ހަނިމާދޫ އެއާޕޯޓާއެކު ރާއްޖޭގެ އުތުރުގެ ރަށްތަށް މުޅި ދުނިޔެއަށް ހުޅުވިގެންދާނެ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ ހދ. ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ އެ އެއާޕޯޓުގެ ސަބަބުން ހަމައެކަނި އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ނިސްބަތް ވެސް އިތުރުވާނެ ކަމަށެވެ. އަދި އެ އެއާޕޯޓާއެކު ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާ ކަމަށެވެ.
އިތުރަށް ވާހަކަދައްކަވަމުން ޖައިޝަންކަރު ވިދާޅުވީ އިންޑިއާ އިން ގެންގުޅޭނީ ފުރަތަމަ އަވައްޓެރިންގެ ސިޔާސަތު ކަމަށާއި އަވައްޓެރިންގެ ތެރެއިން ދިވެހިރާއްޖެއަކީ އިންޑިއާއިން އެންމެ ފުރަތަމަ އިސްކަންދޭ ގައުމު ކަމަށެވެ. އިންޑިއާ އިން ދަނީ އެ ގައުމަށް ލިބިފައިވާ ތަޖުރިބާ އާއި އިލްމުގެ އަލީގައި އަވައްޓެރި ގައުމުތަކަށް އެހީ ފޯރުކޮށްދެމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހަނިމާދޫ އެއާޕޯޓް މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އައު ރަންވޭއެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ޒަމާނީ ޓަރމިނަލަކާއި އެއަރޕޯޓަށް ބޭނުންވާނެ އެހެނިހެން ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެެ. އެ މަޝްރޫޢުގެ މަސައްކަތް ނިމެނޭ ކަމަށް ލަފާކުރަނީ 2024 ގައެވެ.