ނ. ވެލިދޫއަށް މި ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ދެ ކަންތަކުގެ ތެރޭގައި ހިމެނޭ ޓަރޝަރީ ހޮސްޕިޓަލުގެ މަސައްކަތާއި ޖޫނިއަރ ކޮލެޖުގެ މަސައްކަތް ވަރަށް އަވަހަށް ހަވާލުކުރެވި މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕޭނަށް ވެލިދޫއަށް ވަޑައިގެން ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ވެލިދޫއަކީ އެ އަތޮޅުގައި އާބާދީ އެންމެ ބޮޑު އެއް ރަށް ކަމަށްވާތީ އެ ރަށަށް ހާއްސަކޮށްގެން ވައުދުތަކެއް ވެވަޑައިގެންނެވި ކަމަށެވެ. އެގޮތުން، ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ބަޔަކާ ހަވާލު ކުރެވޭނެ ކަމަށާއި ޖޫނިއަރ ކޮލެޖު މިއަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް އެމަނިކުފާނު އެ ރަށަށް ވަޑައިގަންނަވާއިރު ޖޫނިއަރ ކޮލެޖުގެ މަސައްކަތް ފެށިގެން ކުރިއަށްދާނެއެވެ.
ރައްޔިތުން ބޭނުންވެފައި ހުރި ވަރަށް ގިނަ ކަންކަން އަޅުގަނޑުމެން ވެރިކަމާ ހަވާލުވިއިރު ހުރި. އޭގެ ތެރެއިން ވެލިދޫ ދާއިރާއަކީ އަދި ހާއްސަކޮށް، ވެލިދޫއަކީ މިއަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށް ކަމަށްވާތީ މިރަށަށް ހާއްސަކޮށްގެން ބައެއް ކަންތައްތައް ކުރުމަށް އަޅުގަނޑުމެން ވައުދުވިން. އެގޮތުން، މިދެންނެވިހެން ޓަރޝަރީ ހޮސްޕިޓަލެއް އެޅުމާއި ޖޫނިއަރ ކޮލެޖު އެޅުމަކީ އަޅުގަނޑުމެން ވީ ވައުދެއް،ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު
ވެލިދޫގެ އިތުރުން އެ އަތޮޅުގެ މަނަދޫ އާއި ހއ. އިހަވަންދޫގައި ގާއިމު ކުރާ ހޮސްޕިޓަލުުގެ މަސައްކަތްވެސް ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ބަޔަކާ ހަވާލު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ވެލިދޫގައި މިހާރުވެސް މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ މަގުތަކުގެ މަސައްކަތް ނިމުމުން ބާކީހުރި މަގުތައް ހަދައިދިނުމަށް ކައުންސިލުން އެދިފައިވާ ކަމަށެވެ. އެހެންކަމުން ރައްޔިތުންނާއި ކައުންސިލުން އެދޭގޮތަށް އެމަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އެ ރަށުގައި އައު އިންޖީނުގެ އެޅުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށާއި ރައްޔިތުންނަށް ބޭނުންވެފައިވާ ޕިކްނިކް އައިލެންޑު ވެސް ކައުންސިލާ މަޝްވަރާކޮށް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ވެލިދޫ ދާއިރާގެ ދެން ހުރި ރަށްތަކަށް ވެސް ވަޑައިގެން އެ ރަށްތަކުގައި ހުރި ކަންބޮޑުވުންތައް ވެސް އަޑުއެއްސެވިކަން ފާހަގަކުރައްވައި ރައީސް ވަނީ އެ މައްސަލަތަކަށް ވެސް ހައްލު ހޯއްދަވާ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.