ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ކޮސްޓަ ރިކާގެ ގޯލް ކީޕަރު ކޭލޯ ނަވާސް ހޯދުމުގެ މަސައްކަތް ސައުދީ އަރަބިޔާގެ އަލް ނަސްރުން ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ބޭރުގެ ރިޕޯޓުތައް ބުނާ ގޮތުގައި ނަވާސް ހޯދުމަށް އަލް ނަސްރުން އަންނަނީ ޕީއެސްޖީއާއެކު މަޝްވަރާކުރަމުންނެވެ. ނަވާސް ހޯދުމަށް އަލް ނަސްރުން ބޭނުންވަނީ އެ ޓީމުގެ ގޯލު ބަލަހައްޓަމުން އައި ކޮލަމްބިއާގެ ޑޭވިޑް އޮސްޕިނާ ނެތްތަން ފޫބެއްދުމުގެ ގޮތުންނެވެ. އަތުގެ ކުޑަ ހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޮސްޕިނާ ސާޖަރީއެއް ހަދަން ޖެހޭ ކަމަށް އަލް ނަސްރުން ވަނީ ހާމަކޮށްފަ އެވެ. އެ ކުލަބުން ހާމަކޮށްފައިވާ ގޮތުގައި ސާޖަރީގެ ސަބަބުން ކުޅުމާ ދުރުގައި ހުންނަން އޮސްޕިނާ އަށް ޖެހޭނެ އެވެ.
ރެއާލް މެޑްރިޑު ދޫކޮށް ނަވާސް ޕީއެސްޖީ އަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. ޕީއެސްޖީ އަށް ބަދަލުވެ ނަވާސް ވަނީ މިހާތަނަށް 107 މެޗުގައި އެ ޓީމުގެ ގޯލު ބަލަހައްޓައިފަ އެވެ. ނަމަވެސް ޕީއެސްޖީން އިޓަލީގެ ޖިއަންލުއިޖީ ޑޮންނަރުންމާ ހޯދުމާއެކު ނަވާސް އަށް ފުރުސަތު ލިބެނީ މެދު މެޗުތަކެއްގަ އެވެ. މިހާރު ކުރިއަށްދާ ސީޒަންގައި ނަވާސް އަށް ޕީއެސްޖީގެ ގޯލު ބަލަހައްޓަން ފުރުސަތު ލިބުނީ އެންމެ މެޗެއްގަ އެވެ. އެހެންކަމުން އަލް ނަސްރުން ނަވާސް ހޯދަން ބޭނުންވާ ދަނޑިވަޅެއްގައި އޭނާ އެ ކުލަަބަށް ބަދަލުވުމަކީ ގާތް ކަމެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ޕީއެސްޖީއާއެކު ނަވާސް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރު އެވެ. ޕީއެސްޖީގައި ނަވާސް އަށް މުސާރައިގެ ގޮތުގައި ހަތަރު މިލިއަން ޑޮލަރު ލިބޭނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެހެންކަމުން ނަވާސް އަށް އެވަރުގެ މުސާރައެއް ދީފައި، މިހާރު އޭނާ ގެންދެވޭނެ ފެންވަރު އަލް ނަސްރުގައި ހުރި ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އަލް ނަސްރަށް ގޯލް ކީޕަރެއް ބޭނުންވެފައިވާ ވަގުތުގައި އެ ޓީމުގެ ކޯޗު ރޫޑީ ގާސިއާ އެދުނީ ނަވާސް ހޯދުމަށް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް މިހާތަނަށް ޕީއެސްޖީއާއި އަލް ނަސްރާ ދެމެދު އެއްވެސް އެއްބަސްވުމަކަށް އާދެވެފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.