ކ. މާލެ
|
30 ޖޫން 2017 | ހުކުރު 06:09
ޖަރުމަން ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ޖަރުމަން ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ޓްވިޓަރ
ކޮންފެޑެރޭޝަންސް ކަޕް
ކޮންފެޑެރޭޝަންސް ކަޕް: މެކްސިކޯ ބަލިކޮށް ފައިނަލުގެ ދެވަނަ ޖާގަ ޖަރުމަނަށް
މެކްސިކޯގެ މައްޗަށް ޖަރުމަން ކުރިހޯދީ 1-4 ގެ ނަތީޖާއަކުން
ފައިނަލުގައި ޖަރުމަނާ ދެކޮޅަށް ނިކުންނާނީ ޗިލީ
މެކްސިކޯ ތިންވަނަ ހޮވާ މެޗުގައި ބައްދަލުކުރާނީ ޕޯޗުގަލްއާ

ކޮންފެޑެރޭޝަންސް ކަޕްގައި މެކްސިކޯ ބަލިކޮށް ފައިނަލުގެ ދެވަނަ ޖާގަ ޖަރުމަނުން ހޯދައިފި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު ސެމީފައިނަލް މެޗު މެކްސިކޯއާ ވާދަކޮށް ޖަރުމަނުން ކާމިޔާބުކުރީ 1-4 ގެ ނަތީޖާއަކުންނެވެ.

ރަޝިއާގައި ކުޅުނު މި މެޗު ފެށިގެން ހަވަނަ މިނެޓުގައި ޖަރުމަނުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިއޯން ގޮރެޓިޒްކާ އެވެ. އޭގެ ދެ މިނެޓު ފަހުން ގޮރެޓިޒްކާ ވަނީ އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ.

މި ލަނޑުތަކަށް ފަހު ވެސް ޖަރުމަނަށް ވަނީ ލީޑު ނެގުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މީގެ އިތުރުން މެކްސިކޯއަށް ވެސް ވަނީ ނަތީޖާގެ ފަރަގު ކުޑަކުރުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން މެކްސިކޯގެ މައްޗަށް ޖަރުމަން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޖަރުމަނުން އެޓީމުގެ އެޓޭކްތައް އިތުރަށް ވަރުގަދަކޮށްފައިވާއިރު، ލަނޑު ޖެހުމަށް އިތުރު ފުރުސަތުތައް ތަނަވަސްކުރި އެވެ. އެގޮތުން 59 ވަނަ މިނެޓުގައި ޓިމޯ ވާނާ ވަނީ ޖަރުމަނަށް ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.

މި ލަނޑަށްފަހު މެކްސިކޯ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން ލަނޑު ޖެހުމަށް އެޓީމުން ދިޔައީ ފުލުފުލުގައި ފުރުސަތު ހޯދަމުންނެވެ. މެކްސިކޯ އިން މެޗުގައި ޖެހި ހަމައެކަނި ލަނޑު 89 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މާކޯ ޖޮންފާނީ އެވެ.

އެހެންނަމަވެސް މެޗުގެ އިތުރުވަގުތުގައި ޖަރުމަނުން ވަނީ އެޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަމިން ޔޫންސްއެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ހެކްޓާ މިގުއެލް ހެރޭރާގެ އެހީތެރިކަމާއެކުގައެވެ.

ފައިނަލް މެޗުގައި ޖަރުމަން ނިކުންނާނީ ޕޯޗުގަލް ބަލިކުރުމަށްފަހު ފައިނަލަށް ދަތުރުކުރި ޗިލީއާ އެވެ. ތިންވަނަ ހޮވާ މެޗުގައި ޖަރުމަން އަތުން ބަލިވި މެކްސިކޯ ނިކުންނާނީ ޕޯޗުގަލް އެވެ. މި ދެޓީމު ގްރޫޕް ސްޓޭޖުގައި ބައްދަލުކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ.

 

- ކޮމެންޓް