ކ. މާލެ
|
29 ޖޫން 2017 | ބުރާސްފަތި 18:04
 "ނޯޓީ ފޯޓީ" ޝޫޓް ކުރުމުގެ ތެރޭގައި
"ނޯޓީ ފޯޓީ" ޝޫޓް ކުރުމުގެ ތެރޭގައި
ފޭސްބުކް
ނޯޓީ ފޯޓީ
"ނޯޓީ ފޯޓީ" އެންމެ ފަހުގެ މަސައްކަތް ފަށައިފި
ނޯޓީ ފޯޓީ ސިނަމާއަށް އަންނާނީ އޮގަސްޓު 2 ގައި
މިއީ މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދު އަދި ޔޫސުފް ޝަފީއު ޕްރޮޑިއުސްކުރާ ދެ ވަނަ ފިލްމު

މިއަހަރުގެ އޮގަސްޓް 2 ގައި ސިނަމާތަކަށް އަންނަ ދިވެހި ފިލްމު "ނޯޓީ ފޯޓީ" އެންމެ ފަހުގެ މަސައްކަތްތައް ފަށާފައިވާކަމަށް އެ ފިލްމުގެ ޕްރޮޑަކްޝަން މެނޭޖަރ އަހުމަދު ސައީދު ބުނެފިއެވެ.

ރާއްޖެއެމްވީއާއި ވާހަކަ ދައްކަމުން ސައީދު ބުނީ ބުދަދުވަހުގެ ރޭ "ނޯޓީ ފޯޓީ" ގެ އެންމެ ފަހުގެ މަސައްކަތް ފަށާފައިވާކަމަށާއި ހަފްތާއެއްގެ ތެރޭގައި ފިލްމުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލާނެކަމަށެވެ.

"ނޯޓީ ފޯޓީ" ޝޫޓު ކުރުމުގެ މަސައްކަތް ހުއްޓާލާފައިވަނީ އެ ފިލްމުގައި ހަރަކާތްތެރިވާ ތަރިންގެ ތެރެއިން އުމުރުން 40 އަހަރުން މަތީގެ ރޯލުކުޅޭ ތަރިންތައް ހިކުމަށްފަހު ނަގަންޖެހޭ މަންޒަރުތައް ނެގުމަށެވެ.

އެހެންކަމުން ބުދަދުވަހުގެ ރޭ ފަށާފައިވަނީ އެ ތަރިންގެ ޝޫޓިންތަކެވެ. ހިކިކޮށް ޒުވާންކޮށް ދައްކަނީ ޔޫސުފް ޝަފީއު (ޔޫއްޕެ)، އަހުމަދު ސައީދު، ނިއުމާ މުހައްމަދު ، އަދި މަނިކުގެ އިތުރުން ސީޒަންއެވެ. 

މި ފިލްމުގެ ޝޫޓިންއަށް ލަންކާގައި ދިރިއުޅެމުން އަންނަ އަލީ ސީޒަންވެސް ވަނީ މާލެއައިސްފައެވެ. 

"ފިލްމުގެ ބޮޑުބައި ނިމިފައި މިހާރު ހުރީ. ރޭގަ އަޅުގަނޑުމެން މި ފެށީ ފިލްމުގެ އެންމެ ފަހު ބައި. ހަފްތާއެއްގެ ތެރޭގައި ފިލްމުގެ އެންމެ ފަހުގެ މަސައްކަތް އެއްކޮށް ނިންމާލާނެ" ސައީދު ބުންޏެވެ.

ސައީދު ބުނީ ފިލްމު ޝޫޓްކޮށް ނިންމާލެވުނުހާ އަވަހަކަށް ޓިކެޓް ބުކިންގ ހުޅުވާލާނެކަމަށެވެ.

މި ފިލްމުގެ ޕްރޮޑިއުސަރ ނިއުމާ މުހައްމަދު އަދި އިސްމާއީލް ޝަފީގު ތިބީ ފިލްމުގެ މަސައްކަތް ކުރިއަށްދާގޮތާއިމެދު ހިތްހަމަ ޖެހިފައިކަމަށްވެސް  ސައީދު ބުންޏެވެ. މިއީ މި ދެ މީހުން އެކުގައި އުފައްދާ ދެ ވަނަ ފިލްމެވެ. ފިލްމުގެ ޑައިރެކްޓަރަކީ މަޝްހޫރު ތަރި ޔޫސުފް ޝަފީޢު (ޔޫއްޕެ) އެވެ. 

 ނޯޓީ ފޯޓީގައި ޔޫއްޕެ، ނިއުމާ، ސީޒަން. އަހުމަދު ސައީދު އަދި މުހައްމަދު މަނިކު ގެ އެކްޓިންގ ފެނިގެން ދާނެއެވެ. މުހައްމަދު މަނިކަކީ "ނޯޓީ ފޯޓީ" ގެ އެސިސްޓެންޓް ޑައިރެކްޓަރެވެ.

މީގެ އިތުރުން މަރިޔަމް އައްޒަ، ފާތިމަތު އާޒިފާ(އަޒޫ)، އިބްރާހިމް ޖިހާދު(ޖިމީ)، އަލީ އާޒިމް(ދޮންއައްޔަ) ވެސް މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނެއެވެ. އަދި މީގެ އިތުރުން ނުޒުހަތު ޝުއައިބާއި ސޯޝަލްމީޑިއާގައި މަޝްހޫރުކަން ހޯދަމުން އަންނަ ލިއާމް ޖޯންވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

އަދި މީގެ އިތުރުން ސަން މީޑިއާގައި މަސައްކަތް ކުރާ އަހުމަދު ޝަރީފް އަދި ގުލިސްތާނު ވެސް މި ފިލްމުން ފެނިގެންދާނެއެވެ. މި ދެތަރިންނަކީ ފިލްމީ ދާއިރާއަށް އާ ދެތަރިންނެވެ.

"ބިގެސްޓް މޫވީ އޮފް ދަ އިޔާ" ގެ ހޭޝްޓެގް ބޭނުންކޮށްގެން ޕްރޮމޯޓު ކުރާ "ނޯޓީ 40" އަކީ ވަރަށް ގިނަ ރަހަތަކެއް އެކުލެވިގެން ވާ ފިލްމަކަށް ވާނެކަމަށް ފިލްމުގެ ޓީމުން ބުނެއެވެ. 

- ކޮމެންޓް