ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ ހއ. ދިއްދޫގައި އެއަރޕޯޓެއް އަޅުއްވައިދެއްވާނެ ކަމުގެ އިޝާރާތެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ކުރައްވައިފިއެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ދިއްދޫގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ކޮވިޑް-19 ފަދަ ގޮންޖެހުންތަކާއެކު ވެސް އެހެން ސަރުކާރުތަކަށް ފަސް އަހަރުން ވެސް އަދި 10 އަހަރުންވެސް ނުކުރެވޭ ވަރަށް ތަރައްގީގެ ކަންކަން ކޮށްފައިވާ ކަމަށެވެ. އަދި ހަގީގީ ތަރައްގިގެ މަޝްރޫއުތައް ކުރުމަށް އެންމެ ދެ އަހަރާއި ބައިގެ މުއްދަތެއް ލިބިގެންދިޔައިރުވެސް ރަށްތަކުގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދިއްދޫގައި މި ސަރުކާރުން ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެންމެ ބޮޑު ދެ މަޝްރޫއު ކަމަށްވާ ބިން ހިއްކުމާއި ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ވެސް ކޮށްދެއްވާނެ ކަމަށެވެ. އަދި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު އެއާޕޯޓެއްގެ ވާހަކަވެސް ނުދެއްކެންވީ ސަބަބެއް ނެތް ކަމަށާއި އެކަމާ ގުޅޭގޮތުން، ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށްފަހު އެމްޑިޕީގެ މެނިފެސްޓޯ އެކުލަވައިލުމަށް އެ ރަށަށް ވަޑައިގަންނަވާއިރު މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ބިން ބޮޑުކުރާއިރު އެއަރޕޯޓެއްގެ ވާހަކައަކީ ނުދެއްކޭނެ ވާހަކައެއް ނޫން. އަޅުގަނޑުމެން އަންނާނަން އަދި އިރާދަކުރެއްވިއްޔާ މި ޕްރައިމަރީއަށްފަހު ކެމްޕޭނުގައި މެނިފެސްޓީއޯއެއް އުކުލަވައިލަން. ތިޔަބޭފުޅުންނާ މަޝްވަރާ ކުރާނަން. އޭގައި މި ރަށުގައި އެއަރޕޯޓު ނުހިމަނަންވީ ސަބަބެއް އަޅުގަނޑުމެންނަށް ނުފެނޭ،ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު
ރައީސް ވިދާޅުވީ މި ސަރުކާރުން ކަންކަން ކުރަނީ ވަރަށް ރޭވުންތެރިކަމާއެކު ކަމަށެވެ. އެގޮތުން، ބިންހިއްކުމުގެ ވައުދުވެވަޑައިގެންފައިވާ ރަށްތަކުގައި އެ މަސައްކަތްތައް ކުރުމަށް ބޭރުގެ ކުންފުންޏަކާއެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށާއި އެ މަސައްކަތް މި ދައުރު ނިމުމުގެ ކުރިން ފެށިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ދިއްދޫގައި ހިންގަމުން އަންނަ ތަރައްގީގެ މަޝްރޫއުތަކަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ މިހާރު ކުރިއަށްދާ 75 ހައުސިންގ ޔުނިޓުގެ މަސައްކަތުގެ ތެރެއަށް އިތުރު 25 ހައުސިންގ ޔުނިޓު އިތުރު ކުރަން ހުށަހެޅި ހުށަހެޅުން ބަލައިގެންފައިވާ ކަމަށެވެ.
ރައީސް ވަނީ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެވޭނީ އެމަނިކުފާނަށް ޕްރައިމަރީގައި ވޯޓު ދެއްވައިގެންކަން ފާހަގަކުރައްވައި އެމްޑީޕީގެ ހުރިހާ މެމްބަރުން ވެސް އެގޮތަށް ވޯޓު ދިނުމަށް އެދިވަޑައިގެންފައެވެ. އަދި ހުރިހާ މެމްބަރުން ވެސް ވިސްނުންތެރިކަމާއެކު މިފަހަރުގެ އިންތިޚާބުގައި ވޯޓު ދިނުމަަށް ރައީސް އެދިވަޑައިގެންނެވިއެވެ.