ކ. މާލެ
|
12 ޖެނުއަރީ 2023 | ބުރާސްފަތި 12:47
އެމެރިކާގައި އާންމު ދަތުރުތައްކުރާއިރު މާސްކު އެޅުން އަދިވެސް މަޖުބޫރު
އެމެރިކާގައި އާންމު ދަތުރުތައްކުރާއިރު މާސްކު އެޅުން އަދިވެސް މަޖުބޫރު
ރޮއިޓާސް
އެމެރިކާގެ ކޮވިޑް-19ގެ ހާލަތު
އެމެރިކާގައި ކޮވިޑާ ގުޅިގެން އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ހާލަތު ދިގުދައްމާލައިފި
އޮމިކްރޯން ވޭރިއަންޓްގެ ސަބްވޭރިއަންޓެއް މިހާރު އެމެރިކާއިންވެސް ވަނީ ފެނިފައި
އެމެރިކާގައި މިހާރު އެވްރެޖްކޮށް 67،000 މީހުން ބައްޔަށް ޕޮޒިޓިވްވަމުންދާކަމަށް ތަފާސްހިސާބުތަކުން ދައްކާ
އެމެރިކާގައި އާންމު ސިއްހަތުގެ ކުއްލި ހާލަތު އެންމެ ފުރަތަމަ އިއުލާނުކުރަކީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު

އެމެރިކާގައި ކޮވިޑް-19އާ ގުޅިގެން އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ހާލަތު ދިގުދައްމާލައިފިއެވެ.

ބަލިމަޑުކަމާ ގުޅިގެން އެމެރިކާގައި އާންމު ސިއްހަތުގެ ކުއްލި ހާލަތު އެންމެ ފުރަތަމަ އިއުލާނުކުރަކީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. އާންމު ސިއްހަތުގެ ކުއްލި ހާލަތު އެމެރިކާގެ ހެލްތު ޑިޕަރޓްމެންޓުން އަލުން ދިގުދައްމާލާފައި ވަނީ ބުދަ ދުވަހުއެވެ. މިއާއެކު އެގައުމުގެ އާންމުންނަށް އަދިވެސް ހިލޭ ބައްޔަށް ޓެސްޓުކޮށް ވެކްސިން ޖެހޭނެއެވެ.

އެމެރިކާގައި ކޮވިޑް-19ގެ ހާލަތު އެންމެ ގޯސްވެގެންދިޔަ ދުވަސްތަކުގައި ދުވާލެއްގެ މައްޗަށް 3،000ށް ވުރެ ގިނަ މަރު ރިކޯޑްކުރެވިގެންދިޔައެވެ. ނަމަވެސް ބައްޔަށް ފާރުވާކުރެވޭނެ ގޮތްތައް ފަސޭހަކޮށްދީ، ވެކްސިން ޖެހުން އިތުރުކުރުމާއެކު އެމެރިކާގައި މިހާރު ވަނީ ވަރަށް ބޮޑަށް ކޮވިޑް ފެތުރުން ކޮންޓްރޯލްކުރެވިފައެވެ.

ކުރިއާ އަޅާބަލާއިރު، މިހާރު އެގައުމުގައި ވަރަށް ބޮޑަށް ބަލި ކޮންޓްރޯލްކުރެވިފައިވީނަމަވެސް އަދިވެސް އެގައުމުގައި ކޮވިޑް-19 ޖެހިގެން ކޮންމެ ދުވަހަކުވެސް އެތައް ސަތޭކަ މީހުން މަރުވާކަމަށް އެމެރިކާގެ ސެންޓްރ ފޮރ ޑީޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން އާންމުކުރާ ތަފާސްހިސާބުތަކުންދައްކައެވެ.

މީގެ އިތުރުން، މިދިޔަ އަހަރާ އަޅާބަލާއިރު، މިހާރު އެމެރިކާގެ ކޮވިޑް ކޭސްތައް މަދުނަމަވެސް، އޮމިކްރޯން ވޭރިއަންޓްގެ ސަބަބުން އަނެއްކާވެސް އެމެރިކާގެ ކޭސްތަކުގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގައުމުން މިހާރު އެވްރެޖްކޮށް 67،000 މީހުން ބައްޔަށް ޕޮޒިޓިވްވަމުންދާކަމަށް ތަފާސްހިސާބުތަކުން ދައްކާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުން އޮމިކްރޯން ވޭރިއަންޓްގެ ސަބްވޭރިއަންޓެއް މިހާރު އެމެރިކާއިންވެސް ވަނީ ފެނިފައެވެ.

ކޮވިޑްގެ އައު ވޭރިއަންޓްތައް ފެތުރެމުންދާތީ އެއްގައުމުން އަނެއް ގައުމަށް ދަތުރުކުރާ މީހުން، ހާއްސަކޮށް ދިގު ދަތުރުތައް ކުރާމީހުން މާސްކު އަޅައިގެން އުޅުމަށް ސަމާލުކަން ދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވެސް ވަނީ ގޮވާލާފައެވެ.

- ކޮމެންޓް