ކ. މާލެ
|
19 ޖެނުއަރީ 2023 | ބުރާސްފަތި 12:03
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އަމަލީ މަސައްކަތް ފަައްޓަވައިދެއްވާ ރައީސް ވާހަކަފުޅުދައްކަވަނީ
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އަމަލީ މަސައްކަތް ފަައްޓަވައިދެއްވާ ރައީސް ވާހަކަފުޅުދައްކަވަނީ
ރައީސް އޮފީސް
ބޮޑުތިލަދުންމަތީގެ ބޮޑު ބަދަލު
ރާއްޖޭގެ އުތުރަށް ޖެހެން މިފެށީ ބޮޑު ބަދަލުގެ ހެޔޮ ރޯޅި - ރައީސް
އާރުޓީއެލް ޚިދުމަތާ، ހަނިމާދޫ އެއަރޕޯރޓާ، ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރާ އެކު ފުރިހަމަ ވާނީ ދިރުން ހުރި އިގްތިޞާދެއްގެ ފުރިހަމަ މޮޑެލްއެއް
މިބަދަލުގެނެވެނީ ވަކި ޚާއްޞަ ކަންތައްތަކެއް ވަކި ގޮތަކަށް ކޮށްގެން

ރާއްޖޭގެ އުތުރަށް ޖެހެން މިފެށީ ބޮޑު ބަދަލުގެ ހެޔޮ ރޯޅި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ހޯރަފުށީ އެއަރޕޯޓު ނިންމާ ބޭނުންކުރަން ފެށިއްޖެ ކަމަށެވެ. ފަރެސްމާތޮޑާ އެއަރޕޯޓްވެސް އަޅާ ނިމިއްޖެ ކަމަށާއި، މާފަރު ބައިނަލްއަޤްވާމީ އެއަރޕޯޓްގެ އެކްސްޕޭންޝަން މަސައްކަތަށް މޮބިލައިޒްވެއްޖެ ކަމަށެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ މަކުނުދޫ، ބިލެއްފަހި، ތުޅާދޫ، އަދި ވިލުފުށީ އެއަރޕޯޓް އަޅާނެ ފައިސާ ހޯދިއްޖެ ކަމަށާއި އަދި އެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް ބީލަމަށް ހުޅުވާލެވިއްޖެ ކަމަށެވެ.

އާރުޓީއެލް ޚިދުމަތާ، ހަނިމާދޫ އެއަރޕޯރޓާ، ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރާ އެކު ފުރިހަމަ ވާނީ ދިރުން ހުރި އިގްތިޞާދެއްގެ ފުރިހަމަ މޮޑެލްއެއް. އެއީ، މިދާ މަގުން ގޮސް، މަގުމަތި ނުވެ މާދަމާ މުޅިރާއްޖެ އޮންނާނެ ގޮތުގެ ނަމޫނާ. ކުރިންވެސް އަޅުގަނޑު ދެންނެވިން. ސަރުކާރުގެ ހުރިހާ ސިޔާސަތުތަކާ، އަމާޒު ގޮސްނިމޭ، ވަކި ޚާއްޞަ ދިމާއެއް އޮންނަ ވާހަކަ. މާނަވީ ޖަޒީރާ ރާއްޖޭގެ އަމާން ބަނދަރު ހިފުމަށްޓަކައި، ދާންޖެހޭ މަގަކާ، ވާންޖެހޭ ކަންތައްތަކެއް ހުރި ވާހަކަ. އަނެއްކާވެސް ދަންނަވަން. ބޮޑު ތިލަދުންމައްޗާއި ރާއްޖޭގެ އުތުރަށް، ޖެހެން މިފެށީ، އަބަދުވެސް މިދަންނަވާ ބޮޑު ބަދަލުގެ، ހެޔޮ ރޯޅި. މިބަދަލުގެނެވެނީ ވަކި ޚާއްޞަ ކަންތައްތަކެއް ވަކި ގޮތަކަށް ކޮށްގެން. ކުޅުދުއްފުށީގާ ޓާރޝަރީ ޞިއްޙީ ޚިދުމަތް ގާއިމު ކުރުމަކީ އެބަދަލަށްޓަކާ ކުރާ ކަމެއް.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް

ރައީސް ވިދާޅުވީ އަމަލީ މަސައްކަތް ފެށިގެން ދިޔަ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ހުޅުވެން ވާއިރު އެކުއެކީ އަންނަ އެހެން ބަދަލެއް ވާނެ ކަމަށެވެ. އެއީ ބޮޑު ތިލަދުންމައްޗަކީ އިންވެސްޓަރުންނަށް ފައްކާވެފައި އޮންނަ މީހުން ދިރިއުޅޭ 41 ރަށުގެ މައްޗަށް އެކުލެވޭ ބޮޑު އާބާދީ އަކަށްވާނެ ކަމަށެވެ.

އަދި ޓޫރިޒަމް ތަރައްޤީކުރުމަށް ނަލަ ރީތި ގިނަ ރަށްތަކެއް އޮންނާނެ ކަމަށާއި، ތިލަދުންމަތީގެ ކޮންމެ ރަށަކީވެސް ޓޫރިޒަމް ނުވަތަ ދަނޑުވެރިކަން ނުވަތަ އިޤްތިސާދީ އެހެނިހެން ކަންކަމަށް ތައްޔާރުވެފާ އޮންނާނެ ރަށެއް ކަމަށެވެ.

- ކޮމެންޓް