ކ. މާލެ
|
29 ޖޫން 2017 | ބުރާސްފަތި 08:12
ޗިލީގެ ކީޕަރު ބްރާވޯއާ އެކު އެޓީމު ކުޅުންތެރިން އުފާފާޅުކުރަނީ
ޗިލީގެ ކީޕަރު ބްރާވޯއާ އެކު އެޓީމު ކުޅުންތެރިން އުފާފާޅުކުރަނީ
ގޫގުލް
ކޮންފެޑެރޭޝަންސް ކަޕް
ކޮންފެޑެރޭޝަންސް ކަޕް: ޕެނަލްޓީ ޖަހައިގެން ޕޯޗުގަލް ބަލިކޮށް ޗިލީ ފައިނަލަށް
ޕެނަލްޓީ ޖަހައިގެން ޕޯޗުގަލް މައްޗަށް ޗިލީ ކުރިހޯދީ 0-3 ގެ ނަތީޖާއަކުން
ފައިނަލުގައި ޗިލީ ވާދަކުރާނީ ޖަރުމަން ނުވަތަ މެކްސިކޯ

ކޮންފެޑެރޭޝަންސް ކަޕްގައި ޕެނަލްޓީ ޖަހައިގެން ޕޯޗުގަލް ބަލިކޮށް ޗިލީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ބުދަ ދުވަހުގެ ރޭ ޗިލީ އަދި ޕޯޗުގަލް ބައްދަލުކުރި ސެމީ ފައިނަލް މެޗު ޕެނަލްޓީ ޖަހައިގެން ޗިލީން ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ.

ރަޝިއާގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން މޮޅަށް ކުޅެފައިވަނީ ޕޯޗުގަލް އެވެ. އެގޮތުން އެޓީމުން ވަނީ ޗިލީގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ހޯދާފައެވެ.

އެހެންނަމަވެސް ފުރަތަމަ ހާފްގެ ވަކި ހިސާބަކުން ޗިލީން ވަނީ މެޗުގެ ކޮންޓްރޯލް އަނބުރާ ހޯދާ ޕޯޗުގަލްގެ ހާފަށް ބާރުބޮޑުކޮށްފައެވެ. އެގޮތުން ލަނޑު ޖެހުމަށް ހުސް ގިނަ ފުރުސަތުތަކެއް އެޓީމަށް ވަނީ ލިބި ބޭކާރުވެފައެވެ.

ދެވަނަ ހާފްގައި ވެސް ޗިލީން މޮޅު ކުޅުމެއް ދައްކާފައިވާއިރު، ލީޑު ނެގުމަށް މި ހާފްގައި ވެސް އެޓީމަށް ވަނީ ހުސް ގިނަ ފުރުސަތުތައް ލިބި ބޭކާރުވެފައެވެ. މެޗުގެ 59 ވަނަ މިނެޓުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވެސް ވަނީ ލީޑު ނެގުމަށް ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ. އެގޮތުން ދެން ކުޅުނީ ނަތީޖާ ނެރުމަށް 15 މިނެޓުގެ ދެހާފެވެ. އެހެންނަމަވެސް 15 މިނެޓުގެ ދެހާފްގައިވެސް ނަތީޖާ ނުނެރުވުމުން ދެން ޖެހީ ޕެނަލްޓީ އެވެ.

ޗިލީން މެޗުގައި ޖެހި ފުރަތަމަ ޕެނަލްޓީ އާޓޫރޯ ވިޑާލް ކާމިޔާބުކޮށްފައިވާއިރު، ޕޯޗުގަލް އިން ޖެހި ފުރަތަމަ ޕެނަލްޓީ ރިކާޑޯ ކޮރެސްމާ ފޮނުވާލީ ޗިލީގެ ކީޕަރު ކްލައުޑިއޯ ބްރާވޯ އަތަށެވެ. ޗިލީގެ ދެވަނަ ޕެނަލްޓީ މަރިއާނޯ އަރަންގުއިޒް ކާމިޔާބުކޮށްފައިވާއިރު، ޕޯޗުގަލް އިން ޖެހި ދެވަނަ ޕެނަލްޓީ ޖޯ މޮޓީނިއޯ ވެސް ފޮނުވާލީ ބްރާވޯ އަތަށެވެ. ޗިލީގެ ތިންވަނަ ޕެނަލްޓީ އެލެކްސަސް ސަންޗޭޒް ކާމިޔާބުކޮށްފައިވާއިރު، ޕޯޗުގަލްގެ ލުއިސް ކާލޯ އަލްމީޑާ ފޮނުވާލި ޕެނަލްޓީ ކީޕަރު ބްރާވޯ ވަނީ ދިފާއުކޮށްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް