ކ. މާލެ
|
16 ޖެނުއަރީ 2023 | ހޯމަ 12:37
ރައްޔިތުންގެ މަޖިލިހަށް ރައީސް ޞާލިހު ރިޔާސީ ބަޔާން އިއްވަވަނީ
ރައްޔިތުންގެ މަޖިލިހަށް ރައީސް ޞާލިހު ރިޔާސީ ބަޔާން އިއްވަވަނީ
މުހައްމަދު ފަޒީން
ރިޔާސީ ބަޔާން
ރިޔާސީ ބަޔާން އިއްވުމާއި މަޖިލިސް މިއަހަރަށް ހުޅުވުން ފެބްރުއަރީ 6ގައި
މިއީ ރައީސް ޞާލިހުގެ 5 ވަނަ ރިޔާސީ ބަޔާން
ޖަލްސާ އޮންނާނީ ފެބްރުއަރީ 6 ވަނަ ދުވަހު ހެނދުނު 9:00 ގައި
ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި އޮންނަނީ ކަނޑައަޅާފައި

ރިޔާސީ ބަޔާން އިއްވުން އަދި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ އަންނަ ފެބްރުއަރީ މަހުގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، ރައީސުލްޖުމްހޫރިއްޔާ އިއްވަވާ ރިޔާސީ ބަޔާން އިއްވުމަކާއި މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އޮންނާނީ ފެބްރުއަރީ 6 ވަނަ ދުވަހު ކަމަށެވެ. ޖަލްސާ ބާއްވަން ހަމަޖައްސާފައިވަނީ ހެނދުނު 9:00ގައެވެ. އަދި އެކަން މަޖިލީހުގެ މެންބަރުންނަށް ވަނީ އަންގަވާފައެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތީން، ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ، ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަން ވާނެއެވެ. ރިޔާސީ ބަޔާނުގައި އާންމު ގޮތެއްގައި ގައުމުގެ ހާލަތު ބަޔާންކޮށްދޭއިރު، ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭކަަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާނެއެވެ.

މިއީ ރައީސް ޞާލިހުގެ 5 ވަނަ ރިޔާސީ ބަޔާނެވެ. މި ޖަލްސާގައި އޮންނާނީ ރިޔާސީ ބަޔާން އިއްވުން އެކަންޏެވެ. އަދި މަޖިލީހުގެ މަސައްކަތްތައް ފެށިގެންދާނީ އޭގެ ފަހުން ބާއްވާ ޖަލްސާތަކުގައެވެ.

މިދިޔަ އަހަރު މަޖިލިސް ނިންމާލިއިރު އެމްޑީޕީގެ ތެރޭގައި އޮތް ދެބަސްވުންތައް މަޖިލީހުގެ ތެރެއިން ފެނިގެން ގޮސްފައިވެއެވެ. އެގޮތުން ރައީސް ޞާލިހަށް ތާއީދުކުރައްވާ މެންބަރުންނާއި، ރައީސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުންގެ މެދުގައި ސަރުކާރުން ހުށަހެޅި ބިލްތަކާމެދު ބޮޑު ކޯޅުންތަކެއް އުފެދުނެވެ. ވަކިން ހާއްސަކޮށް ޓެކްސް ބޮޑުކުރުން ހުށަހެޅި ބިލްތައް ހިމެނެއެވެ. މިއަހަރަށް ރައްޔިތުން މަޖިލިސް ހުޅުވުމުގެ ކުރިން މި މަހުގެ ތެރޭގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާ ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅިގެންދާއިރު، މިއަހަރުގެ މަޖިލީހުގެ ޖަލްސާތަކަކީ ސިޔާސީ މަސްރަހުގައި ފޯރިގަދަ ޖަލްސާތަކަކަށް ވެގެންދާނެކަމަށް ބެލެވެއެވެ.

ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި އޮންނަނީ ކަނޑައަޅާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް