ކ. މާލެ
|
29 ޖޫން 2017 | ބުރާސްފަތި 08:43
އޭއެފްސީ ކަޕްގައި މާޒިޔާ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
އޭއެފްސީ ކަޕްގައި މާޒިޔާ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
އިމޭޖަސް.އެމްވީ
މާލޭ ލީގު
މާލޭ ލީގު: ޔޫވީ އަތުން މޮޅުވެ މާޒިޔާ އަށް ތިން ޕޮއިންޓްގެ ލީޑެއް
މާޒިޔާ ވަނީ 24 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ހަމަޖެހިލާފައި

މާލޭ ލީގުގައި ޔުނައިޓެޑް ވިކްޓްރީ އަތުން މޮޅުވެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ޕޮއިންޓް ތާވަލުގައި ތިން ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު ޔޫވީއާ ވާދަކޮށް މާޒިޔާ އިން މެޗު ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 8 ވަނަ މިނެޓުގައި މާޒިޔާ އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަންދްރޭ އެލެގްޒެންޑްރާ ކޯޑޯސް އެވެ. އޭނާ މި ލަނޑު ޖެހީ މުހައްމަދު އުމެއިރު ނަގައިދިން ކޯނަރަކުންނެވެ.

އޭގެ ދެ މިނެޓު ފަހުން މާޒިޔާ އިން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގައުމީ ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) އެވެ. އޭނާ މި ލަނޑު ޖެހީ ކޯސޮވިޗް ނަގައިދިން ހުރަހަކުންނެވެ.

މި ލަނޑަށް ފަހު ވެސް މާޒިޔާ އިން ދިޔައީ ޔޫވީގެ ގޯލަށް ނުރައްކާކުރަމުންނެވެ. އެގޮތުން މެޗުގެ 28 ވަނަ މިނެޓުގައި އަސަދުﷲ އަބްދުﷲ (އަސައްކޮ) ނަގައިދިން ހުރަހަކުން އަންދްރޭ އެލެގްޒެންޑްރާ ކޯޑޯސް ވަނީ ގޯލުތެރެއަށް ފޮނުވާލައިގެން އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ.

މީގެއިތުރުން މެޗުގެ 34 ވަނަ މިނެޓުގައި މާޒިޔާގެ އަސައްކޮ އަށް ވަނީ ލީޑު އިތުރަށް ފުޅާކުރަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭނާ ބޮލުން ކުރިޔަށް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލު ދަނޑިއަށެވެ.

ފުރަތަމަ ހާފް ނިމުނީ 0-3 ގެ ނަތީޖާއިން ޔޫވީގެ މައްޗަށް މާޒިޔާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން މާޒިޔާ އިން އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށްފައިވާއިރު، ޔޫވީން ވެސް ވަނީ އެޓީމުގެ ޑިފެންސް ވަރުގަދަކޮށްފައެވެ. އެގޮތުން ޔޫވީން ވަނީ ބައިކޮޅަށް ލަނޑެއް ވަނަ ނުދިނުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ.

މެޗުގެ ފަހު 10 މިނެޓު ތެރޭގައި ލަނޑު ޖަހަން ހުސް ތިން ފުރުސަތެއް މާޒިޔާގެ އަސައްކޮ އަށް ވަނީ ލިބި ބޭކާރުވެފައެވެ. މި ތިން ހުސް ފުރުސަތުގައި ވެސް އަސައްކޮ ބޯޅަ ފޮނުވާލީ ގޯލު މަތިން ބޭރަށެވެ.

މާޒިޔާ އޮތީ ކުޅުނު 10 މެޗުން ލިބުނު 24 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގަ އެވެ. މެޗުން ބަލިވި ޔޫވީ އޮތީ ކުޅުނު 10 މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތްވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް