ކ. މާލެ
|
11 ޖެނުއަރީ 2023 | ބުދަ 00:18
ހައްޖު
ހައްޖު
ސައުދީގެޒެޓް
ހައްޖު
ހައްޖުގެ އަޅުކަމަށް ފަހު އިސްލާމީ އާސާރީ ތަންތަން ބަލާލުމުގެ ފުރުސަތު ހުޅުވާލަނީ
ހައްޖަށް ދިއުމަށް ވަކި އުމުރެއް ކަނޑައަޅާފައި އޮތް އޮތުންވެސް މިއަހަރު އުވާލާނެ

ކޮވިޑް 19ގެ ވަބާ ދުނިޔެއަށް ކުރިމަތިވުމުގެ ކުރިން މީހުން ހައްޖަށް ދިޔަ އަދަދަށް މިއަހަރު ހައްޖަށް ދިއުމަށް ހުއްދަ ދޭނެކަމަށް ސައޫދީ މިނިސްޓަރ އޮފް ހައްޖު އެންޑް އުމްރާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޑރ. ތައުފީގް އައްރާބިއާ ވިދާޅުވީ، ހައްޖަށް ދިއުމަށް ވަކި އުމުރެއް ކަނޑައަޅާފައި އޮތް އޮތުންވެސް މިއަހަރު އުވާލާނެ ކަމުގައެވެ.

ސައޫދީ މިނިސްޓަރު މި މޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ "އެކްސްޕޯ ހައްޖު"ގެ ނަމުގައި ޖިއްދާގައި މިހާރު ކުރިޔަށްދާ ހައްޖާއި އުމްރާއާބެހޭ ކޮންފަރެންސް އަދި އެގްޒިބިޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، މިއަހަރުން ފެށިގެން، ހުއްދަ ލިބިފައިވާ ސައޫދީގެ ކުންފުނިތަކާ ގުޅިގެން ހައްޖުވެރިންނަށް ޚިދުމަތްކުރުމުގެ ކަންތައް ކުރިއަށްގެންދިއުމަށް އެއްބަސްވުމަކަށް އައުމަށް، ގައުމުތަކުގެ ހައްޖު މިޝަންތަކަށް ހުށަހަޅުއްވާނެ ކަމުގައެވެ. މިގޮތުން ބައިވެރިންނާ ގުޅިގެން "ނުސްކް ޕްލެޓްފޯމް" ތައާރަފްކުރެވިފައިވާ ކަމަށާއި، ޕްލެޓްފޯމްގެ ޒަރީއާއިން މިކަން ހަމަ ޖައްސަން ފަސޭހަވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ހައްޖާއި އުމްރާގެ އިންޝުއަރެންސްވެސް ވަރަށް ބޮޑަށް ކުޑަކޮށްފައިވާކަމަށް ވިދާޅުވިއެވެ. މިގޮތުން، އުމްރާގެ އިންޝުއަރެންސް، 235 ސައޫދީ ރިޔާލުން 88 ރިޔާލަށް ވަނީ ދަށްކޮށްފައެވެ. އަދި ހައްޖުގެ އިންޝުއަރެންސް 109 ރިޔާލުން އެންމެ 29 ރިޔާލަޔަށް ވަނީ ދަށްކޮށްފައެވެ. އެއީ 73 އިންސައްތައިގެ ކުޑަކުރުމެކެވެ.

ހައްޖު ވިސާއާ ބެހޭގޮތުން މިނިސްޓަރ ވިދާޅުވީ، އުމްރާ ވިސާ ވަނީ 30 ދުވަހުން 90 ދުވަހަށް އިތުރުކޮށްފައި ކަމަށާއި، އެހެން ވިސާތަކުގައި ސައޫދީއަށް އެތެރެވާ ފަރާތްތަކަށްވެސް އުމްރާގެ އަޅުކަން ފުރިހަމަ ކުރެވޭނެ ކަމުގައެވެ. އަދި ސައޫދީ ސަރުކާރުން މިހާރު ގެންދަނީ ކީރިތިރަސޫލާގެ ހަޔާތްޕުޅާ ގުޅުންހުރި ސަތޭކަ އިސްލާމީ އަދި ތާރީޚީ ސައިޓްތައް ދިރުވައި އާލާކުރުމުގެ މަސައްކަތް ކުރަމުން ކަމަށާއި، އެހެންކަމުން ހައްޖު އަދި އުމްރާ ވުމަށް ކުރާ ދަތުރު ތަކުގައި އަޅުކަމުގެ ކަންކަން ނިމުމަށްފަހު މިފަދަ ތަންތަން ބަލައިލުމުގެ ހަރަކާތްތަކެއް ހިމެނުމަށްވެސް ރާވަމުން ދާކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ހަރަމްފުޅު ބޮޑުކޮށް، ޖާގަ ތަނަވަސްކުރުމަށް ސައޫދީ ސަރުކާރުން 200 ބިލިއަން ރިޔާލް އިންވެސްޓްކޮށްފައި ވާކަމަށާއި، އެއާއެކު އެމަޝްރޫއު ވެގެން ގޮސްފައިވަނީ މުޅި ތާރީޚުގައިވެސް ހިންގޭ އެންމެ ބޮޑު ކޮންންޓްރަކްޝަން ޕްރޮޖެކްޓަށް ކަމަށް ވިދާޅުވިއެވެ.

ހައްޖުވެރިންނަށް ފުރިހަމައަށް ޚިދުމަތް ދިނުމަށްޓަކައި، ސައޫދީގައިވާ އެންމެ ބޮޑުއެއާޕޯޓު، ކިންގް އަބްދުލް އަޒީޒް އެއާޕޯޓުގެ ޚިދުމަތްތައް ރަނގަޅުކުރުމަށް 40 ބިލިއަން ރިޔާލް ޚަރަދުކޮށްފައިވާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން 64 ބިލިއަން ރިޔާލް ޚަރަދުކޮށްގެން، މައްކާއާއި މަދީނާ ގުޅުވައިދޭ "ހަރަމައިން އެކްސްޕްރެސް" ރޭލުގެ ޚިދުމަތްވެސް ފަށާފައިވާކަން ފާހަގަކުރެއްވިއެވެ.   

ހައްޖަކީ ދީނީ އަޅުކަމަކަށް އެންމެ ގިނަ މީހުން އެތަނަކަށް އެއްވާ އަޅުކަމަށްވާއިރު، ކޮވިޑްގެ ކުރިން، 2019 ވަނަ އަހަރު 2.5 މިލިއަން މީހުން ހައްޖަށް ގޮސްފައިވެއެވެ. 2009ން 2019ށް އެވްރެޖްކޮށް އަހަރަކު 2.3 މިލިއަން މީހުން ހައްޖަށް ދެއެވެ. ނަމަވެސް 2020 ވަނަ އަހަރުގެ ކޮވިޑް ޕެންޑަމިކަށްފަހު އެއަހަރު ހުއްދަ ދީފައިވަނީ ސައޫދީގެ އެއްހާސް މީހުންނަށެވެ. ދެން އައި އަހަރު ހުއްދަ ދީފައިވަނީ ވެކްސިން ފުރިހަމަކޮށްފައިވާ 60 ހާސް ހައްޖުވެރިންނަށް ކަމަށް ވީއިރު މީގެތެރޭގައި ހިމެނެނީ ސައޫދީ ރައްޔިތުންގެ އިތުރުން، ޚާއްސަ ގުރުއަތަކުން ހޮވުނު، އެހެން ގައުމުތަކުގެ މީހުންނެވެ.   

ފާއިތުވި ތިން އަހަރުވެސް ހުއްދަ ދީފައިވަނީ ވެކްސިންތައް ފުރިހަމަ ކޮށްފައިވާ 65 އަހަރުން ދަށުގެ މީހުންނަށެވެ. ނަމަވެސް މިއަހަރު މި އުސޫލުވެސް ބާތިލުކުރުމަށް ސައޫދީ ސަރުކާރުން ވަނީ ނިންމާފައެވެ.    

- ކޮމެންޓް