ފްރާންސްގެ ޗެމްޕިއަން މޮނާކޯގެ ތޯމަސް ލެމާ ހޯދުމަށް އާސެނަލް އިން ކުރި 35 މިލިއަން ޕައުންޑުގެ ބިޑު ކާމިޔާބު ނުވި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ގޯލްޑޮޓްކޮމް އިން ބުނީ އާސެނަލް އިން ލެމާ ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި، އެގޮތުން އެޓީމުން ހުށަހެޅި 35 މިލިއަން ޕައުންޑު މޮނާކޯ އިން ރިޖެކްޓްކޮށްފައިވާ ކަމަށެވެ.
އުމުރުން 21 އަހަރުގެ ލެމާ ވަނީ މިދިޔަ ސީޒަނުގައި މޮނާކޯ އަށް ކުޅުނު މެޗުތަކުގައި 15 ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން މޮނާކޯ އިން އަންނަނީ އޭނާ ކްލަބުގައި ބެހެއްޓުމަށް ވެސް މަސައްކަތްކުރަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
ފްރާންސްގެ ގައުމީ ޓީމުން ވެސް ޖާގަ ހޯދާ މިހާތަނަށް ފަސް މެޗު ކުޅެފައިވާ ލެމާ އޭނާގެ ކެރިޔަރު ފެށީ ފްރާންސްގެ ސިއެން އިންނެވެ. އެގޮތުން އޭނާ ވަނީ އެކްލަބަށް 36 މެޗު ކުޅެދީފައެވެ. ލެމާ ވަނީ މި ސީޒަނުގައި މޮނާކޯއާ އެކު ލީގު ތަށި އުފުލާލާފައެވެ.
ލެމާގެ އިތުރުން އާސެނަލް އިން އަންނަނީ މޮނާކޯގެ ސްޓްރައިކަރު ކީލިއަން އެމްބަޕޭ ވެސް ހޯދުމަށް މަސައްކަތްކުރަމުންނެވެ. އެހެންނަމަވެސް އަދި އެކަން ވެސް އެ ކްލަބަށް ކާމިޔާބުކުރެވޭ ގޮތެއްނުވެއެވެ.
މި ޓްރާންސްފާ ބާޒާރުގައި އާސެނަލް ދޫކޮށްލުމަށް ފަހު އެޓީމުގެ ފޯވާޑް އެލެކްސަސް ސަންޗޭޒް ދާނެ ކަމަށް ރިޕޯޓްތައް ބުނާއިރު، ކުރިޔަށް އޮތް ދެއަހަރު ކްލަބުގެ ކޯޗުގެ ގޮތުގައި މަޑުކުރުވުމަށް ނިންމާފައިވާ އާސެން ވެންގާ އަންނަނީ ސަންޗޭޒްގެ ރިޕްލޭސްމެންޓެއް ހޯދުމަށް މަސައްކަތްކުރަމުން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އަނެއްކޮޅުން ސަންޗޭޒް އާއި ފްރާންސްގެ ފޯވާޑް އޮލީވިއާ ޖިރޫ އެ ކްލަބުގައި މަޑުކުރަން މިހާރު އެއްބަސްވެއްޖެ ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.