގަނެވޭނެ ގޮތް ހެދުމާއި، ސްކޫލުގެ މަސައްކަތްތައް ހިމެނެއެވެ.

ފުވައްމުލަކު ސިޓީގެ ރައްޔިތުން ބޭނުންވާ ބަދަލާއި ތަރައްޤީ ގެނެސްދިނުމަށް ތައްޔާރަށް ހުންނެވިކަން ފާހަގަ ކުރައްވައި ރައީސް ވަނީ އިންތިޚާބުގައި ވޯޓު ލާއިރު އެކަންކަމަށް ފުންކޮށް ވިސްނުމަށް އެދިވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް