ކ. މާލެ
|
29 ޖޫން 2017 | ބުރާސްފަތި 13:24
ޕްލާސްޓިކް ބިސްތަކެއް: ރާއްޖޭގައި ވެސް ވިއްކަން ހުރި ކަމަށް ވަނީ އަޑުފެތުރިފައި
ޕްލާސްޓިކް ބިސްތަކެއް: ރާއްޖޭގައި ވެސް ވިއްކަން ހުރި ކަމަށް ވަނީ އަޑުފެތުރިފައި
ގޫގުލް
ޕްލާސްޓިކް ކުކުޅު ބިސް
ޕްލާސްޓިކް ބިސް ވިއްކާ ކަމަށް ބުނެ ހަގީގަތާ ހިލާފް ޚަބަރު ނެފެތުރުމަށް އިލްތިމާސްކޮށްފި
އެފަދަ ބިސް ވިއްކާކަމުގެ އެއްވެސް މައުލޫމާތެއް އަދި ނުލިބޭ
ޝައްކު އުފެދިއްޖެ ނަމަ ސަރުކާރުގެ ކަމާބެހޭ ފަރާތްކާ ހިއްސާ ކުރަން އެދެފައިވޭ

ރާއްޖޭގައި ވެސް ޕްލާސްޓިކް ބިސް ވިއްކާ ކަމަށް ބުނެ ހަގީގަތާ ހިލާފް ޚަބަރުތައް ނުފެތުރުމަށް އިކޮނަމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އިކޮނަމިކް މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ދިވެހިރާއްޖެ އަށް އެތެރެކޮށް ވިއްކަމުންދާ ކުކުޅު ބިހުގެ ތެރޭގައި އާޓިފިޝަލް ކުކުޅު ބިސް ހުރިކަން ފާހަގަކުރެވިފައި ނުވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގްސް އެތޯރިޓީ (އެމްއެފްޑީއޭ) އިން ހާމަކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް ރައްޔިތުންނާ އާއިލާތަކަށް ކަންބޮޑުވާ ގޮތަށް އަދިވެސް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ޚަބަރު ފަތުރައި، ހަގީގަތް އޮޅޭ ގޮތަށް އެހެނިހެން ވަސީލަތްތަކުގައި މި ވާހަކަ ފަތުރަމުންދާތީ އެކަން އެގޮތަށް ނުކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށް އިކޮނަމިކް މިނިސްޓްރީގެ ނޫސް ބަޔާނުގައި ބުފައިވެއެވެ.

މީގެ އިތުރުން އެއްވެސް ފަރާތަކަށް މިފަދަ ކުކުޅުބިހަކާ މެދު ޝައްކުވާ ނަމަ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ހިއްސާ ކުރުމަށް އެދޭ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

ހެލްތު މިނިސްޓްރީން ބުދަ ދުވަހު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެ މައްސަލަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބަލަމުންދާ ކަމަށް ބުނެފައިވާ އިރު އެފަދަ މައްސަލައެއް މިހާތަނަށް ސަމާލުކަމަށް އައިސްފައި ނުވާ ކަމަށެވެ. އަދި ހެލްތުން ބުނެފައިވާ ގޮތުގައި އެފަދަ މައުލޫމާތެއް ރާއްޖެ ބައިވެރިވާ ބޭރުގެ ފަރާތްތަކުން ވެސް ލިބިފައެއް ނުވެއެވެ. އިންޓަރނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވޯކް (އެންއެފްއޯއެސްއޭއެން) އިން ވެސް އެފަދަ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ހެލްތުން ވަނީ ބުނެފައެވެ.

މައްސަލައެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބަލަން ފަށާފައި މިވަނީ އެފަދަ ބިސް ރާއްޖޭގައި ވެސް ވިއްކަން ހުރި ކަމުގެ ވާހަކަތަކެއް ދެކެވެން ފަށާފައިވަނިކޮށެވެ. އެގޮތުން ބައެއް ދިވެހިން ދަނީ ފޮޓޯއާ އެކު ޕްލާސްޓިކް ބިސް ރާއްޖޭގައި ވިއްކަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ޕްލާސްޓިކް ބިހުގެ އިތުރުން ޕްލާސްޓިކްގެ މާއްދާތައް ބޭނުންކޮށްގެން އުފައްދާފައިވާ ހަނޑުލުގެ ބާވަތްތަކެއް ވެސް ބާޒާރުގައި އުޅޭކަމުގެ ޚަބަރުތަކެއް ފެތުރިފައި ވެއެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ފެތުރެމުންދާ މި ވާހަކަތަކާ ގުޅިގެން މިހާތަނާ ޖެހެންދެން ރާއްޖޭގެ ކަމާ ބެހޭ އެއްވެސް އިދާރާއަކުން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

- ކޮމެންޓް