Advertisement
ކ. މާލެ
|
21 ޖެނުއަރީ 2023 | ހޮނިހިރު 08:58
މަހުލޫފު
މަހުލޫފު
ރާއްޖެއެމްވީ
އެމްޑީޕީ ޕްރައިމަރީ
އެމްޑީޕީގެ ބައެއް މެމްބަރުން، އިދިކޮޅުން ނުދޭހާ ގެއްލުން މި ސަރުކާރަށް ދީފި: މަހުލޫފު
މައްސަލައަކީ ވަކި ބޭފުޅަކު ވިދާޅުވާގޮތަކަށް ކެބިނަޓަށާއި ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ނުކުރެއްވުން
މައްސަލައަކީ ރާއްޖޭގެ ކުޑަ ރަށެއްގެ ރައްޔިތަކު މިއަދު ވެރިކަންކުރައްވާތީ
މައްސަލައަކީ ވިދާޅުވާހާ ގޮތަކަށް ޕަޕެޓެއްހެން ވެރިކަން ކުރައްވަމުން ނުގެންދެވުން

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ބައެއް މަޖިލިސް މެމްބަރުން ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި އިދިކޮޅުގެ މެމްބަރުން ނުދޭވަރަށް ސަރުކާރަށް ގެއްލުން ދީފައިވާކަމަށް، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މަހުލޫފު މިފަދައިން ވިދާޅުވީ "އެމްޑީޕީ ކުރިއަށް"ގެ ނަމުގައި ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ޕްރައިމަރީ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެމްޑީޕީގެ ބައެއް މެމްބަރުން ސަރުކާރާމެދު ހިތްހަމަނުޖެހެނީ އެ ބަޔަކު ބޭނުންވާ ބޭފުޅަކު ވެރިކަމުގައި ނެތުމުގެ ސަބަބުން ކަމަށާއި، ބޭނުންގޮތަށް ވެރިކަން ކުރައްވަމުން ނުގެންދަވާތީކަން މަހުލޫފު ފާހަގަ ކުރެއްވިއެވެ.

Advertisement

އޭނާ ވިދާޅުވީ، އެމްޑީޕީގެ މެމްބަރުން އިދިކޮޅުގެ މެމްބަރުންނަށްވުރެ ބޮޑަށް އަދުގެ ސަރުކާރުގެ އިތުބާރު ގެއްލުވާލަން މަސައްކަތްކޮށްފައި ވާކަމަށެވެ. އެގޮތުން، މި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކަކީ ބިލާހެއްކަމަށް ހެދުމަށް މަސައްކަތްކުރަމުން އަންނަކަމަށާއި، އެ ހަދާ ދޮގުތައް ތެދުކަމަށް ރައްޔިތުން ގަބޫލުކުރާވަރު ކުރިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މައްސަލައަކީ ރާއްޖޭގެ ކުޑަ ރަށެއްގެ ރައްޔިތަކު މިއަދު ވެރިކަން ކުރާތީ. ހަމައެކަނި މާލޭ މީހުން ކުރަން އޮތް ކަމެއް ނޫނޭ އިނގޭތޯ ވެރިކަމަކީ! މައްސަލައަކީ ވަކި ބޭފުޅަކު ވިދާޅުވާގޮތަކަށް ކެބިނަޓަށާ ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ނުކުރެއްވުން. ވަކި ވަރަކަށްތާ އައްޔަންވެސް ކޮށްދެއްވޭނީ. މައްސަލައަކީ ވިދާޅުވާހާ ގޮތަކަށް ޕަޕެޓެއްހެން ވެރިކަން ކުރައްވަމުން ނުގެންދެވުން.
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު

ވެރިކަމަށް ވާދަކުރުމާއި ޝައުގުވެރިކަން ފާޅުކުރުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްގެއްކަން ފާހަގަކުރައްވައި މަހުލޫފު ވިދާޅުވީ، އެހެންނަމަވެސް އެމްޑީޕީން ވެރިކަމަށް އައުމަށް އޮޅުވާލުމާއި މަކަރާއި ދޮގު ހަދައިގެން އެކަން ކުރާން މަސައްކަތް ކުރާނަމަ، އެކަމާ ހިތާމަކުރައްވާ ކަމަށެވެ. އަދި އަމިއްލަ ޕާޓީ ތަމްސީލުކުރައްވާ ވެރިޔަކު ހުންނެވިއިރު، އެ ވެރިޔާއަށާއި ސަރުކާރަށް ވައްކަމުގެ ތުހުމަތާއި ބޮޑެތި ޖަރީމާތަކުގެ ތުހުމަތު އެޅުވުންވެސް ގަބޫލުނު ނުކުރެއްވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބެސްޓް ފްރެންޑް ހަތުރަކަށް ބަދަލުވާގޮތަށް ކަންތައްތައްވާކަމީ އަޅުގަނޑު ހިތާމަކޮށް، ދެރަވާ ކަމެއް. ޕްރައިމަރީ ކާމިޔާބު ނުކުރެެއްވިއްޖެނަމަ އެހެން ކެންޑިޑޭޓަކަށް ތާއީދު ކުރައްވާނެ ވާހަކަ، ނޫންނަމަ ގޮސް ހުންނަވާނީ ގޭގަކަމަށް ވިދާޅުވާ ވާހަކައަކީ އަޅުގަނޑުމެންނަށް އަޑުއަހަން، ޑިމޮކްރަސީއާ ބީރައްޓެހި ވާހަކަތަކެއް.
މަހުލޫފު

މަހުލޫފު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވައި، ރައީސް ސާލިހުއާއި ސަރުކާރަށް ފާޑުކިޔުއްވަމުން ގެންދަވާތީއެވެ. އެގޮތުން، ރައީސް ނަޝީދު ވަނީ ޕްރައިމަރީ ކާމިޔާބު ނުކުރެއްވިއްޖެނަމަ ރައީސް ސާލިހާއެކު މަސައްކަތްޕުޅު ނުކުރައްވާނެ ކަމަށާއި، އޭރުން ހުންނަވާނީ ގޭގައި ކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނަށް ތާއީދު ކުރައްވާ އެމްޑީޕީގެ އިސް ބައެއް ފަރާތްތަކުންނާއި ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެ ޕާޓީގެ ބައެއް މެމްބަރުންވެސް ގެންދަވަނީ ސަރުކާރަށާއި ރައީސަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް