ކ. މާލެ
|
6 ޖެނުއަރީ 2023 | ހުކުރު 12:52
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީން ފާއިތުވި 3 އަހަރު 130 ޕްރޮޖެކްޓު ނިންމާލައިފި: އާޒިމް
 
ކުރިން އެމްޓީސީސީގެ މުވައްޒަފުންނަށް އެއްފަހަރާ 20 ނުވަތަ 25 އަށްވުރެ ގިނަ ޕްރޮޖެކްޓް ހިންގޭނެ ކަމުގެ ޔަގީންކަމެއް ނެތް

ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން 130 ޕްރޮޖެކްޓް ނިންމާލާފައިވާ ކަމަށް އެ ކުންފުނީގެ ސީ.އީ.އޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރ. އަލިފުށީ އެއަރޕޯޓް ޓާމިނަލުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ އަލިފުށީގެ ބިން ހިއްކުމާއި އެއަރޕޯޓް އެޅުމުގެ މަސައްކަތަކީ މިހާތަނަށް ސަރުކާރުން އެމްޓީސީސީއާ ހަވާލު ކުރި އެންމެ ބޮޑު މަޝްރޫއު ކަމަށާއި އެއިންވެސް އެނގެނީ ސަރުކާރުން އެމްޓީސީސީއަށް ކުރާ އިތުބާރު ކަމަށެވެ. އަދި އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ވިސްނުންފުޅާ އެއްގޮތަށް ކަމަށާއި ފާއިތުވި ތިން އަހަރު އެކަނިވެސް 130 އަށްވުރެ ގިނަ މަޝްރޫއުގެ މަސައްކަތް ނިންމާލެވުނު ކަމަށެވެ.

ކޮވިޑުގެ ހާލަތުގައި މަސައްކަތްތައް ކުރިއަށް ގެންދިއުން ދަތިވިކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ އެއިރުވެސް ކުންފުންޏާއި ކުންފުނީގެ މުވައްޒަފުން މަސައްކަތް ކުރީ އެއްވެސް މަޝްރޫއެއްގެ މަސައްކަތް ހުއްޓާނުލައި ކަމަށާއި މިއަދު އެ މަޝްރޫއުތައް ނިމިފައިވަނީ އެ މަސައްކަތުގެ ސަބަބުން ކަމަށެވެ. އަދި އޭނާ ގަބޫލު ކުރައްވާ ގޮތުގައި ދަތިވުމަކީ މަސައްކަތް ހުއްޓާލަން ޖެހޭ ސަބަބެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މި ސަރުކާރު އައި ފަހުން އެމްޓީސީސީގެ ކެޕޭސިޓީ ވަރަށް ބޮޑަށް އިތުރު ކުރެވިއްޖެ ކަމަށެވެ. އެގޮތުން ރައީސް ޞާލިހު ވެރިކަމާ ހަވާލުވެވަޑައިގެން އޭނާއާ ކުންފުނި ހަވާލު ކުރެއްވި އިރު އެމްޓީސީސީގެ މުވައްޒަފުންނަށް އެއްފަހަރާ 20 ނުވަތަ 25 އަށްވުރެ ގިނަ ޕްރޮޖެކްޓް ހިންގޭނެ ކަމުގެ ޔަގީންކަމެއް ވެސް ނެތް ކަމަށެވެ. ނަމަވެސް މިއަދުގެ ހާލަތު ބަދަލުވެފައިވާ ކަމަށާއި މިހާރު އެއްފަހަރާ 100 ޕްރޮޖެކްޓުގެ މަސައްކަތް ކުރުމުގެ ގާބިލުކަން އެ ކުންފުންޏަށް ލިބިފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

މިއަދު އަޅުގަނޑުމެން މި ކުރަނީ އެއްފަހަރާ 100 ޕްރޮޖެކްޓުގެ މަސައްކަތް. އެމްޓީސީސީގެ މުވައްޒަފުން މިއަދު މިތިބީ އެހެން ގިޔަރަކަށް އައިސް، އެހެން ގިޔަރަކަށް ލައިދިނީ ހަމަގައިމުވެސް އަދުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު،
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

އާޒިމް ވަނީ އެމްޓީސީސީ ކުރިއަރުވަން މި ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކާއި އަދި އެހެން ކުންފުނިތައް ވެސް ކުރިއަރުވަން ކުރި މަސައްކަތުގެ ސަބަބުން ރައީސް ޞާލިހު ނޫން އެހެން ވެރިއަކު ބޭނުންވާން ޖެހޭ ސަބަބެއް ނުފެންނަ ކަމަށް ވިދާޅުވެފައެވެ.

އެމްޓީސީސީގެ އަމާޒަކީ ބަނދަރު ތަރައްގީ ކުރުމާއި ބިން ހިއްކުމާއި މަގު ހެދުމާއި އެއަރޕޯޓް ތަރައްގީ ކުރުމުގެ އިތުރުން ބްރިޖު ހެދުން ފަދަ ބޮޑެތި މަޝްރޫއުތައް ހިންގޭ ވަރުގެ ކުންފުންޏަކަށް ވުން ކަމަށް މީގެ ކުރިން ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ. އަދި އެ ކުންފުންޏަކީ ބޭރުގެ ކުންފުނިތަކާ ވާދަކުރެވޭ ވަރުގެ ކުންފުންޏެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އާޒިމް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އެމްޓީސީސީގެ ކެޕޭސިޓީ އިތުރުކޮށް ބޮޑެތި ޕްރޮޖެކްޓުތައް އެ ކުންފުންޏާ ހަވާލު ކުރުމުގެ ސަބަބުން ބޭރުގެ ކުންފުނިތަކާ ހަވާލު ކުރަން ޖެހޭ މަސައްކަތްތައް މަދުވެ، އެ ޕްރޮޖެކްޓުތަކުގެ ސަބަބުން ބޭރަށްދާނެ ފައިސާ ރާއްޖޭގައި މިހާރު ހިފަހައްޓާލެވެއެވެ. މިއީ ރާއްޖޭގެ އިގްތިސާދަށް ވެސް ވަރަށް ބޮޑު ފައިދާއެއް ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް