ސްޕެނިޝް ލީގުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗަކީ ލީގު ލިބޭނެ ބައެއް ކަނޑައެޅޭނެ މެޗެއް ނޫން ކަމަށް ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.
ލީގުގައި ހޯމަ ދުވަހުގެ ރޭ އެތުލެޓިކޯއާ ދެކޮޅަށް ކުޅޭ މެޗަށް ނިކުންނައިރު، އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި، ބާސެލޯނާ އަށް ވެސް ލިބެނީ 38 ޕޮއިންޓެވެ. ނަމަވެސް ފައިދާ ގޯލުން ކުރި ހޯދައި، އެއް ވަނައިގައި އޮތީ ބާސެލޯނާ އެވެ. އެހެންކަމުން އެތުލެޓިކޯ މެޗުން މޮޅުވެ އެއް ވަނައިގައި ޕޮއިންޓުގެ ގޮތުން ލީޑު ނެގުމުގެ ފުރުސަތު ބާސެލޯނާ އަށް އެބަ އޮތެވެ. އެ މެޗަށް ބާސެލޯނާ ނިކުންނައިރު، ސަސްޕެންޝަނުގެ ސަބަބުން އެންމެ މުހިންމު ފޯވާޑު ޕޮލެންޑުގެ ރޮބާޓް ލެވަންޑޯސްކީ އަށް ނުކުޅެވޭނެ އެވެ. އެހެންކަމުން ޒަވީ ދެކެނީ އެއީ ބާސެލޯނާ އަށް އުނދަގޫ މެޗެއްގެ ގޮތުގަ އެވެ.
ޒަވީ ބުނީ އެތުލެޓިކޯ މެޗު އުނދަގޫ ވާނެ ކަމަށާއި، އެތުލެޓިކޯ އަކީ ވަރަށް މޮޅު ޓީމެއް ކަމަށެވެ. ނަމަވެސް މެޗުން އެއްވެސް ކަމެއް ނުނިމޭނެ ކަމަށާއި، މެޗު ކާމިޔާބު ކުރެވިއްޖެ ނަމަ، އިތުރު ހިތްވަރެއް ލިބޭނެ ކަމަށެވެ. ޒަަވީ ބުނީ އެ މެޗުގައި ހަމަލާތައް އުފައްދަން އުނދަގޫވާނެ ކަމަށާއި، ބާސެލޯނާ އިން ޖެހޭނީ ކުރީ ދެ މެޗަށްވުރެ ބޮޑަށް ލިބޭ ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފަން ކަމަށެވެ. ޒަވީ ބުނީ އެއީ ލީގު ކަނޑައެޅޭނެ މެޗެއްގެ ގޮތުގައި ނުދެކޭ ކަމަށާއި، ނަމަވެސް ބޭނުންވަނީ މޮޅުވާން ކަމަށެވެ. އެންމެ ފަހުން ކޮޕަ ޑެލް ރޭގައި ބާސެލޯނާއިން ކުޅުނީ އާދައިގެ ކުޅުމެއް ކަމަށާއި، އެ ކުޅުން ދައްކައިފި ނަމަ ލަނޑެއް ލިބޭނެ ކަމަށް ޒަވީ ބުނެފައި ވެއެވެ.
ލީގުގައި އެތުލެޓިކޯގެ ދަނޑުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ބާސެލޯނާާ މޮޅުވީ އެންމެ މެޗަކުންނެވެ. ހޯމަ ދުވަހުގެ ރޭ އެތުލެޓިކޯގެ ދަނޑުގައި ކުޅޭ މެޗު ފަށާނީ ދަންވަރު ރާއްޖެ ގަޑިން އެކެއް ޖަހާއިރު އެވެ.