ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާއި ގުޅިގެން ހުޅުލޭގެ ފަޅާއި، މަގުން ބައެއް ބަންދުވާނެ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން ބުނެފިއެެވެ.
މަގާއި ފަޅު ބަންދުކުރާނެ ގަޑިތަކަކީ ޖެނުއަރީ 15 ވަނަ ދުވަހުގެ ހެނދުނު 9:00ން 11:00ށް އަދި ޖެނުއަރީ 17 ވަނަ ދުވަހުގެ ހެނދުނު 7:30ން 8:30ށެވެ.
އެމްއޭސީއެލް ސްޓާފް ބަސް އަދި އެމްޓީސީސީ ބަސް ހުއްޓާނީ ވެސްޓަރން ޕާކިން ސަރަހައްދަށެވެ. އަދި އެމްއޭސީއެލް ފެރީ ގާތް ކުރާނީ ވެސްޓަރން ޕާކިން ސަރައްދުގެ ބަނދަރަށެވެ. އަދި މި ވަގުތުތަކުގައި ހުޅުލޭގެ ފަޅަށް ވަދެ ނުކުމެވޭނީ ދެކުނު ނެރުންނެވެ.
އެމްއޭސީއެލުން ބުނީ މި ވަގުތުތަކުގައި އެއް ގަޑިއިރު ކުރިން ފެށިގެން ކާރގޯ ޓާރމިނަލާއި ދިމާލުގައިވާ ނެރުން ފެށިގެން ރަސްމީ ފާލަމާއި ދިމާލުގައިވާ ނެރާއި ހަމައަށްވާ ސަރަހައްދުގައި އެއްވެސް ބާވަތެއްގެ އުޅަނދެއް އަޅާފައި ނުބޭއްވޭނެ ކަމަށާއި މި ވަގުތުތަކުގައި އިންޓަރނޭޝަނަލް ޓަރމިނަލްގެ އުތުރު ކަންމަތިން ފެށިގެން ޑޮމެސްޓިކް ޓަރމިނަލްގެ އުތުރު ކަން މައްޗާއި ދެމެދު، މަގު ބަންދުވާނެ ކަމަށާއި، މި ވަގުތުތަކުގައި އެ ސަރަހައްދުން ހިނގުމުގައިވެސް ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކުގެ އިރުޝާދާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އެދޭ ކަމަށެވެ.
މީގެއިތުރުން މި މަހުގެ 16 ވަނަ ދުވަހު މާލޭގެ ޓްރެފިކް ބެލެހެއްޓުމަށްވެސް ބަދަލުތަކެއް ގެނައުމަށް ފުލުހުން ވަނީ ނިންމާފައެވެ. އެގޮތުން އެދުވަހުގެ ކެމްބޯޑިއާގެ ބޮޑުވަޒީރު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތާ ގުޅިގެން އިއްޒުއްދީން ފާލަމާއި ޖުމްހޫރީ މައިދާން އަދި ހޮޓެލް ޖެން ހިމެނޭ ސަރަހައްދުގައި މި މަހުގެ 15ވަނަ ދުވަހުން ފެށިގެން ޓްރެފިކް ބެލެހެއްޓުމަށް ބައެއް ބަދަލުތައް ގެންނާނެއެވެ.
15 ވަނަ ދުވަހުގެ 18:00ން ފެށިގެން އިއްޒުންދީން ފާލަން ހިމެނޭ ސަރަހައްދުގެ ފަޅު ބަންދުކުރުމާއި، އިވެންޓާއި ގުޅިގެން ޓްރެފިކަށް އަދި ހިނގާ މީހުންނަށް އިއްޒުއްދީން ފާލަމުން ފެށިގެން ރައީސް އޮފީހާ ހަމައަށް ބަންދުވާނެ ކަމަށް ފުލުހުން ބުންޏެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އެމަނިކުފާނު ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މި ހިނގާ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހުއެވެ. އެ ދަތުރުފުޅު މިމަހުގެ 17 އާއި ހަމައަށް ދެމިގެންދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެ ދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމާއި ބެހޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން ފަހުމުނާމާތައް ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ. ހަމައެހެންމެ މި ދަތުރުފުޅުގެ ހަވާސާގައި ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ މުޢާމަލާތްތައް ހަރުދަނާކުރުމާއި ވިޔަފާރީގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހި ކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބާއްވާ ބިޒްނަސް ފޯރަމްގައި ދެ ޤައުމުގެ ޗެމްބަރ އޮފް ކޮމަރސް އިން ބައިވެރިވުމަށް ހަމަޖެހިފައިވާކަން ރައީސް އޮފީހުން ވަނީ ފާހަގަކޮށްފައެވެ.