ގަތަރާ ގުޅުން ކަނޑާލި ގަލްފުގެ ގައުމުތަކުން އެގައުމާ ދެކޮޅަށް އާ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ވިސްނަމުންދާ ކަމަށް ޔޫއޭއީ އިން ރަޝިޔާ އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު އޮމަރު ގޮބާޝް ވިދާޅުވެއްޖެއެވެ.
އިނގިރޭސިލާތުގެ ގާޑިއަން ނޫހަށް ދެއްވި އިންޓަވިއުއެއްގައި ގޮބާޝް ވިދާޅުވީ ގަތަރާ ދެކޮޅަށް އެޅޭނެ އިގްތިސާދީ ފިޔަވަޅުތަކެއް އެބަހުރި ކަމަށާއި އެ ފިޔަވަޅުތައް އެޅުމާއި މެދު މިހާރު ވިސްނަމުންދާ ކަމަށެވެ. އޭގެ ތެރެއިން އެއް ވިސްނުމަކީ ގަތަރާ ގުޅުން ކަނޑާލާފައިވާ ގައުމުތަކާއި ވިޔަފާރީގެ މުއާމަލާތްތައް ކުރާ ޕާޓްނަރުންނަށް ޝަރުތުތައް ކުރިމަތި ކުރުން ކަމަށެވެ. އެގޮތުން ގަތަރާއި ގުޅުން ކަނޑާލާފައިވާ ގައުމުތަކާއި ވިޔަފާރީގެ މުއާމަލާތްތައް ބާއްވާ ޕާޓްނަރުން ގަތަރާ ވިޔަފާރީގެ މުއާމަލާތްތައް ބާއްވާ ކަމަށްވާ ނަމަ، އެ ފަރާތްތަކުން ކޮންމެވެސް އެއް ފަޅިއެއް ހިޔާރު ކުރުމަށް ބުނުން ހިމެނޭ ކަމަށެވެ.
ގަތަރަށް ދާދި ފަހުން ގަލްފުގެ ގައުމުތަކުން ކޮށްފައިވާ ޝަރުތުތަކުގެ ތެރެއިން ޝަރުތަކަށް ގޮބާޝް ވަނީ އިންޓަވިއުގައި ވާހަކަ ދައްކަވާފައެވެ. އަލްޖަޒީރާ މީޑިއާ ނެޓްވާކް ބަންދުކުރުމަށް ގަލްފުގެ ބައެއް ގައުމުތަކުން ގަތަރަށް ޝަރުތު ކުރުމާ ބެހޭ ގޮތުން ބުދަދުވަހުއދ ގެ ސްޕެޝަލް ރެޕަޓުއަރ އޮން ފްރީޑަމް އޮފް އޮޕީނިއަން އެންޑް އެކްސްޕްރެޝަން ޑޭވިޑް ކަޔެ ވިދާޅުވީ "އެއީ ތަފާތު ހިޔާލުތައް ގެނެސްދޭ މީޑިއާގެ މާހައުލަށް ހުރި ބޮޑު ގެއްލުމެއް ކަމަށާއި"، ހާއްސަ ގޮތެއްގައި ގަލްފު ސަރަހައްދު ފަދަ މީޑިއާ އަށް ފިއްތުންތައް ކުރިމަތިވެފައިވާ ސަރައްދަކަށް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.
ޑޭވިޑް ކަޔެ ގެ ވާހަކަފުޅާ ބެހޭގޮތުން އެމްބެސެޑަރު އޮމަރު ގޮބާޝް ވިދާޅުވީ އެއްވެސް ހާލެއްގައި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާ ބެހޭ ގޮތުން ވާހަކަ ނުދައްކާ ކަމަށާއި ދައްކާ ވާހަކައަކީ ހިޔާލު ފާޅު ކުރާއިރު ޒިންމާދާރު ކަމާއެކު ހިޔާލުފާޅު ކުރާ ވާހަކަ ކަމަށެވެ.
ސައުދީ އަރަބިއާ އިސްވެ އޮވެ، ގަތަރު އެކަހެރިކޮށް، ގަތަރަށް އެކި ކަހަލަ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ މައްސަލަ ހައްލުކުރުމަށް ކުވެއިތު މެދުވެރިކޮށް، ގަތަރަށް ހުށަހަޅާފައިވަނީ ހަމަނުޖެހޭ 13 ޝަރުތު ކަމަށް ގަތަރުންވަނީ ބުނެފައެވެ. ގަތަރަށް ކޮށްފައިވާ ޑިމާންޑްތައް ނުވަތަ ޝަރުތުތަކުގެތެރޭގައި އަލްޖަޒީރާ މީޑިއާ ނެޓްވާކް ބަންދުކުރުމާއި، ގަތަރުގައި ހުރި ތުރުކީގެ އަސްކަރީ ބޭސް ބަންދު ކުރުމާއި އަދި އިރާނާއި ގުޅުން ކަނޑާލުން ހިމެނެއެވެ.
ގަތަރުން ޓެރަރިޒަމަށް ހިތްވަރު ދޭ ކަމަށް ބުނެ ގަތަރާ އޮންނަ ޑިޕްލޮމިޓިކް ގުޅުން އަރަބި ހަ ގައުމަކުން ކަނޑާލާފައިވާއިރު އެގައުމުތަކަކީ ސައުދީ އަރަބިއްޔާ، ޔޫއޭއީ، މިސްރު، ބަހްރައިން, ޔަމަން އަދި ލީބިޔާ އެވެ. ގަތަރާ މެދު ކުރެވޭ އެންމެހާ ތުހުމަތުތައް ގަތަރުން ދޮގު ކުރެއެވެ.ސައުދީ، ޔޫއޭއީ ބަހްރައިން އިން އިން ވަނީ ގަތަރާ އޮންނަ ޑިޕްލޮމެޓިކް ގުޅުން ކަނޑާލުމުގެ އިތުރަށް އެގައުމުތަކުގެ ވައި، ކަނޑު އަދި އެއްގަމު މަގުވެސް ގަަތަރަށް ބަންދުކޮށްފައެވެ.