އާމިރުޚާންގެ "ޑަންގަލް" ރިލީޒްކުރިތާ އެތައް ދުވަހެއް ވެފައިވީ އިރު ވެސް އެ ފިލްމަށް އަދިވެސް ބޮޑު އާމްދަނީއެއް ލިބެމުން އެބަދެއެވެ.
ދާދިފަހުން އިވުނު އެއް އަޑަކީ "ޑަންގަލް" އަށް އިންޑިއާގެ ބޭރުން 2,000 ކުރޯޑް ރުޕީސް ލިބުނު ވާހަކައެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ސިނަމާތަކަށް އައި "ޑަންގަލް" އަށްވަނީ މީގެ ކުރިން އިންޑިއާގެ ފިލްމަކަށް ލިބިފައިނުވާވަރުގެ ބޮޑު އާންމްދަނީއެއް ލިބިފައެވެ.
މި ފިލްމު ދަނީ އަދިވެސް ޗައިނާގައި ކާމިޔާބު ހޯދަމުންނެވެ. އެގޮތުން "ޑަންގަލް" އަށް ލިބޭ އާމްދަނީ އަދިވެސް ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.
"ޑަންގަލް" އިން ވަނީ ޗައިނާގައި ހޮލީވުޑް ފިލްމުތައް ކަމުގައިވާ "ކެޕްޓަން އެމެރިކާ" އަދި "ޓްރިޕްލް އެކްސް: ރިޓާން އޮފް ޒެންޑާ ކޭޖް"، "ޓްރާންސްފޯމަރޒް: ޑާކް އޮފް ދަ މޫން" އަދި "ދަ ޖަންގްލް ބުކް" ފަދަ ފިލްމުތަކުގެ މައްޗަށް ވެސް ކުރި ހޯދާފަ އެވެ.
ޗައިނާގައި "ޑަންގަލް" އެޅުވިތާ ދެމަހެއްހާ ދުވަސް ވެފައިވާއިރު ކުރިއަށް އޮތް ދުވަސްތަކުގައި ވެސް "ޑަންގަލް" އަށް ލިބޭ ސަޕޯޓު އިތުރުވެގެންދާނޭ ކަމަށް ބެލެވެއެވެ. ޗައިނާގެ 7000 އަށްވުރެ ގިނަ ސިނަމާތަކުގައި "ޑަންގަލް"އަޅުވާފައިވާއިރު ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަންގެ އަހަރީ ސަމިޓުގެ ހަވާސާގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ބޭއްވި ބައްދަލުކުރެއްވުމެއްގައި "ޑަންގަލް" އާއި އަދި އެ ފިލްމްގެ ތަރި އާމިރު ޚާން ވަރަށް ކަމުދިޔަ ކަމަށް ވިދާޅުވި ކަމަށް ބައެއް ނޫސްތަކުގައި ބުނެފައި ވެއެވެ.
ޗައިނާގައި އަބަދުވެސް ބޮލީވުޑްގެ ފިލްމުތަކަށް ތަރުހީބު ބޮޑެވެ. ޗައިނާގެ މާކެޓަށް ބޮލީވުޑްގެ ފިލްމުތައް ކަމަށްވާ "ސުލްތާން" އަދި "ޓިއުބްލައިޓް" ނެރުމަށް ވަނީ ނިންމާފައިއެވެ. ސަލްމާންގެ މި ދެ ފިލްމްގެ ތެރެއިން "ޓިއުބްލައިޓް"އަކީ ޗައިނާގެ އެކްޓްރެސްއެއް ފެނިގެންދާ އަދި ޗައިނާއާ ވެސް ގުޅުން ހުރި ފިލްމެކެވެ.