ކ. މާލެ
|
29 ޖޫން 2017 | ބުރާސްފަތި 19:30
މޮނާކޯ އަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ކީލިއަން އެމްބަޕޭ
މޮނާކޯ އަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ކީލިއަން އެމްބަޕޭ
ގޯލް.ކޮމް
ކީލިއަން އެމްބަޕޭ
އެމްބަޕޭ އަކީ "ޕްރައިޒްލެސް" މީހެއްހެން ދޭހަވާގޮތަށް އޭނާގެ ޓްވީޓާ އެކައުންޓްގެ ކަވާ ބަދަލުކޮށްފި
އެމްބަޕޭ ހޯދުމަށް ރެއާލް އިން 100 އަށްވުރެ ގިނަ މިލިއަން ޕައުންޑު ވަނީ ހުށަހަޅާފައި
އެމްބަޕޭ ހޯދުމަށް އާސެނަލް އިން 87 މިލިއަން ޕައުންޑު ވަނީ ހުށަހަޅާފައި

މޮނާކޯ އަށް ކުޅެމުން އަންނަ ކީލިއަން ކީލިއަން  އެމްބަޕޭ އަކީ "ޕްރައިޒްލެސް" މީހެއްހެން ދޭހަވާ ގޮތަށް އޭނާގެ ޓްވިޓާ އެކައުންޓުގެ ކަވާ ބަދަލުކޮށްފިއެވެ.

އެމްބަޕޭ އޭނާގެ ޓުވިޓާ ކަވާ ބަދަލުކޮށްފައިވާއިރު، އެ ޓްވިޓާ ކަވާ އިން ފެންނަ ފޮޓޯގައި އޭނާ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރާތަން ފެނެއެވެ. އަދި އޭނާ ދުވެފައިދާއިރު އެޑްވަޓައިޒްމެންޓް ބޯޑަކަށް ވަނީ "ޕްރައިޒްލެސް" އަރާފައެވެ. އެގޮތުން މިއީ ޓްރާންސްފާ ބާޒާރާ އޭނާ ހޯދުމަށް ކްލަބްތަކުން ބޮޑު އަގު ހުށަހަޅަމުން އަންނާތީ އެކަމަށް ދިން އިޝާރާތެއް ކަމަށް ބެލެވެއެވެ.

އެމްބަޕޭ ހޯދުމަށް ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑް، އާސެނަލް އަދި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ހިމެނެއެވެ.

އެގޮތުން މިދިޔަ އަހަރު މޮނާކޯއާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއް ހަދާފައިވާ އެމްބަޕޭ ޓްރާންސްފާ ބާޒާރުގައި ކްލަބް ބަދަލުކުރާނެ ކަމަށް ވަނީ ބެލެވިފައެވެ. އެހެންނަމަވެސް އޭނާ ބަދަލުވާނީ ކޮން ކްލަބަކަށް ކަން އަދި ކަށަވަރެއް ނުވެއެވެ.

ރިޕޯޓްތައް ބުނާގޮތުން އެމްބަޕޭ ހޯދުމަށް އާސެނަލް އިން ވަނީ 87 މިލިއަން ޕައުންޑު ހުށަހާޅާފައެވެ. އަދި ރެއާލް އިން ވަނީ އޭނާ ހޯދުމަށް 100 މިލިއަނަށްވުރެ އަގުހުރި ހުށަހެޅުމެއް ހުށަހަޅާފައެވެ. އާސެނަލް އަދި ރެއާލް އިންވެސް ވަނީ އެމްބަޕޭ ހޯދުމަށް މަސައްކަތްކުރަމުން އަންނަކަން ކަށަވަރުކޮށްދީފައެވެ.

އެހެންނަމަވެސް ދާދި ފަހުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވީ އެބަޕޭއަކީ ވަރަށް ރަނގަޅު ކުޅުންތެރިއެއް ކަމަށާއި، ކޯޗު ޒައިނުއްދީން ޒިދާނަށްވެސް އޭނާ ކަމުދާ ކަމަށެވެ. އެހެން ނަމަވެސް ޕެރޭޒް ވިދާޅުވީ އުމުރުން 18 އަހަރުގެ އެމްބަޕޭ ރެއާލް އަށް އައިސް ފުރަތަމަ އެގާރައިން ޖާގަ ހޯދަން އުނދަގޫވާނެ ކަމަށް ދެކޭ ކަމަށާއި، ބެންޗުގައި ބަހައްޓަން ކްލަބަށް ގެންނަން ބޭނުންނުވާ ކަމަށެވެ.

އުމުރުން 18 އަހަރުގެ އެމްބަޕޭ މޮނާކޯއާއެކު އޭނާގެ ސީނިއާ ކެރިޔަރު ފަށާފައިވާއިރު، މިވީތަނަށް އޭނާ ވަނީ އެޓީމާއެކު ހޭދަކުރި ދެ ސީޒަނުގައި ކުޅުނު 58 މެޗުގައި 27 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ އެޓީމާއެކު މި ސީޒަނުގައި ލީގުވެސް ކާމިޔާބުކޮށްފައެވެ.

ފްރާންސްގެ ސީނިއާ ޓީމަށް ހަތަރު މެޗު ކުޅެފައިވާ އެމްބަޕޭ ވަނީ ފްރާންސްގެ 19 އަހަރުން ދަށުގެ ޓީމާއެކު މިދިޔަ އަހަރު 19 އަހަރުން ދަށޫގެ ޔޫރޯ ފުޓުބޯޅަ މުބާރާތްވެސް ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގެ ފްރާންސްގެ އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް