އިނގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ އެއްވަނާގައި އޮތް އާސެނަލްއާ ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅޭ މެޗަށް މިޑްފީލްޑަރ ކަސެމީރޯ ސަސްޕެންޑު ވެއްޖެއެވެ.
ޓީމްގެ މުހިއްމު މިޑްފީލްޑަރ, މުހިއްމު މެޗަށް ސަސްޕެންޑްވީ ލީގުގައި ކްރިސްޓަލް ޕެލަސްއާ އެއްވަރުވި މެޗުގައި ދެއްކި ރީނދޫ ކާޑާއެކު ސީޒަންގައި ފަސްވަނަ ރީނދޫ ކާޑު ހަމަވުމުންނެވެ. މެޗުގައި ކަސެމީރޯއަށް ރީނދޫ ކާޑު ދެއްކީ 80 ވަނަ މިނެޓުގައެވެ. ކްރިސްޓަލް ޕެލަސްއާ މެންޗެސްޓަރ ޔުނައިޓެޑް ވާދަކުރި މެޗު އެއްވަރުވީ 1-1 ނެވެ. 43 ވަނަ މިނެޓުގައި ބުރޫނޯ ފެނާންޑޭޒް ލަނޑު ޖަހާ ކުރި ހޯދާފައި ވަނިކޮށް, ކްރިސްޓަލް ޕެލަސްއިން ނަތީޖާ ހަމަހަމަކުރީ މެޗުގެ އިތުރު ވަގުތުގައެވެ.
އާދިއްދަ ދުވަހު އާސެނަލްއާ ދެކޮޅަށް ނުކުޅެވުނަސް އެކަން ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ނަގަނީ ޕޮޒިޓިވްކޮށެވެ. އެއީ އެންމެފަހުން ޔުނައިޓެޑުން އާސެނަލް ބަލިކުރި މެޗުގައިވެސް ނަތީޖާ ނެރުނީ ކަސެމީރޯއާ ނުލައިކަމަށް ވާތީއެވެ. މިސީޒަންގައި ލީގުގައި އާސެނަލް ބަލިކުރި ހަމައެކަނި ޓީމަކީ ޔުނައިޓެޑެވެ. 3-1 ން އާސެނަލް ބަލިކުރި މެޗުގައި ކަސެމީރޯ ކުޅެން ނުކުތީ ފަހު ދިހަ މިނެޓަށެވެ. އޭރު މެޗުގެ ނަތީޖާ އޮތީ 3-1 ގައެވެ. އެކަމަކު އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.
ޕްރިމިއަރ ލީގު ތާވަލްގައި ޔުނައިޓެޑް މިހާރު އޮތީ 19 މެޗުން 39 ޕޮއިންޓާއެކު ތިންވަނާގައެވެ. އެއްވަނާގައި އާސެނަލް އޮތީ އަށް ޕޮއިންޓްގެ ލީޑަކާއެކުއެވެ.