Advertisement
ކ. މާލެ
|
12 ޖެނުއަރީ 2023 | ބުރާސްފަތި 13:57
ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރާ، ހަމަލާދޭން އުޅުނުކަމުގެ ތުހުމަތުކުރެވޭ މީހުންގެ ތެރޭގައި ހިމެނޭ ތ. ތިމަރަފުށި، ކެނެރީގެ، ޢަލީ މުނީޒު
ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރާ، ހަމަލާދޭން އުޅުނުކަމުގެ ތުހުމަތުކުރެވޭ މީހުންގެ ތެރޭގައި ހިމެނޭ ތ. ތިމަރަފުށި، ކެނެރީގެ، ޢަލީ މުނީޒު
ރާއްޖެއެމްވީ
ތިމަރަފުށީ ހަރުކަށި ފިކުރު
ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމް
މިހާތަނަށްވެސް އޭނާގެ ބަލިމަޑުކަމަށް ފަރުވާއެއް ހޯދިފައި ނެތި، އޭނާގެ ޙާލަތު އިންތިހާއަށް ގޯސްވެފައިވޭ
އޭނާގެ ބޭސްފަރުވާގެ ކަންކަމުގައި ގޮންޖެހުންތައް ހުރިކަން ބަޔާންކޮށް ކަރެކްޝަންސްއިންވެސް ޕީޖީ އޮފީހަށް ސިޓީއެއް ފޮނުވާފައިވޭ

ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރާ، ހަމަލާދޭން އުޅުނުކަމުގެ ތުހުމަތުކުރެވޭ މީހުންގެ ތެރޭގައި ހިމެނޭ ތ. ތިމަރަފުށި، ކެނެރީގެ، ޢަލީ މުނީޒުއަށް ކުރާ ދައުވާގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.

މި އަޑުއެހުމަކީ އަލީ މުނީޒުގެ ބަންދު މުރާޖައާ ކުރުމާ ގުޅޭ އަޑުއެހުމެކެވެ.

މި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، އޭނާ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވަނީ މި މައްސަލައިގައި ދައުލަތުން ހުށައަޅާފައިވާ ހެކިތަކަށް ބަލާއިރު އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައަށް ނުރައްކާވާނެކަން އެނގެން އޮތުމުން ކަމަށެވެ.

މީގެ ކުރިން އޭނާ ސިއްޙީ މައްސަލަތަކެއްގެ ޝަކުވާކޮށް، އެކަމުގެ ލިއެކިއުންތަކެއް އޭނާގެ ފަރާތުން ހުށައެޅިއެވެ.

އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް މެދުވެރިކޮށްވެސް އޭނާއަށް ފަރުވާ ފޯރުކޮށްދެވުނު ނަމަވެސް، މިހާތަނަށްވެސް އޭނާގެ ބަލިމަޑުކަމަށް ފަރުވާއެއް ހޯދިފައި ނެތި، އޭނާގެ ޙާލަތު އިންތިހާއަށް ގޯސްވެގެން ކަރެކްޝަންސްއިންވެސް ޕީޖީ އޮފީހަށް އެންގިކަމަށް ވަކީލު ވިދާޅުވިއެވެ.

ވަކީލު ވިދާޅުވީ، އޭނާއަށް ދިމާވާ ސިއްޙީ މައްސަލަތަކާއި، މައްސަލަ ދިމާވާ ސަބަބުތައް މިހާތަނަށް ޑޮކްޓަރުންނަށްވެސް ދެނެގަނެވިފައިނުވާ ކަމަށެވެ.

ދައުލަތުގެ ވަކީލު އިތުރަށް ވިދާޅުވީ، އޭނާގެ ބޭސްފަރުވާގެ ކަންކަމުގައި ގޮންޖެހުންތައް ހުރިކަން ބަޔާންކޮށް ކަރެކްޝަންސްއިންވެސް ޕީޖީ އޮފީހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

ވުމާއެކު ދައުލަތުން ވަނީ އޭނާއަށް ފަރުވާގެ ފުރުސަތު ހޯދައިދނުމަށްޓަކައި އޭނާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުމަށް އެދިލައްވާފައެވެ.

ދައުލަތުން އެދިފައިވަނީ 100 ދުވަހަށް އޭނާ ބަންދުން ދޫކޮށްލުމަމަށެވެ.  

Advertisement

އަލީ މުނީޒުގެ ފަރާތުން ވަނީ ދައުލަތުގެ ޝަރުތުތަކަށް ބޯލަނބާނެކަމަށް ބުނެފައެވެ. އެހެންނަމަވެސް މާލޭގައި އޭނާއަށް ހުރެވޭނެ ތަނެއް މިވަގުތަށްވެސް ނެތް ކަމަށާއި، ހަމައެއާއެކު، އޭނާ ތިމަރަފުއްޓަށް ގޮސްފިނަމަ މި މައްސަލައިގައި ފުލުހުން ތުހުމަތު ކުރާ މީހަކާ ދިމާވުން އެކަށީގެންވާކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ.

ވުމާއެކު، މާލެ ނޫން ރަށަކަށް އޭނާއަށް ބަދަލު ވުމުގެ ހުއްދަ ދެއްވުމަށް ދިފާއުން ވަނީ އެދިފައެވެ. އަދި ރާއްޖެއިން ބޭރަށް ފަރުވާއަށް ދާން ޖެހިއްޖެނަމަ ފަރުވާއަށް ދިއުމުގެ ހުއްދަ ދެއްވުމަށްވެސް ވަކީލު އެދިލައްވާފައިވެއެވެ.

މި އަޑުއެހުމުގައި ވާހަަކަ ދައްކަމުން އަލީ މުނީޒު ބުނީ، އޭނާގެ އުފަންރަށް ތިމަރަފުށި ނުވަތަ އެ އަތޮޅު ވޭމަންޑޫގަައިވެސް އޭނާއަށް ހުރެވޭނެ ކަމަށެވެ. ތިމަރަފުއްޓަކީ އެ މައްސަލައާ ގުޅޭ ގިނަ މީހުން ތިބި ރަށަކަށްވާއިރު، އޭނާއަށް މުހިންމީ ކޮންމެ ތަނެއްގައި ހުރެގެންވެސް ފަރުވާ ލިބުންކަމަށް އޭނާ ބުންޏެވެ.

މާލެގައި މިވަގުތު ހުރެވޭނެ ގޮތެއް ނެތްކަމަށްވެސް އޭނާ ބުންޏެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ، މާލެ ނޫން ތަނަކަށް އޭނާ ދޫކޮށްލާނަމަ، އޭގެ ކުރިން ފުލުހުންނާވެސް ކުރަންޖެހޭ މަޝްވަރާތަކެއް އެބަހުރި ކަމަށެވެ. އަދި ތ އަތޮޅުގެ ރަަށަކަށް ދިއުމަކީ ހެއްކަށް ނުފޫޒު ފޯރުވޭނެ ފަދަ ކަމެއް މެދުވެރިވެދާނެ ކަމެއްކަމަށްވެސް ވަކީލު ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލު ވަނީ ދައުލަތުން އިތުރަށް މަޝްވަރާ ކޮށްލަން ބޭނުންވާކަމަށް ބުނެފައެވެ.

ދެފަރާތުން ދެއްކެވި ވާހަކަތަކަށް ރިއާޔަތް ކުރައްވައި ގާޒީ ވިދާޅުވީ، އޭނާ ހައްޔަރުކުރީ މާލެއިން ނޫން ކަމަށާއި، ވީއިރު އެކަމަށްވެސް ރިއާޔަތް ކުރަންޖެހޭނެ ކަމަށެވެ. ނަމަވެސް ދައުލަތުން އެ ބުނާ ނުކުތާއަށްވެސް ރިއާޔަތް ކުރައްވާނެ ކަމަށާއި، ވުމާއެކު، މާލެ ސަރަަޙައްދުން ބޭރަށް ދާ ނަމަ ޕީޖީ އޮފީހުގެ ހުއްދައާއެކު ދިއުމަށް ގާޒީ ވަނީ ޝަރުތު ކުރައްވާފައެވެ.

ގާޒީ ވަނީ 8 ޝަރުތެއް އޭނާގެ މައްޗަށް ކުރައްވާފައެވެ. އޭގެ ތެރޭގައި ޤާނޫނާ ޚިލާފު އެއްވެސް ކަމެއް ނުކުރުމާއި، ކޯޓަށް ހާޒިރުވާން ޖެހޭ ގަޑިއަށް ހާޒިރުވުމާއި، ރެގަނޑު 6ން ހެނދުނު 8ށް ސިއްޙީ ފަރުވާ ފިޔަވައި އިތުރު ކަމެއްގައި ބޭރަށް ނުދިއުމާއި، ޕީޖީ އޮފީހުގެ ހުއްދަ ނެތި މާލެ ސަރަޙައްދުން ބޭރަށް ނުދިއުމާއި، ކުށްތަކުގެ ތުހުމަތުވާ މީހުންނާއި، މައްސަލައިގެ ހެކިބަސް ދޭ މީހުންނާ ބައްދަލު ނުކުރުމާއި، އޭނާގެ ސިއްޙީ މައްސަލަތަކަށް ފަރުވާ ހޯދަމުންދާ ކަމުގެ ލިއުންތައް ކޮންމެ 15 ދުވަހަކުން ޕީޖީ އޮފީހާއި ކޯޓަށް ހުށައަޅަމުން ދިއުމާއި، ފުލުހުން އަންގާ ގޮތެއްގެ މަތިން ހާޒިރުވެ، ސޮއި ކުރަންޖެހޭ އެއްޗެއްގައި ސޮއި ކުރުން ހިމެނެއެވެ.

މިމައްސަލައިގައި އަލީ މުނީޒުގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާއާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމުގެ ކުށުގެ ދައުވާއެވެ. 

އޭނާގެ މައްޗަށް ކުރާ 3 ވަނަ ދައުވާއަކީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ ފަދަ ލިއުމެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ. އެ 3 ދައުވާއަށްވެސް އޭނާ އިންކާރު ކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް