ކ. މާލެ
|
21 ޖެނުއަރީ 2023 | ހޮނިހިރު 12:15
އޭޓީއާރް 72-600
އޭޓީއާރް 72-600
މޯލްޑިވިއަން
މޯލްޑިވިއަން
އޭޓީއާރް 72ގެ ފުރަތަމަ ދަތުރު މިއަދު އައްޑޫއަށް
މި ދަތުރު ތާވަލުކޮށްފައިވަނީ މިއަދު މެންދުރުފަހު 15:40ށް
އޭޓީއާރް 72ގެ ދެ ބޯޓު ގެނެސްފައިވޭ

ގައުމީ އެއަރލައިން, މޯލްޑިވިއަންގެ ފްލީޓަށް ދާދިފަހުން އިތުރުކުރި އޭޓީއާރް 72 މަރުކާގެ ބޯޓުގެ ފުރަތަމަ ދަތުރު ބާއްވާނީ އައްޑޫއަށް ކަމަށް އެ އެއަރލައިނުން ބުނެފިއެވެ.

މިމަހުގެ 4 ވަނަ ދުވަހު މޯލްޑިވިއަނުން ވަނީ އެ އެއަރލައިންގެ ފްލީޓަށް އޭޓީއާރް 72 މަރުކާގެ 2 ބޯޓު އިތުރުކޮށްފައެވެ.

މިތަނުން އެއް ބޯޓުގެ ދަތުރު ހޮނިހިރު ދުވަހުގެ މެންދުރުފަހު 15:40ށް ވަނީ ތާވަލުކޮށްފައެވެ. މޯލްޑިވިއަނުން ބުނީ މި ބޯޓު ދަތުރުކުރާނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ކަމަށެވެ.

މި ދެ ބޯޓު ބޭނުންކުރާނީ އެތެރޭގެ އުދުހުންތަކުގައި ކަމަށް މޯލްޑިވިއަނުން ވަނީ މީގެ ކުރިން ބުނެފައެވެ. މި ދެ ބޯޓުގެ ދަތުރުތައް ފެށުމުން، މިހާރު ދިމާވަމުން އަންނަ އެތައް މައްސަލައަކަށް ހައްލު އަންނާނެ ކަމަށާއި، މިގޮތުން ޑިލޭވުން މަދުވުމާއި، މަރާމާތުތައް މަދުވާނެ ކަމަށް ބުނެފައިވެއެވެ.

މިއަހަރުގެ ތެރޭގައި އޭޓީއާރް 42 މަރުކާގެ ބޯޓެއް ގެނައުމަށްވެސް މޯލްޑިވިއަނުން ވަނީ ނިންމާފައެވެ. 50 މީހުންގެ ޖާގައިގެ މި ބޯޓުވެސް ބޭނުންކުރާނީ އެތެރޭގެ އުދުހުންތަކަށް ކަމަށް މޯލްޑިވިއަނުން ބުނެފައިވެއެވެ.

މޯލްޑިވިއަންގެ ފްލީޓުގައި މިހާރު ހުރި ގިނަ ބޯޓުތަކަކީ ޑޭޝް-8ގެ ބޯޓުތަކެވެ. މޯލްޑިވިއަންގެ ފްލީޓަކީ އޭޓީއާރު ފްލީޓަކަށް ހެދުމަށް އެކުންފުނިން އަމާޒު ހިފާފައިވާއިރު، ކުރިއަށް އޮތް 8 އަހަރުގެ ތެރޭގައި ޑޭޝް-8ގެ 9 ބޯޓު ވިއްކާލުމަށް އެކުންފުނިން ވަނީ ނިންމާފައެވެ. އަދި މި ބޯޓުތައް ގަންނާނެ ބަޔަކު ހޯދަން ވަނީ އިއުލާނުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް