ބަހުގެ ޚިދުމަތާއި އެކު ވިލިމާލޭގެ ދަތުރުފަތުރުކުރުމުގެ ނިޒާމަށް ހައްލު ލިބޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ވިލިމާލޭގައި އެކަށީގެންވާ ދަތުރުފަތުރުގެ ނިޒާމެއް ނެތުމަކީ އެ އަވަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް އާޒިމް ވިދާޅުވިއެވެ. ޚާއްސަކޮށް ވިލިމާލޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނާއި ޚާއްސަ އެހީ އަށް ބޭނުންވާ މީހުންގެ އިތުރުން ސްކޫލް ކުދިންނަށް އެކަމުގެ ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށް އާޒިމް ވަނީ ފާހަގަކުރައްވާފައެވެ. އެ ޝަކުވާ އާއްމުންގެ ފަރާތުން ތަކުރާރުކޮށް ލިބިފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންކަމުން އާއްމުންގެ އެ ކަންބޮޑުވުންތަކަށް ހައްލު ހޯދާދިނުމަށް މިނީ ބަހުގެ ޚިދުމަތް ފެށީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އިސްނެންގެވުމާއި އެކުގައި ކަމަށް އާޒިމް ފާހަގަކުރެއްވިއެވެ.
އާޒިމް ވަނީ ބަސްރޫޓުތައް ހަދާފައި ވަނީ އެންމެ ގިނައިން މީހުންދާން ބޭނުންވާ ތަންތަން ބަލާ ހޯދުމަށް ފަހުގައި ކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުންގެ އެދުމާއި އެއްގޮތަށް އިތުރު ރޫޓްތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު ބަސް ހުއްޓާނީ ޖުމުލަ 10ތަނަކަށް ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ. އަދި ބަސް ދަތުރުގެ އަގުތައް ހާމަކުރާނީ ޓްރަޔަލް ދަތުރުތައް ނިމުމުން ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.
ވިލިމާލޭ ބަހުގެ ޚިދުމަތާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ އެ ޚިދުމަތް ފެށުމަކީ ވިލިމާލޭ ރައްޔިތުންނަށް ލިބުނު އުފަލެއް ކަމަށެވެ. އެ އަވަށުގެ ދަތުރުފަތުރު ރަނގަޅު ނޫންކަމުގެ ޝަކުވާ އާއްމުންގެ ފަރާތުން ވަރަށް ބޮޑަށް ލިބެމުންދާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އާރްޓީއެލް ޚިދުމަތަށް އާއްމުންގެ އިތުބާރު އޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ވިލިމާލޭގައި ބަހުގެ ޚިދުމަތް ފެށުމުން މީޑިއާތަކާއި ވާހަކަދެއްކި އާއްމުން ވަނީ އެކަމާއި މެދު ޝުއޫރު ފާޅުކޮށްފައެވެ. އެއީ އާއްމުންނަށް ލިބުނު ވަރަށް ބޮޑު ލުޔެއް ކަމަށް ވެސް އެ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.
ވިލިމާލޭގައި ބަހުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާނީ ތިމާވެއްޓާ ރައްޓެހި 6 އިލެކްޓްރޮނިކް ވެހިކަލް ނުވަތަ އީވީ ބަސްކަމަށް އެމް.ޓީ.ސީ.ސީން ވަނީ ބުނެފައެވެ. އަދި މި ބަސްތަކުގައި 11 މީހުންނަށް އިށީންދެ ތިބެވޭނެހެން ސީޓް ހަރުކޮށްފައި ހުންނާނެކަމަށާއި، 4 މީހުންނަށް ކޮޅަށް ތިބެވޭނެ ޖާގަވެސް އޮންނާނެކަމަށް އެކުންފުނިން ބުނެއެވެ.