ކ. މާލެ
|
8 ޖެނުއަރީ 2023 | އާދީއްތަ 19:56
އަލިފާން ރޯވި އިމާރާތުގެ ފުރާޅާއި ފާރުތައް ވެއްޓިފައި
އަލިފާން ރޯވި އިމާރާތުގެ ފުރާޅާއި ފާރުތައް ވެއްޓިފައި
އެމްއެންޑީއެފް
ފިޔޯރީ ސްކޫލުގައި އަލިފާން ރޯވުން
ފިޔޯރީ ސްކޫލުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
މި އިމާރާތުގައި 5 ކްލާސްރޫމް ހުރޭ
ހާދިސާގައި އެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް އެއްކޮށް ވަނީ އަނދާފައި
އަލިފާންގަނޑު ނިއްވާލާފައިވަނީ ފުލުހުންނާއި، ކައުންސިލް އަދި އާންމުން ގުޅިގެން

ގދ. ފިޔޯރީ ސްކޫލުގެ ހޯލުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފިއެވެ.

މިއަދު ހަވީރު 5:20 އެހާއިރު ހިނގި މި އަލިފާނުގެ ހާދިސާގައި ރޯވެފައިވަނީ އެ ސްކޫލުގެ ހޯލު ހުންނަ އިމާރާތުގައެވެ. އަލިފާނުގެ ހާދިސާ ހިނގި ވަގުތުން ފެށިގެން ފުލުހުންނާއި، ކައުންސިލް އަދި އާންމުން ވަނީ އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. އަދި ހާދިސާ ހިނގުމާއެކު ގދ. ތިނަދޫ ފަޔަރ ސްޓޭޝަނުން އެރަށަށް ދިއުމަށް ވަނީ ދަތުރު ފަށާފައެވެ.

އެމްއެންޑީއެފަށް އެ ރަށަށް ދެވުނީ މިރޭ 18:54 އެހާއިރުއެވެ. އެމްއެންޑީއެފަށް އެރަށަށް ދެވުނުއިރު، ފުލުހުންނާއި، ކައުންސިލާއި، އާންމުން ގުޅިގެން ވަނީ އަލިފާންގަނޑު ކޮންޓްރޯލްކޮށްފައެވެ.

އެމްއެންޑީއެފުން ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަގޮތުގައި އެ އިމާރާތުގެ ފުރާޅުވެސް ވަނީ އެއްކޮށް ވެއްޓިފައެވެ. އެ އިމާރާތުގައި ކިޔަވައިދިނުމަށް 5 ކްލާސްރޫމް ހަދާފައިވާއިރު އެ ކްލާސްރޫމްތަކަކީ ޕާޓިޝަން ޖަހައިގެން ހަދާފައިވާ ކްލާސްރޫމްތަކެއް ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެމްއެންޑީއެފުން ބުނީ މި ކުލާސްރޫމުތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށެވެ. އިމާރާތުގެ ފާރުން ބަޔަކާއި ފުރާޅުން ބައެއް ވެއްޓި އިމާރާތް ހުރީ ބަންދުވެފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފަ ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެ ސްކޫލުން ބުނެފައިވަނީ އަލިފާން ރޯވެފައިވަނީ އެތަނުގައި ހުރި ކަރަންޓު ޑިސްޓްރިބިޔުޝަން ބޯޑެއްގައި ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
ކޮމެންޓް