ރައްޔިތުން ބޭނުންވާ ބަދަލާއި ތަރައްގީގެ ކުރިއެރުން ހަމަގައިމުވެސް ގެނެސްދޭނީ މި ސަރުކާރު ދެމިއޮވެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ޕްރައިމަރީގެ ކެމްޕޭނަށް ކުމުންދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު އެ ހުންނެވީ ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް އަދި ރައްޔިތުން އެދިވަޑައިގަންނަވާ ކުރިއެރުން ގެނެސްދެއްވުމަށް ސަރުކާރެއް އެކުލަވާލާ އެއާއެކު ކުރިއަށް ވަޑައިގަންނަވަން ކަމަށެވެ.
އަޅުގަނޑު އެދެނީ ތި ހުރިހާ ބޭފުޅުންގެ ތާއިދު މިކަމުގައި ދެއްވުން. އަޅުގަނޑު ނެތިން މި ދާއިރާގައި ނިމިފައި ހުރި ކަންކަން ނިމިއްޖެ ނިމިއްޖެ ކިޔާފައި ބޮޑު ލިސްޓެއް ކިޔާކަށް. ހަމަ ގައިމު މި ދާއިރާގައި އެ ލިސްޓް ކިޔަންވެއްޖިއްޔާ އެ ލިސްޓް ނިންމައި ނުލެވޭނެ. އެހާ ގިނަ މަޝްރޫއު މި 3 ރަށުގައި ވެސް ކުރިއަށް އެބަދޭ. ރައްޔިތުން އަބަދުވެސް ބޭނުންވާނެ އަވަހަށް ކަންތައްތައް ކުރަން. އެހެންނަމަވެސް ރައްޖޭގައި ދިރިއުޅޭ ހުރިހާ ރަށެއްގައި މި ވޭތުވެދިޔަ ތަނުގައި ނުކޮށްހުރި ހުރިހާ މަސައްކަތެއް ގާތްގަނޑަކަށް ފަށައިގެން ކުރިއަަށްދާއިރުގައި ބައެއް ފަހަރު ހުންނާނެ މަޑުޖެހިފައި. ބައެއްފަހަރު ބަދަލުތައް ގެންނަންޖެހޭ. އެހެންވީމާ ބައެއްފަހަރު އެކަންތައްތައް އެހެންވަނީ.ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް
ރައީސް ވިދާޅުވީ ރިޔާސި އިންތިހާބުގެ ކެމްޕޭނުގައި ކުމުންދޫއަށް ވަޑައިގަންނަވާއިރު، އެ ދާއިރާއަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައި ހުރި ކަންކަން އަމަލީގޮތުން ފެންނަން ހުންނާނެކަމަށެވެ.
ރައީސް ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވި އިރު ރާއްޖޭގެ ބޮޑުބަޔަކަށް ސާފު ބޯފެނާއި ނަރުދަމާ ނުލިބޭ ކަމަށެވެ. ސިއްހީ ހިދުމަތް ރަށްރަށުން ހޯދުން ވެފައިވަނީ ބޮޑު ވޭނަކަށް ކަމަށެވެ. ސްކޫލްތަކުގެ ހާލު އޮތް ގޮތް، ވަކިން ހާއްސަކޮށް ކުދި ރަށްރަށުގައި އޮތްގޮތް ވަރަށް ސާފު ކަމަށެވެ.
އެ ރަށްރަށުގައި ދިރިއުޅެނީ ދިވެހިންކަމެއް، ދިވެހި ރައްޔިތުންކަމެއް، އިންސާނުން ކަމެއް ބައެއް ފަހަރަށް ދޭހަ ނުވާ ގޮތަކަށް ކަންކަން ކުރަމުން ގެންދިޔަ. އެހެންނަމަވެސް އަޅުގަނޑު ގަބޫލުކުރީ ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅުނަސް ކޮންމެ ރައްޔިތަކީ ލިބެންޖެހޭ އަސާސީ ހިދުމަތްތަކެއް ކަށަވަރުވެފައި ހުންނަންޖެހޭ ރައްޔިތެއް ކަމަށް. އެގޮތުން އަޅުގަނޑުމެން ކުޑަރަށެއް ބޮޑުރަށެއް މެދުރަށެއް ސިޓީއެއް ނުބަލާ އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މި މަސައްކަތް ކުރަނީ.ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް
މި ވޭތުވެދިޔަ ތަނުގައި ބައިވަރު ވެރިން އަތުވެއްޖެ ކަމަށާއި، އެތައް އަހަރަކު ވެރިކަން ކުރެއްވި ބޭފުޅުން އެބަތިއްބެވި ކަމަށާއި، ތަންކޮޅެއް އަވަހަށް ވެރިކަމާ ދުރުވި ބޭފުޅުން އެބަތިއްބެވި ކަމަށާއި އަދި ކުޑަމުއްދަތެއް ލިބުނު ވެރިންވެސް އެބަތިއްބެވި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފަސް އަހަރު ޚިދުމަތް ކުރި ބޭފުޅުންވެސް ތިއްބެވި އިރު، އެ ދާއިރާއަށް މިވަރުގެ ހޭދައެއްކުރި އެއްވެސް ސަރުކާރެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.