ކ. މާލެ
|
21 ޖެނުއަރީ 2023 | ހޮނިހިރު 09:18
ރިޝީ ސުނާކް
ރިޝީ ސުނާކް
ރޮއިޓާސް
އިނިގިރޭސިވިލާތް
އިނގިރޭސި ބޮޑުވަޒީރު ބެލްޓު ނާޅުއްވައި ކާރު ދުއްވެވުމުން ޖޫރިމަނާކޮށްފި
 
މިއީ ސުނާކް ސަރުކާރުގެ އިސް މަގާމެއްގައި ހުންނަވަނިކޮށް ޖޫރިމަނާކުރި ދެވަނަ ފަހަރު

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު، ރިޝީ ސުނާކް ކާރު ދުއްވެވިއިރު ސީޓު ބެލްޓު ނާޅުއްވައި އިންނެވީތީ ޖޫރިމަނާކޮށްފިއެވެ.

އެ ގައުމުގެ ފުލުހުން ސުނާކް ޖޫރިމަނާކުރީ ސުނާކް އާއްމުކުރެއްވި ވީޑިއޯއަކާ ގުޅިގެންނެވެ. އެގޮތުން، ސުނާކް އެމަނިކުފާނުގެ ސޯޝަލް މީޑިއާގައި މެސެޖަކާއެކު ހިއްސާކުރެއްވި ވީޑިއޯގައި ފެންނަނީ، ސީޓް ބެލްޓާ ނާޅުއްވައި ޕެސެންޖަރ ސީޓުގައި އިންނަވާ މަންޒަރެކެވެ. އެއާއެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ އެކަން ފާހަގަކޮށް އެމަނިކުފާނަށް ފާޑުކިޔާފައެވެ.

ސުނާކްގެ ތަރުޖަމާނު ބޭރުގެ މީޑިއާތަކަށް ވިދާޅުވީ، އެމަނިކުފާނު އަމިއްލަފުޅު ކުށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން ޖޫރިމަނާ ދައްކާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ސީޓް ބެލްޓް ނާޅައި ދުއްވުމަކީ ނުރައްކާތެރިކަމެއްކަން ގަބޫލުފުޅުކުރައްވާ ކަމަށާއި، އެއީ ހެެއްދެވުނު ވަރަށް ބޮޑު ގޯހެއްކަން ފާހަގަކުރައްވައި، ރައްކާތެރިކަމާއެކު ދުއްވުމަށް އިނގިރޭސިވިލާތުގެ ރައްޔިތުންނަށް ސުނާކް އިލްތިމާސްކުރެއްވި ކަމަށްވެސް އެމަނިކުފާނުގެ ތަރުޖަމާނު ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ލެންކަޝަރ ފުލުހުން ބުނީ، ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއެއްގައި 42 އަހަރުގެ ފިރިހެނަކު ޕެސެންޖަރ ސީޓުގައި ބެލްޓު ނާޅައި އިންކަން އެނގޭތީ ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

އިނގިރޭސިވިލާތުގައި ކާރުދުއްވާ މީހުންނާއި ފަސިންޖަރުންވެސް ސީޓު ބެލްޓު އަޅަން ޖެހޭނެއެވެ. އެ ގަވާއިދާ ޚިލާފުވާ ފަރާތްތައް 500 ޕައުންޑާ ހަމައަށް ޖޫރިމަނާ ކުރެއެވެ.

މިއީ އިނގިރޭސިވިލާތުގެ ފުލުހުން ސުނާކް ސަރުކާރުގެ އިސް މަގާމެއްގައި ހުންނަވަނިކޮށް ޖޫރިމަނާކުރި ދެވަނަ ފަހަރެވެ. އެގޮތުން 2022 ވަނަ އަހަރުގެ އޮގަސްޓް މަހު އެމަނިކުފާނާއި އޭރުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން، ލޮކްޑައުންކޮށްފައި ވަނިކޮށް ސަރުކާރުގެ އޮފީހެއްގެ ތެރޭގައި ޕާޓީއެއް ބޭއްވެވުމުން ވަނީ ޖޫރިމަނާ ކޮށްފައެވެ. އޭރު ސުނާކް ހުންނެވީ އެ ގައުމުގެ ފިނޭންސް މިނިސްޓަރުގެ މަގާމުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
40%
0%
40%
0%
0%
20%
ކޮމެންޓް