ކޮންމެ މީހަކަށްވެސް ކުށެއް ކުރެވިދާނެ ކަމަށާއި، މާޢާފު ކުރުމަކީ ރީތި އާދައެއް ކަމަށް، ޖަލަށް ލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރ މުޙައްމަދު ނާޒިމްގެ ކޮއްކޯފުޅު އަދި އެމްޔޫއޯގެ ހިޔަނި ކެބިނެޓުގެ މިނިސްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެރޭ އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރަޙުމަތްތެރިކަމަކީ ގަދަފަދަ ބާރެއް ކަމަށެވެ.
Rahumaiytheri kamakee gadhafadha baarekeve. Insaanunnah kusheh kurevidhaane eve. Ekaku anekakah ma'aaf kurumakee reethi aadha ekeve.
— FreeColNazim (@adamazim) June 29, 2017
އާޒިމް މިފަދައިން ޓްވީޓް ކުރައްވާފައިވާއިރު، އާޒިމްގެ ބޭބޭ، ނާޒިމް ފެރޭމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ނާޒިމްގެ އާއިލާއިން ތުޙުމަތުކުރާ ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު ޖަލުގައި އޮންނަވައިގެން މި ޖޫން މަހުގެ 22 ވަނަ ދުވަހު ނާޒިމްގެ މައްސަލައާ ގުޅޭ ސިޓީއެއް ސުޕްރީމް ކޯޓަށް ފޮނުއްވިކަން ރާއްޖެއެމްވީއަށް ވަނީ ކަށަވަރުކުރެވިފައެވެ.
އެ ސިޓީގައި އަދީބް ވިދާޅުވެފައިވާ ކަމަށް ރާއްޖެއެމްވީއަށް އެނގިފައިވަނީ، ނާޒިމް ދިރިއުޅުއްވި ކޮޓަރިން ފެނުނު ފިސްތޯލަ އާއި ނާޒިމްއާ އެއްވެސް ގުޅުމަށް ނެތް ކަމަށާއި އެ ފިސްތޯލަ އެތަނުގައި އޮތްކަން ނާޒިމަށް އެނގިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ފިސްތޯލައާ ގުޅޭ މައުލޫމާތު އެނގިވަޑައިގަންނަވާ މިންވަރަކުން ސުޕްރީމް ކޯޓުގައި ހާމަކުރައްވާނެ ކަމަށް އަދީބުގެ ސިޓީގައި ބަޔާންކުރައްވާފައި ވެއެވެ.
އާޒިމްގެ ޓްވީޓަކީ އަދީބްގެ މި ސިޓީފުޅާ ގުޅިގެން ކުރެއްވި ޓްވީޓެއް ނަމަ، މި ޓްވީޓަކީ ނާޒިމް ފްރޭމް ކުރުމުގައި އަދީބު އިސްކޮށް ހަރަކާތްތެރިވި ކަމަށް އާއިލާއިން ކުރާ ތުޙުމަތާ ގުޅިގެން އަދީބަށް މާޢަފު ކުރައްވާނެ ކަމުގެ އިޝާރާތެއް ކަމަށް ބެލެވެއެވެ.
އެކި މައްސަލަތަކުގައި ތިން ޙުކުމެއްކޮށް، 33 އަހަރަށް ޖަލަށްލީ ފަހުން އަދީބް ގެންދަވަނީ އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން އިދިކޮޅު ފަރާތްތަކުން ގުޅިގެން އުފައްދާފައިވާ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގައި ވެސް އެމަނިކުފާނުގެ ފަރާތުން އަނބިކަނބަލުން ތަމްސީލްކުރައްވައެވެ.