ކ. މާލެ
|
21 ޖެނުއަރީ 2023 | ހޮނިހިރު 10:10
ޔުވެންޓަސްއިން ކުޅުނު މެޗުގެ ތެރެއިން
ޔުވެންޓަސްއިން ކުޅުނު މެޗުގެ ތެރެއިން
ޓްވީޓަރ
އިޓާލިއަން ކަޕް
މޮންޒާ ބަލިކޮށް، ޔުވެންޓަސް ކުއާޓަރ ފައިނަލަށް
ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު ޔުވެންޓަސްއިން ކާމިޔާބުކުރީ 2-1ން

އިޓާލިއަން ކަޕްގެ ގަދަ 16ގައި މޮންޒާ ބަލިކޮށް, ޔުވެންޓަސް މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ހުކުރު ދުވަހު ކުޅުނު މެޗު ޔުވެންޓަސްއިން ކާމިޔާބުކުރީ 2-1ންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީވެސް ޔުވެންޓަސްއިންނެވެ. މެޗުގެ އަށްވަނަ މިނެޓުގައި އެ ޓީމަށް ކުރި ހޯދައިދިނީ މޮއިސް ކީންއެވެ. އެއީ އެ ޓީމުގެ ވެސްޓަން މެކްކެނީ ހުރަސްކޮށްދިން ބޯޅައެއް މޮންޒާގެ އޭރިޔާ ތެރޭގައި ހުރެ ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ. ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި މޮންޒާއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. އެއީ މޮންޒާއަށް ލިބުނު ކޯނަރެއްގައި އަންޑްރެއާ ކޮލްޕާނީ ނަގައިދިން ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެން، މަޓިއާ ވަލޯޓީ ކާމިޔާބުކޮށްދިން ލަނޑެކެވެ. މެޗުން ޔުވެންޓަސް މޮޅުކޮށްދިނީ 78 ވަނަ މިނެޓުގައި ފެޑެރީކޯ ކިއޭސާ ޖަހައިދިން ލަނޑުންނެވެ. އޭރިޔާ ބޭރުން ބޯޅަ ހިފައިގެން ވަދެ އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.

އިޓާލިއަން ކަޕްގެ ކުއާޓަރ ފައިނަލްގައި ޔުވެންޓަސް ވާދަކުރަން ޖެހޭނީ ލާޒިއޯއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް