އާރުޓީއެލް ދަތުރުތަކުގެ ޚިދުމަތަކީ މުހިންމު ދަތުރުތަކެއްކަން ފާހަގަކުރައްވައި އަތުގައި ލޯންޗާއި ކާރާއި ސައިކަލު ގެންގުޅޭ ބަޔަކަށް އެފަދަ ތަކެތި ނެތް މީހުން އުޅޭ ހާލަތެއް ނުވިސްނޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިފަދައިން ވިދާޅުވީ "ރާއްޖެ ޓީވީ" ގެ ފަލަސުރުޚީ ޕްރޮގްރާމުގައި އަދުގެ ސަރުކާރުން ކޮށްފައިވާ ތަރައްގީގެ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުންނެވެ. އެގޮތުން ތަރައްގީއަކީ ރައްޔިތުންނަށް ލުއި ފަސޭހަ ދިރިއުޅުމެއް ހޯދައިދިނުން ކަމަށާއި އެމްޓީސީސީ މެދުވެރިކޮށް ސަރުކާރުން ފަށާފައިވާ އާރުޓީއެލް ބަސް ދަތުރުތަކާއި ސްޕީޑް ފެރީގެ ޚިދުމަތަކީ އެފަދަ ތަރައްގީކަން އޭނާ ފާހަގަކުރެއްވިއެވެ.
އާޒިމް ވިދާޅުވީ ހުރިހާ އެއްޗެއް ލިބޭ ފުދުންތެރިންނަށް އެފަދަ ތަރައްގީގެ ބޭނުން އިހުސާސް ނުކުރެވުނު ނަމަވެސް އެއީ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައި ހުރި ޚިދުމަތްތަކެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ރާއްޖެއަށް ގެނެސްދެނީ ހަމައެކަނި ލޮލަށް ފެންނަ ތަރަައްގީ ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަޅުގަނޑު ރަށްރަށަށް ގޮސް މީހުންނަށް ބައްދަލުކޮށް ވާހަކަދައްކަން، އާރުޓީއެލް ޚިދުމަތް ފަށައިގެން ރަށްރަށަށް ދިޔައިރުގައި ބަލާލަން އެރި މިހުން ހައިރާންވެފައި ތިބީ. ހިތަށްވެސް ނާރައޭ ތިމަންނާމެން އަތޮޅަށް ނުވަތަ ރަށަށް އަންނައިރު މި ފެންވަރުގައޭ އަންނާނީ ބުނޭ.އާޒިމް
އާޒިމް އިތުރަށް ވިދާޅުވީ މިއަދު ރަށްތަކަށް ގެންނަ ތަރައްގީގެ ސަބަބުން އެ ރަށްތަކުގެ އިގްތިސާދަށް ވެސް އޭގެ އަސަރު ކުރާނެ ކަމަށެވެ. އެގޮތުން، ފެނާއި ނަރުދަމާ ނިޒާމާއި ކަރަންޓުގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަކީ ރަށްތަކުގައި ފަތުރުވެރިކަން ކުރިއެރުވޭނެ ކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ.
ރައީސް ޞާލިހު މަސައްކަތް ކުރައްވަނީ ރާއްޖޭގެ ހުރިހާ ރަށެއް މާދަމައަށް ތައްޔާރު ކުރަންކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ އުމްރާނީ ގޮތުންނާއި ތައުލީމީ ގޮތުން ވެސް އެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން، ސަރުކާރުގެ ހިލޭ ޑިގްރީ މަޝްރޫއަކީ އޭގެ ސަބަބުން ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އާބާދީއަކީ އިލްމީ ގާބިލު އާބާދީއަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަބަދުވެސް ގަބޫލު ކުރައްވަނީ ތަނަކާ ހަވާލުވެވަޑައިގަންނަވާ އިރު އެތަނެއް ދޫކުރައްވާނީ މާ ވަރުގަދަ ތަނަކަށް ހެއްދެވުމަށްފަހުގައިކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ ރައީސް ވެސް މަސައްކަތް ކުރައްވަނީ އެގޮތަށް ކަމަށެވެ.