ކ. މާލެ
|
13 ޖެނުއަރީ 2023 | ހުކުރު 07:21
މާލެ ފޮގްކުރުމުގެ މަސައްކަތްކުރަނީ
މާލެ ފޮގްކުރުމުގެ މަސައްކަތްކުރަނީ
ރާއްޖެ އެމްވީ
މަދިރިއުފެދޭ ގޮތަށް ހުންނަ ތަންތަން
މަދިރި އުފެދޭ ގޮތަށް ހުންނަ ތަންތަން ނައްތާލުމަށް އަބަދުވެސް ސަމާލުކަންދޭންޖެހޭ: އެޗްޕީއޭ
ވިއްސާރަ ދުވަސްވަރާ ދިމާކޮށް މަދިރިއުފެދޭ ގޮތަށް ހުންނަ ތަންތަން ނައްތާލުމަށް މަސައްކަތްކުރުމަކީ މުހިންމު ކަމެއް

މަދިރި އުފެދޭ ގޮތަށް ހުންނަ ތަންތަން ނައްތާލުމަށް އަބަދުވެސް ސަމާލުކަންދޭންޖެހޭ ކަމަށާއި އެއީ ހަމައެކަނި ވިއްސާރަ ދުވަސްވަރާ ދިމާކޮށް ކުރާ ކަމަކަށް އެކަނި ނުހެދުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އިލްތިމާސްކޮށްފިއެވެ.

އާންމު ބަލިތަކުގެ ހާލަތާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ސީނިއަރ ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރު ސަރާ ޖަމާލު ވިދާޅުވީ އާންމު ގޮތެއްގައި މަދިރިއުފެދޭ ގޮތަށް ހުންނަ ތަންތަން ނައްތާލުމުގެ މަސައްކަތް ކުރަނީ ޑެންގީއާ ގުޅިގެންކަމަށެވެ. އެގޮތަށްވެސް ސާފުކުރުމުގެ ގޮތުން ވަކި ދުވަހެއް ކަނޑައަޅައިގެން އެކަންކުރަމުން އަންނަކަމަށް ސަރާ ވިދާޅުވިއެވެ.

ނަމަވެސް މިއީ އެއް ދުވަހެއްގެ މަސައްކަތެއް ނޫންކަމަށާއި ދެމެހެއްޓެނެވި ގޮތަކަށް މިފަދަ ހަރަކާތްތައް ހިންގައިގެން ނޫނީ ރަނގަޅު ނަތީޖާއެއް ނުފެންނާނެކަމަށް ސަރާ ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް ވިއްސާރަ ދުވަސްވަރާ ދިމާކޮށް މަދިރިއުފެދޭ ގޮތަށް ހުންނަ ތަންތަން ނައްތާލުމަށް މަސައްކަތްކުރުމަކީ މުހިންމު ކަމެއްކަމަށް ސަރާ ވިދާޅުވިއެވެ.

ހުރިހާ ބޭފުޅުންވެސް ސަމާލުވާންވީ މިއީ އެންމެ ދުވަހެއްގެ ކްލީން އަޕެއް ނޫން. ދެމެހެއްޓެނެވި ގޮތަކަށް މިކަން ކުރައްވަންޖެހޭނީ. އެއް ދުވަހުގެ ކްލީން އަޕް އެއީ އެއީ އެހާ އެފެކްޓިވް ކަމެއްނޫން މަދިރި ކޮންޓްރޯލްކުރުމަށް. އަހަރު ތެރޭގައި ޚާއްސަކޮށް ވިއްސާރަވާ ދުވަސްވަރަށް ފޯކަސް ކޮށްފައި ގޭތެރޭގައި ހުންނަ މަދިރި އާލާވާ ފަދަ ތަންތަން ހޯދާ ނައްލާލުން އެއީ ވަރަށް މުހިންމު ކަމެއް. އެފަދަ ތަންތަން ނައްތާލަން މަސައްކަތްކުރުން އެއީ ވަރަށް މުހިންމު ކަމެއް.
ސަރާ ޖަމާލު / އެޗްޕީއޭގެ ސީނިއަރ ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރު

ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ސީނިއަރ ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރު ފާތުމަތު އަނާ ނަދީމް ވިދާޅުވީ އަހަރެއްގެ ތެރޭގައި ތިން ފަހަރަށް ޑެންގީ ކޭސްތައް ރާއްޖޭގައި އިތުރުވާކަން ފާހަގަކުރެވޭކަމަށެވެ. އެހެންކަމުން އާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް އެޗްޕީއޭއިން އަބަދުވެސް ހިންގަމުންދާކަމަށެވެ.

ޑެންގީއަށް އާންމުން ހޭލުންތެރިކުރުވުމަށް މައިގަނޑު ގޮތެއްގައި ދެކަމަކަށް އިސްކަންދޭކަމަށް އަނާ ވިދާޅުވިއެވެ.

އެއީ މަދިރި އާލާވާ ތަންތަން ނައްތާލުމަށް ކިހިނެއްތޯ ހެދޭނީ ކީއްތޯ ކުރެވޭނީ. ގޭތެރެއާ ގޯތިތެރެ ޗެކުކުރުމާއި އިންޑޯގައި މި ހުންނަ ގަސް ޕޮޓް ފަދަ މަދިރި އާލާވާ ފަދަ ތަންތަން ޗެކްކުރުން. ދެން ޑެންގީ މަދިރި ހެފެމުން ރައްކާތެރިވުމަށް މައުލޫމާތު ދެވެނީ.
ފާތުމަތު އަނާ ނަދީމް / އެޗްޕީއޭގެ ސީނިއަރ ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރު

ޑެންގީ ކޭސްތައް ފެންނަ ހިސާބުތަކަށް ބަލާއިރު ވާރޭ ވެހޭ ނިސްބަތާއި ދުވަސްވަރު މުހިންމު ދައުރެއް އަދާކުރާކަމަށް ސަރާ ވިދާޅުވިއެވެ.

ރާއްޖޭގައި ޑެންގީ ހުންފަދަ ގައިންގައިން އަރާ ބަލިތައް 2020 ވަނަ އަދި 2021 ވަނަ އަހަރު ފެނުނު މިންވަރު ވަނީ އެހެން އަހަރުތަކާއި އަޅާބަލާއިރު މަދުވެފައެވެ. ނަމަވެސް ނިމިގެންދިޔަ 2022 ވަނަ އަހަރު ވަނީ 2020 ގެކުރިން ކޭސްތައް ފެނުނު މިންވަރަށް ބަލިތައް ރިކޯޑު ކުރެވިފައެވެ. ޑެންގީއަށް ބަލާއިރު 2019 ވަނަ އަހަރު ރިކޯޑް މިންވަރަކަށް ރާއްޖެއިން ކޭސްތައް ފެނުނު ނަމަވެސް މިދިޔަ 2022 ވަނަ އަހަރު ފެނުނު ކޭސްތައް 2019 ވަނަ އަހަރާ އަޅާބަލާއިރު މަދުކަމަށް އެޗްޕީއޭއިން ބުނެއެވެ.

- ކޮމެންޓް