މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރާ ސަރުކާރު މުވައްޒަފުންނަށް އެކި ގޮތްގޮތުން ސަރުކާރުން ބިރު ދައްކަމުންދާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް ރައީސް ނަޝީދުގެ ކެމްޕޭން ޓީމުން ބުނެފިއެވެ.
ކެމްޕޭން ޓީމުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާ ޕްރައިމަރީގައި ވާދަ ކުރައްވާ ނަޝީދަށް ތާއީދު ކުރާނަމަ ވަޒީފާގައި ނުތިބެވޭނެ ކަމަށް ބުނެ ބައެއް މިނިސްޓަރުން މިނިސްޓްރީތަކުގެ މުވައްޒަފުންނަށް ބިރު ދައްކާ އިންޒާރު ދެމުންދާކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.
ރައީސް ސާލިހުގެ ކެމްޕޭން ޖަލްސާތަކާއި ހަރަކާތްތަކަށް ދިޔުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް އެ ކުންފުނިތަކުގެ އިސްވެރިން އަންގަމުންދާ ކަމަށާއި އެ ހަރަކާތްތަކުގައި ބައިވެރިނުވާނަމަ އެ މުވައްޒަފުންނާމެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެކި ގޮތްގޮތުން ދެމުން ގެންދާކަމުގެ ޝަކުވާ ވެސް ލިބެމުންދާ ކަމަށް ބަޔާނުގައިވެއެވެ.
މީގެއިތުރުން ރައީސް ސާލިހުގެ ކެމްޕޭން ހަރަކާތްތައް ހިންގުމަށް ސަރުކާރުގެ އޮފީސްތައް ބޭނުންކޮށް، ސަރުކާރުގެ އިދާރާތަކުގެ އިސް ބައެއް ވެރިން މަޤާމުގެ ނާޖާއިޒް ބޭނުން ހިފަމުންދާ ކަމުގެ ޝަކުވާތައް ލިބިފައިވާ ކަމަށް ރައީސް ނަޝީދުގެ ކެމްޕޭން ޓީމުން ވަނީ ބުނެފައެވެ.
ވަޒީފާގެ ބިރު ދެއްކުމުގެ އިތުރުން، ނަޝީދަށް ތާއީދު ކުރާ މީހުން އެމީހުންގެ އަމިއްލަ ރަށް ނޫން އެހެން ރަށްރަށަށް ބަދަލުކުރަމުންދާ ކަމަށް ވެސް ނަޝީދުގެ ކެމްޕެއިނު ޓީމުން ބުނެފައިވެއެވެ. އެއީ ވޯޓުލާ ދުވަހު އެ ހައްގު ނުލިބޭ ގޮތަށް ހެދުމަށް ކަމަށް އެ ނޫސް ބަޔާނުގައި ތުހުމަތުކޮށްފައިވެއެވެ.
މި ނާތަހްޒީބު ބިރުދެއްކުމުގެ ޢަމަލުތަކާއި ސަރުކާރުން ނާޖާއިޒް ނުފޫޒު ބޭނުންކުރުމުގެ އަމަލުތަކަކީ، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން އެއިރު އޮތް ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ޑީއާރްޕީގެ ސަރުކާރުން ފެށިގެން އައިސްފައިވާ ކަންކަން ކަމަށް ބަޔާނުގައިވެއެވެ. އެކަމަކު 2008 ގައި އެމްޑީޕީގެ ވެރިކަން އައުމަށް ފަހު އެކަން ނައްތާލިޔަސް ޔާމީންގެ ވެރިކަމުގައި އަލުން ވުޖޫދުވި އެކަން މި ސަރުކާރުން ވެސް ދަމަހައްޓަމުންދިއުމަކީ ކަންބޮޑުވާކަމެއް ކަމަށް ބަޔާނުގައިވެއެވެ. އަދި މިފަދަ ބިރު ދެއްކުމުގެ އަމަލުތައް ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މި މަހުގެ 28 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފައި ވާއިރު މި އިންތިޚާބުގައި ވާދަކުރައްވަނީ އެ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުއެވެ.