ކ. މާލެ
|
11 ޖެނުއަރީ 2023 | ބުދަ 13:05
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް
އެމްޓީސީސީ
އެމްޓީސީސީ ބަހުގެ ޚިދުމަތް
މިވަގުތު މަގުތަކުގައި ހިންގާ ބައެއް ހަރަކާތްތަކުގެ ސަބަބުން ބަސް ދަތުރުތަކަށް ދަތިވޭ: އާޒިމް
 
އާއްމުންނަށް ދަތިނުވާ ގޮތަށް ހަރަކާތްތައް ހިންގުމަށް އާޒިމް އިލްތިމާސްކުރެއްވި
 
މާލެ ސަރަހައްދުގައި އެކަނިވެސް ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 4،500 މީހުން ބަހުގެ ޚިދުމަތް ހޯދާ

މާލޭގެ މަގުތަކުގައި ހިންގާ ބައެއް ހަރަކާތްތަކުގެ ސަބަބުން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ދަށުން ބަހުގެ ޚިދުމަތް ދިނުމުގައި ދަތިތައް ދިމާވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިފަދައިން ވިދާޅުވީ އާރުޓީއެލްގެ މާލެ ސަރަހައްދުގެ ބަސްތަކުގައި ކޮންޓެކްޓްލެސް ކާޑު ބޭނުންކުރެވޭ ޚިދުމަތް ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުންނެވެ. އެގޮތުން ބަސް ދަތުރުތަކަކީ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައިވާ ޚިދުމަތެއް ކަމަށާއި މަގުމަތީގައި ހިންގާ ބައެއް ހަރަކާތްތަކުގެ ސަބަބުން ބަހުގެ ޚިދުމަތް ދިނުމަށް ދަތިވެ އެ ފަރާތްތަކަށް ވެސް ދަތިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގައި އެކަނިވެސް ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 4،500 މީހުން ބަހުގެ ޚިދުމަތް ހޯދައެވެ. މި ފަރާތްތަކުގެ ފަރާތުން ވަރަށް ގިނަ ޝަކުވާތައް ލިބެމުން އަންނަ ކަމަށާއި ބަސް ދަތުރުތަކަށް ދަތިނުވާނެހެން ހަރަކާތްތައް ކުރިއަށްގެންދިއުމަށާއި މަގުމަތީގައި ދުއްވާ ފަރާތްތަކުން ވެސް ބަސްތަކަށް ދަތިނުވާ ގޮތަށް ދުއްވުމަށް އާޒިމް އިލްތިމާސްކުރެއްވިއެވެ.

ވަރަށް ގިނަ މީހުންގެ ފަރާުން ކޮމްޕްލެއިންޓްސް އެބައާދޭ، ތިމަންނަ ދާން ބޭނުންވާ ތަނަށް ގަޑިއަށް ނުދެވެއޭ. ބަސް އަންނަ ގަޑިއަކަށް ބަހެއް ނާދެއޭ. ވިސްނާލާއިރު އަޅުގަނޑުމެންނަށް އެކަން ގަޑިއަށް ކުރެވެން ނޯވޭ މަގުތައްމަތީގައި ބައެއް މީހުން ހަރަކާތްތައް ހިންގަނީ ބަސްތައް ކުރިމަތީގައި.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

އާޒިމް ފާހަގަކުރެއްވި ގޮތުގައި ބަހުގެ ޚިދުމަތް ހޯދާ ފަރާތްތަކުގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ. ގިނަ ފަރާތްތަކުން ހޮސްޕިޓަލުތަކަށް ދިއުމަށް ވެސް މިހާރު ބަހުގެ ޚިދުމަތް ހޯދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަގުމަތީގައި ހަރަކާތްތައް ހިންގާ ފަރާތްތަކުގެ ސަބަބުން ބަސްތަކަށް ދަތިވާކަން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ފާހަގަކުރައްވާފައިވާއިރު ފަހަކަށް އައިސް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ފަރާތްތަކުން ދަނީ މާލޭގައި ސިލްސިލާކޮށް މުޒާހަރާތައް ބާއްވަމުންނެވެ. މި މުޒާހަރާތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި ހުކުމާ ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި ކުރަމުން އަންނަ މުޒާހަރާތަކެކެވެ.

އިދިކޮޅު ފަރާތްތަކުން މާލޭގައި މުޒާހަރާ ކުރި ނަމަވެސް ބަސްތަކަށް ދަތިވަނީ ސީދާ އެ ފަރާތްތަކުގެ ސަބަބުން ކަމެއް އާޒިމް ވިދާޅެއްނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް