ނޫމަޑި މައްސަލައިގައި ދޮގު ބަޔާނެއް ދެއްވާފައިވާތީ, ކުރީގެ ހައުސިންގ މިނިސްޓަރު އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން ރީ ޝެޑިއުލް ކުރައްވައިފިއެވެ.
އަޑުއެހުން ތާވަލުކޮށްފައި އޮތީ ބުދަ ދުވަހުގެ މެންދުރު 13:00 އަށެވެ. އެހެންނަމަވެސް މި އަޑުއެހުން ރީޝެޑިއުލް ކޮށްފައިވަނީ ދައުވާލިބޭ މުއިއްޒުގެ ފަރާތުން ކޯޓަށް ހުށައެޅި ސިޓީއަކާއި ގުޅިގެންނެވެ.
މުއިއްޒަކީ ޕީޕީއެމްގެ ނައިބްރައީސްކަން ފާހަގަކޮށް ސިޓީގައި ބުނެފައިވަނީ، އެ ޕާޓީގެ ލީޑަރުކަމަށްވާ ރައީސް އަބްދުﷲ ޔާމީނާ ބައްދަލު ކުރެއްވުމަށް ވަރަށް އުނދަގުލުން ހަމަޖެހުނު ބައްދަލުވުމަކަށް 13:30ށް މާފުށީ ޖަލަށް ދިއުމަށް ފުރުސަތު ލިބިފައިވާ ކަމަށާއި، އެއީ ވަރަށް އުނދަގުލުން ހަމަޖެހިފައިވާ އެޕޮއިންޓްމަންޓަކަށްވަތީ، ކޮންމެހެންވެސް ބައްދަލު ކުރުމަށް ދިއުމަށް އެދިލައްވާ ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީނު މިވަގުތު ހުންނެވީ ވ އާރަށު ހިޔާނާތުގެ މައްސަލައިގައި 11 އަހަރުގެ ޖަލު ޙުކުމެއްގައެވެ.
މުއިއްޒުގެ މި އެދިލެއްވުމަށް ރިއާޔަތްކޮށް ކޯޓުން ވަނީ 2 ފެބްރުއަރީއަށް އަލުން މައްސަލަ ރީޝެޑިއުލް ކޮށްފައެވެ.
ޑރ މުއިއްޒުގެ މައްޗަށް، ގާނޫނު ނަންބަރު: 2014/09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު)ގެ 520 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ، އެމާއްދާގެ (ބ)ގެ ދަށުން، ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި)ން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހެޅި އާރބިޓްރޭޝަން މައްސަލައިގައި އޭރުގެ ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ދޮގު ބަޔާން ދެއްވުމާ ގުޅިގެން ދައުލަތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައެވެ. އެގޮތުން ހައުސިންގ ޔުނިޓް މަޝްރޫއާ ގުޅިގެން، ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011ގައި ވެފައިވާ ފޭސް 1ގެ އެއްބަސްވުމާއި، 2013ގައި ވެފައިވާ ފޭސް 2ގެ އެއްބަސްވުމުގެ މަސައްކަތް އެ ކުންފުނިން ޝެޑިއުލާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް ވިދާޅުވިކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ، ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާކަމަށް ވިދާޅުވެ، އެކަމުގައި ދޮގު ބާޔަނެއް ދެއްވާފައިވާކަންވެސް ޕީޖީ އޮފީހުން ފާހަގަކޮށްފައިވެއެވެ.