ކ. މާލެ
|
13 ޖެނުއަރީ 2023 | ހުކުރު 07:31
"ފިކުރެއްގެ ދިރުން" ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅުދައްކަވަނީ
"ފިކުރެއްގެ ދިރުން" ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅުދައްކަވަނީ
ރާއްޖެއެމްވީ
ރައީސް ނަޝީދުގެ ކެމްޕެއިން ޖަލްސާ
މިސަރުކާރުގެ ޝިއާރަކީ "އަންނަނީ"، މެންބަރުންގެ ކަންބޮޑުވުމަކީ ކަންކަން ނުނިމުން: ނަޝީދު
ނަޝީދު ވިދާޅުވީ އެމްޑީޕީން ވަކާލާތުކުރަމުންދިޔަ ކަންކަން ހާސިލުކުރީ އެމްޑީޕީގެ މެންބަރުންގެ ހިތްވަރާއި މަސައްކަތުންކަމަށް
މިސަރުކާރުގެ ފުރަތަމަ ތިން އަހަރު ނިމިގެން ދިޔައިރުވެސް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމުގެ ސިޔާސަތެއް ނެތްކަމަށް ވިދާޅުވި
އެމްޑީޕީ މެންބަރުން ސަރުކާރާ ދުރަށްދާ ސަބަބުތަކެއްވާކަމަށް ވިދާޅުވި

މިސަރުކާރުން ގެންގުޅޭ ސްލޯގަން އަކީ ނުވަތަ ޝިއާރަކީ "އަންނަނީ" ކަމަށް ވިދާޅުވެ ސަރުކާރުން ކުރިޔަށްގެންދާ ތަރައްގީގެ މަޝްރޫޢުތަކަށް އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެއެވެ.

ކުރިޔަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕެއިން ކުރެއްވުމަށް ރާޅުގަނޑު ސަރަހައްދުގައި ބުރާސްފަތި ދުވަހުގެ ރޭ ރައީސް ނަޝީދު ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ފެއްޓެވީ ކެމްޕެއިނަށް ގިނަ އަދަދެއްގެ ރަށްރަށަށް ވަޑައިގެންނެވިއްޖެކަމަށާއި ކުއްލިއަކަށް އަސްލު އެމްޑީޕީ ނުކުމެއްޖެކަމަށް ވިދާޅުވެއެވެ. އަދި އަސްލު އެމްޑީޕީ ޖަމާވެއްޖެކަމަށާއި ހިނި ހޮރުތަކަކުން ހިނި ނުކުންނަ ފަދައިން ފަތިފައްޗަށް އެމްޑީޕީގެ މެންބަރުން ނުކުމެއްޖެކަމަށް ވިދާޅުވެއެވެ.

ރިޔާސީ ޕްރައިމަރީއަށް ނުކުމެވަޑައިގެން ހުންނެވީ އެމްޑީޕީގެ ވެރިކަމެއް އުފައްދަވަންކަމަށް ވިދާޅުވާ ވާހަކަފުޅު ތަކުރާރުކުރައްވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީން ވަކާލާތުކުރަމުންދިޔަ ކަންކަން ހާސިލުކުރީ އެމްޑީޕީގެ މެންބަރުންގެ ހިތްވަރާއި މަސައްކަތުންކަމަށެވެ. އަދި އެއީ އެއްގޮތަކަށްވެސް ވަޒީރު ބޭފުޅުން ރުއްސައިގެން ވެރިއެއްގެ ފައިބުޑަށް ވެއްޓިގެން ކުރިކަމެއް ނޫންކަމަށެވެ.

ނަމަވެސް ތަރައްގީ ލިބެންއޮތީ ވެރިން ރުއްސައިގެންކަމަށް ހީވާ މީހުން ގިނަވެއްޖެކަމަށް ނަޝީދު ވިދާޅުވިއެވެ.

އަޅުގަނޑު މިރޭ މިތަނަށް އައިސް މިހުރީ އަނެއްކާވެސް ކަންބޮޑުވާތީ. އަޅުގަނޑުމެންގެ ތެރެއިން މާގިނަ މީހުންނަށް ހީވާން ފަށައިފި ތަރައްގީ ލިބެން އޮތީ، ކަމެއް ވާން އޮތީ ވެރިން ރުއްސައިގެންނޭ. ވަޒީރުންގެ ގޭދޮށުގައި މުގޯލި އަޅައިގެންނޭ. އެބޭފުޅުންނަށް ނޯކިރީ ކޮށްގެންނޭ. ނޫން. ވެރިއެއްގެ ތައްޕާހުން ލިބޭނީ އެންމެ ކަމެއް. އެއީ އަޅުވެތިކަން. އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ އަމިއްލަ މަސައްކަތުން އަމިއްލަ ހިތްވަރުން އަޅުގަނޑުމެންގެ ބޭނުންތައް ފުއްދަމުން އަންނަޕާޓީއެއް. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައިވެސް އަޅުގަނޑުމެން މަސައްކަތްތައް ހިނގާނީ އަޅުގަނޑުމެންގެ ހިތްވަރާއި އަޅުގަނޑުމެންގެ އަޒުމުން.
ރައީސް މުހައްމަދު ނަޝީދު

ނަޝީދު ވިދާޅުވީ ރައީސް މައުމޫންގެ ދިގު 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނެސް އެމްޑީޕީން 2008 ވަނަ އަހަރު ވެރިކަމަށް އައި ނަމަވެސް އޭރުގެ ޚުދުމުހުތާރު ވެރިކަމުގެ ނިޒާމުގައި ހަރުލާފާއިވާކަންކަން ނިމުމަކަށް ނާންނަކަމަށެވެ. އަދި 2012 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ބަޣާވާތަކުން ނިމުމަކަށް އައިއިރު ޚުދުމުޚުތާރުކަމުގެ ސިފަތައް އުފުރާލުމަށް 10 އަހަރު ވަންދެން އެމްޑީޕީން ހިކުމަތްތެރިކަމާއެކު މަސައްކަތްކުރިކަމަށެވެ.

އެއާއެކު 2018 ވަނަ އަހަރު އައިރު އެމްޑީޕީ އަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ލަޝްކަރުކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް އަދިވެސް ބަޣާވާތުގެ ކަންބޮޑުވުން އެބައޮތްކަމަށާއި ނަމަވެސް އެމަނިކުފާނު މަޖިލީހުގައި ހުންނަވަނިކޮށް ބަޣާވާތަކަށް ދޮރުނުހުޅެވޭނެކަމަށާއި ކުރީގައި އެކަމުގައި އުޅުނު ބައެއް ބޭފުޅުން އެވާހަކަތައް މިހާރު ދައްކަވާކަމަށެވެ.

ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރު އެމްޑީޕީއަށް ވެރިކަން ކާމިޔާބުވީ ކޯލިޝަނަކުން ކަމަށާއި އެމްޑީޕީ މެންބަރުން ސަރުކާރާ ދުރަށްދާ ސަބަބުތަކެއްވާކަމަށެވެ. އެގޮތުން އެންމެ ބޮޑުކަމެއްގެ ގޮތުގައި ފާހަގަވާ ބޯހިޔާވަހިކަމަށް ހައްލު ގެންނަންޖެހޭކަމަށް ވިދާޅުވެ މިސަރުކާރުގެ ފުރަތަމަ ތިން އަހަރު ނިމިގެންދިޔައިރު ވެސް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމުގެ ސިޔާސަތެއް ނެތްކަމަށް ވިދާޅުވިއެވެ. އެކަމަށް ރައީސް ޞާލިހު ކުރައްވަމުން ގެންދެވީ އިންކާރުކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އެންމެ ފްލެޓެއްވެސް 2021 ވަނަ އަހަރު ނިމި 2022 ވަނަ އަހަރު ދިޔައިރުވެސް އެންމެ ފްލެޓެއްވެސް އަޅަންވެސް ނުފަށާ. އޭގެއިތުރުން ގޯއްޗެއް ދިނުމަށް ދިޔައީ އިންކާރުކުރަމުން. ރައްޔިތުންގެ މަޖިލީހުގެ ޚާއްސަކޮށް މާލެއަށް ނިސްބަތްވާ މެންބަރުން އިންތިހާއަށް އިހުތިޖާޖުކުރުމުން ދެން އެންމެ ފަހުން ގޯތި ކަނޑާނެކަމަށް ރައީސް އެއްބަސްވެވަޑައިގެންނެވީ. އަސްލަމް ފާޑަކަށް އިންނަވާފައި ގުޅީފަޅުގައި ދެތިން ރޮނގެއް ޝުއެން ޝުއެން ލައްވަވާފައި އަޅުވާލެއްވީ. އަޅުގަނޑުމެން އެހިން ކޮބާހޭ ގޯތި. ކަޑަ ޖަހާފައި ދޭށޭ ގޯތި. މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަކީ މިސަރުކާރުން ކޮންމެހެން ހައްލުކުރަންޖެހޭ މައްސަލައަކަށްވެ އޮވެމެ އަޅުގަނޑުމެން އެކަން ނުކޮށް މިދޫކޮށްލީ
ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދުގެ ވާހަކަފުޅު ދެން ބައްޓަންކުރެއްވީ މިސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ ސްޕީޑް ލަސްކަމުން އެކަމަށް ފާޑުވިދާޅުވުމުގައެވެ. އެގޮތުން މިސަރުކާރުގެ ޝިއާރަކީ މިއަންނަނީ ކަމަށާއި ދެން އަންނަ ކުއާޓާރގައި އަންނަނީ ކަމަށް އަބަދުވެސް ބުނަމުންދާކަމަށާއި އެމަޝްރޫޢުތައް ނިމޭތަން ނުފެންނަކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ ސްލޯގަން އަކީ ޝިއާރަކީ އޮލިމްޕަހުގައި އަޅުވާނެ އަންނަނީ، އަންނަނީ، ދެން އަންނަނީ މިއަންނަ ކުއާޓާގައި އަންނާނެ ދެން އަންނަ ކުއާޓާގައި އަންނާނެ. އަންނަނީ، މިފިލްމެއް ނުއެއް ފެނުނު. ހަމަ އަންނަނީ.
ރައީސް މުހައްމަދު ނަޝީދު

އެގޮތުން އޮލިމްޕަސް ހުޅުވަން އެތައް ތާރީޚެއް ދީފިކަމަށާއި އަދިވެސް އެތަން ނުހުޅެވޭއިރު އެއާޕޯޓްގެ މަޝްރޫޢުވެސް އަދިވެސް ނުނިމޭކަމަށް ނަޝީދު ވިދާޅުވިއެވެ. އެގޮތުން އެންމެފަހުން ފެށި އަމީނީ މަގުގެ މަޝްރޫޢުވެސް އޮތީ އެގޮތަށްކަމަށާއި ނަރުދަމާ ހެދުމާއި މަގު ހެދުމުގެ އެތައް މަޝްރޫޢުތަކެއް ހިނގާ ވާހަކަ އަބަދުވެސް ދައްކަމުންދާކަމަށާއި ނަމަވެސް މަޝްރޫޢުތައް ނުނިމޭކަމަށް ވިދާޅުވިއެވެ.

އެމްޑީޕީގެ މެންބަރުން ކަންބޮޑުވަނީ ކަންކަން ނިންމާނުލެވޭތީވެ. ކަންކަން ރީތިކޮށް ވަޑިފައްޗަށް ރަހައަށް ގެންގޮސް ޕްރޮޖެކްޓްތައް ނިންމާނުލެވޭތީ. މަސައްކަތް ފަށާފާނެ އެހެން ރަށެއްގައި. މާލޭގައި އަމީނީ މަގުގައި. މަސައްކަތް މިފެށީ ތާރު އަޅަންވެގެން. ކުރީގައި އެތާންގައި ގައު ހުރީމާ މަގްސަދަކީ ބޭނުމަކީ ތާރު އެޅުން. މަގު ރޫޅާލިއިރު ތާރެއް ނެތް. އަދި ތާރު އަޅާނެ ކުންފުންޏެއްވެސް ނެތް. ތާރު އަޅާނެ މެޝިނެއްވެސް ނެތް. އެކަމަކު އަވަސްކޮށްފައި ގެންގޮސްފައި ހުރިހާ ގަހެއް ކަނޑާލާފައި މަގެއް ރޫޅާލައިފި. އަދި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ލައްވާ އެތަނުގައި އުދަލި ހިފައިގެން ނަގާ ފޮޓޯ ނަންގަވާފައި އަންނަނީ އަންނަނީ ބޯޑު އެތާންގައި ޖަހައިފި. ކުޑަ ޕްރޮޖެކްޓެއް ބޮޑު ޕްރޮޖެކްޓެއް ނެތް އަޅުގަނޑަށް ދެންނެވޭނީ ހުރިހާ އެއްޗެއްވެސް އޮތީ އަންނަނީ ގައޭ. މިއީ އެމްޑީޕީ މެންބަރުން ބަލައިގަންނަ ސިޔާސަތެއް ނޫން
ރައީސް މުހައްމަދު ނަޝީދު

ނަޝީދު ވިދާޅުވީ އެމްޑީޕީ މެންބަރުންގެ ކަންބޮޑުވުމަކީ ވެރިކަމަށް އަންނަމުން ބުނި އެމްއެމްޕީއާރުސީގެ ޚިޔާނާތުން ގެއްލުނު އެއްވެސް ފައިސާއެއް އަދިވެސް ނުހޯދުންކަމަށެވެ.

އެމްޑީޕީ މެންބަރުން އަލުން އަނބުރާ ޕާޓީ ހޯދަން އެދޭކަމަށާއި އެމީހުން ތިބީ އެކަމަށް ނުކުމެކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތް ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރައްވާނެކަމަށް ނަޝީދު ވިދާޅުވިއެވެ.

- ކޮމެންޓް