ކ. މާލެ
|
30 ޖޫން 2017 | ހުކުރު 03:50
ޕްލާސްޓިކް ބިސްކަމަށް ސޯޝަލް މީޑިއާގައި ބުނަމުންދާ ބިސްތައް
ޕްލާސްޓިކް ބިސްކަމަށް ސޯޝަލް މީޑިއާގައި ބުނަމުންދާ ބިސްތައް
ގޫގުލް
ޕްލާސްޓިކް ބިސް
ރާއްޖޭގައި ޕްލާސްޓިކް ބިސް ނެތްކަން ޔަގީނާ ގާތަށް ބުނަން ކެރޭ: އެމްއެފްޑީއޭ
މިކަން އެމްއެފްޑީއޭއިން އަންނަނީ ބަލަމުން
އެއްވެސް ގައުމަކުން މިފަދަ ފުޑް އެލާޓެއް ނެރިފައެއް ނުވޭ
ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރުމަށް އިމްޕޯޓްކުރާ ބާވަތްތައް އަަބަދުވެސް އަންނަނީ މޮނިޓަރ ކުރަމުން

ރާއްޖޭގައި ޕްލާސްޓިކް ބިސް ނެތްކަން ޔަގީނާ ގާތަށް ބުނަން ކެރޭކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި އާއްމުވި ފޮޓޯތަކާއި ގުޅިގެން މިކަން ވަރަށް ކައިރިން ބަލަމުންދާ ކަމަށާއި މިކަމާ ގުޅިގެން ބައެއް ތަންތަނުން ބިހުގެ ސާންޕަލްވެސް ނަގާފައިވާ ކަމަށްވެސް އެ އޮތޯރިޓީން ބުނެ އެވެ.

ރާއްޖެޓީވީގެ ސުންގަޑި ޕްރޮގްރާމުގައި ވާހަކަދައްކަަވަމުން، އެ އޮތޯރިޓީގެ އެސިސްޓެންޓް ޕަބްލިކް ހެލްތް ޕްރޮގްރާމު އޮފިސަރ އާދަމް އަސްކަރީ ވިދާޅުވީ،  ރާއްޖޭގައި ޕްލާސްޓިކް ބިހާއި ހަނޑޫފަދަ ބާވަތްތައް ވިއްކަމުންދާ ކަން ރަސްމީ ސިފައެއްގައި އެ އޮތޯރިޓީއަށް އެނގިފައިނުވާ ކަމަށާއި ރާއްޖެއަކީ، ޑަބްލިއުއެޗްއޯ މެންބަރު ގައުމަކަށްވާ އިރު މިފަދަ އެލާޓްތައް އެ ޖަމިއްޔާ މެންބަރު ގައުމުތަކަށް ލިބެމުންދާނެ ކަމަށެވެ.

އެގޮތުން ދުނިޔޭގެ އެއްވެސް ގައުމަކުން މިފަދަ ފުޑް އެލާޓެއް މިހާތަނަށް ޑިކްލެއަރ ކޮށްފައިނުވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

 އެމްއެފްޑީއޭއިން ވަނީ ރާއްޖޭގައި ޕްލާސްޓިކް ބިސް ވިއްކާކަމަށް ވާހަކަދެކެވެނީ ސޯޝަލް މީޑިއާގައި ކަމަށްވާ އިރު ސޯޝަލް މީޑިއާގައި ހިމެނޭ ހުރިހާ ވާހަކަތަކަކީ ސައްހަ ވާހަކަތައް ނޫންކަން ހނދާންކުރަންޖެހޭ ކަމަށް ބުނެފައެވެ.

ރާއްޖެއަށް ބިސް އެތެރެކުރަނީ ގައުމުތަކުން ވަކި އުސޫލެއްގެ ތެރެއިން ކަމަށާއި، ރާއްޖެއަށް ބިސް އިމްޕޯޓްކުރާ ގައުމުތަކުން ބިސް އެތެރެކުރެވޭނީ ހެލްތް ސެޓްފިކެޓަކާއި އެކު ކަމަށްވެސް، އޭނާ ވިދާޅުވިއެވެ.

" ޝަކުވާއެެއް ރަސްމީގޮތުންނެއް ނެތް ހުށަހެޅިފަ. އެހެން ނަމަވެސް ސޯޝަލް މީޑިއާގައި މިފަދަ ވާހަކަތަކެއް ފެތުރޭތީ އަންނަނީ ބަލަމުން" އާދަމް ވިދާޅުވިއެވެ.

ސިއްހީ ރައްކާތެރިކަމަށްޓަކައި އެމްއެފްޑީއޭއިން މުހިއްމު ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ހުރިހާ ފޯޓްތަކެއްގައިވެސް އެމްއެފްޑީއޭގެ ހާއްސަ ޓީމުތަކުން އަބަދުވެސް ހަރަކާތްތެރިވާކަމަށް އެ އޮތޯރިޓީން ބުނެއެވެ.

އެގޮތުން ބިހުގެ ބާވަތްތަކާއި މަހުގެ ބާވަތްތަކަކީވެސް ހައި ރިސްކް ކެޓަގަރީގެ ތެރެއިން އަބަދުވެސް ބަލާ ޗެކް ކުރަމުންދާ ތަކެތިކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.

- ކޮމެންޓް