ސަރުކާރުން އަނެއްކާވެސް ޓީބިލް ވިއްކުމަށް ހުޅުވާލައިފިއެވެ.
ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައިވާގޮތުން މިފަހަރު ވިއްކުމަށް ހުޅުވާލުމަށް ނިންމާފައިވަނީ 2.2 ބިލިއަން ރުފިޔާގެ ޓީބިލެވެ. ހުޅުވާލި 2.2 ބިލިއަން ރުފިޔާގެ ޓީބިލްސް ވިއްކުމަށް ނިންމާފައިވަނީ ޖެނުއަރީމަހުގެ 15 ވާ އާދިއްތަ ދުވަހެވެ. ސެޓްލްމަންޓް ޑޭޓަކަށް ކަނޑައަޅާފައިވަނީ ޖެހިގެން އަންނަ ހޯމަ ދުވަހެވެ.
މިފަހަރު ސަރުކާރުން ވިއްކުމަށް ނިންމާފައިވަނީ މަސްދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް 453 މިލިއަން ރުފިޔާގެ ޓީބިލާއި، ތިން މަސްދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް 333.7 މިލިއަން ރުފިޔާގެ ޓީބިލާއި، ހަ މަސްދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް 999.8 މިލިއަން ރުފިޔާގެ ޓީބިލުގެ އިތުރަށް އެއް އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް 1.7 ބިލިއަން ރުފިޔާގެ ޓީބިލެވެ.
މަސްދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް ހުޅުވާލި 453 މިލިއަން ރުފިޔާގެ ޓީބިލްގެ އިންޓަރެސްޓް ރޭޓަކީ 3.50 އިންސައްތައެވެ. ތިން މަސްދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް ހުޅުވާލި 333.7 މިލިއަން ރުފިޔާގެ ޓީބިލުގެ އިންޓަރެސްޓް ރޭޓަކީ، 3.87 އިންސައްތައެވެ. އަދި ހަ މަސްދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް ހުޅުވާލި 999.8 މިލިއަން ރުފިޔާގެ ޓީބިލުގެ އިންޓަރެސްޓް ރޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 4.23 އިންސައްތައެވެ. މީގެ އިތުރުން އެއް އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް ހުޅުވާލި 1.7 ބިލިއަން ރުފިޔާގެ ޓީބިލްގެ އިންޓަރެސްޓް ރޭޓަކީ 4.6 އިންސައްތައެވެ.
މިއީ ފިނޭންސް މިނިސްޓްރީން ޓީބިލް ވިއްކުމަށް މި އަހަރު ހުޅުވާލި ދެވަނަ ފަހަރެވެ. މީގެ ކުރިން ފިނޭންސް މިނިސްޓްރީން ވަނީ ޖެނުއަރީ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައިވެސް ޓީބިލް ވިއްކުމަށް ހުޅުވާލާފައެވެ. އެފަހަރު ހުޅުވާލި ޖުމްލަ އަދަދަކީ 3.4 ބިލިއަން ރުފިޔާއެވެ.
ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ޓީބިލް ގަނެއެވެ.