ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދިނުމަށް ފަހު ދޫކޮށްލައިފިއެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނު އެޑްމިޓްކޮށްފައި ވަނީ ބައެއް ޓެސްޓުތައް ހެދުމަށް ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް ވިދާޅުވެފައިއެވެ. އަދި މިހާރު ޑޮކްޓަރުންގެ ލަފަޔާއި އެކު އެމަނިކުފާނު ގެކޮޅަށް ބަދަލުކޮށްފައިވާ ކަަމަށް ރައީސް މައުމޫން ކުރެއްވި އިތުުރު ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު ވަނީ އެމަނިކުފާނުގެ ހާލުކޮޅު ބެއްލެވި ގާތްތިމާގެ ބޭފުޅުންނާއި، ހެޔޮ އެދުންތައް ފޮނުއްވި އެހެން ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެމަނިކުފާނަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދެއްވި ސިއްޙީ ޚިދުމަތްތެރިންނަށް ރައީސް މައުމޫން ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅާއި ގުޅޭ އިތުރު ތަފްސީލް އަދި މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.