ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އެއަރޓްރެފިކް މޫވްމަންޓުގެ އައު ރެކޯޑެއް މިއަހަރު ހަދައިފިއެވެ.
ވީއައިއޭ ހިންގަމުން އަންނަ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މައުލޫމާތު ދީފައިވާ ގޮތުގައި މި ރެކޯޑު ހަދާފައިވަނީ 7 ޖެނުއަރީ 2023 ގައެވެ. އެގޮތުން އެ ދުވަހު އެ އެރަޕޯޓުގައި 856 އެއަރޓްރެފިކް މޫވްމަންޓް ރެކޯޑު ކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މީގެ ތެރޭގައި ބައިނަލްއަގުވާމީ 102 މޫވްމަންޓާއި އެތެރޭގެ އުދުހުންތަކުގެ 114 މޫވްމަންޓާއި ޖެނެރަލް އޭވިއޭޝަންގެ 35 މޫވްމަންޓް އަދި ސީޕްލޭންގެ 605 މޫވްމަންޓް ހިމެނެއެވެ.
އެއަރޓްރެފިކްގެ އެންމެ ފަހުގެ ރެކޯޑަކީ 839އެވެ. އެއީ 19 ފެބްރުއަރީ 2022 ގައި ވީއައިއޭއިން ރެކޯޑު ކޮށްފައިވާ އަދަދެކެވެ. އެގޮތުން އެ ތާރީހުގައި ވީއައިއޭއިން ރެކޯޑް ކޮށްފައިވަނީ 629 ސީޕްލޭން މޫވްމަންޓާއި 210 ފްލައިޓް މޫވްމަންޓެވެ.
ވީއައިއޭއިން މިއަހަރު އައު ރެކޯޑެއް ހަދާފައިވާއިރު ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓުތަކުގެ އަދަދު ޗުއްޓީ ދުވަސްވަރާ ދިމާކޮށް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި މިދިޔަ އަހަރު ސީޕްލޭން އޮޕަރޭޓަރުން ވެސް ވަނީ އައު ސީޕްލޭން ޓަރމިނަލަށް ބަދަލުވުމާއެކު ފްލީޓަށް ސީޕްލޭންތައް އިތުރުވެސް ކޮށްފައެވެ. އެހެންކަމުން ސީޕްލޭންގެ ދަތުރުތައް ވެސް ކުރިއާ އަޅާ ބަލާއިރު މިހާރު ވަނީ އިތުރުވެފައެވެ.
މީގެ އިތުރުން މިހާރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން، ފުރަތަމަ ހަފުތާގައި އެކަނިވެސް 42،404 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތް ކޮށްފައެވެ. މިއީ 2022 ވަނަ އަހަރާ އަޅާ ބަލާއިރު 11.1 އިންސައްތަ އިތުރު އަދަދެކެވެ.
ބޭރު ޤައުމުތަކުގައި ރާއްޖެއަށް އޮތް ޑިމާންޑު އިތުރުވެ، އެކި އެއަރލައިންތަކުން ވަނީ އެ އެއަރލައިންތަކުން ރާއްޖެއަށް ދަތުރުކުރުމަށް ގެންގުޅޭ ބޯޓުތައް ވެސް ޖާގައިގެ ގޮތުން ބޮޑެތި ބޯޓުތަކަށް ބަދަލުކޮށްފައެވެ. އަދި ބައެއް އެއަރލައިންތަކުން ވަނީ ރާއްޖެއަށް ކުރާ ދަތުރުތައް ވެސް އިތުރު ކޮށްފައެވެ.
ރާއްޖެއަކީ ފާއިތުވި ތިން އަހަރު ވެސް ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލެވެ. މި މަގާމު ދިފާއު ކުރުމަށް މިއަހަރު ވެސް ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. އަދި މިއަހަރު 1.9 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ. މިދިޔަ އަހަރު ނިމުނުއިރު 1.6 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރިއެވެ.