ސައޫދީއާއި ސައޫދީއާ ގުޅިފައިވާ ޤައުމުތަކުން، އަލް ޖަޒީރާ ހުއްޓާލުމަށް ޑިމާންޑް ކުރުމަކީ މީޑިޔާގެ އަޑު ކަންޑުވާލުން ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އދ ގެ މީޑިޔާ ރައިޓްސް އެކްސްޕާރޓް ވިދަލުވެއްޖެއެވެ.
އދ ގެ ސްޕެޝަލް ރެޕަޓުއަރ އޮން ފްރީޑަމް އޮފް އޮޕީނިއަން އެންޑް އެކްސްޕްރެޝަން ޑޭވިޑް ކަޔެ ދެއްވި ސްޓޭޓްމަންޓެއްގައި ވިދާޅުވީ އެއީ މީޑިޔާގެ މިނިވަންކަމާ ދެކޮޅަށް ދިން ވަރުގަދަ އިންޒާރެއް ކަމަށެވެ. އަދި އެއީ ގުޅިފައިވާ ޤައުމުތަކުގެ ސިޔާސީ މައްސަލަތަކުގެ ތެރެއިން ދައްކާ ބަހަނާއެއް ކަމަށެވެ.
ސައޫދީ އަރަބިއްޔާއާއި ޔޫއޭއީ ބަހްރެއިން އަދި މިސްރުން ވަނީ 10 ދުވަހުގެ ތެރޭގައި ކުރުމަށް ގަތަރަށް ޑިމާންޑްތަކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ދޯހާގައި ހިންގާ އަލްޖަޒީރާ ހުއްޓާލުމާއި ތުރުކީގެ މިލިޓަރީ ބޭސް އުވާލުން އަދި އީރާނާއެކު އޮންނަ ގުޅުން ކުޑަކުރުން ހިމެނެއެވެ.
މީގެ އިތުރުން ޤަތަރުން ފަންޑު ކޮށްގެން ހިންގާ އެހެނިހެން ނިއުސް އެޖެންސީތައް ހުއްޓާލުންވެސް އެ ޑިމާންޑް ތަކުގެ ތެރޭގައި ހިމެނެއެވެ.
ކަޔޭ ވަނީ ސައޫދީއާއި ސައޫދީއާ ގުޅިފައިވާ ޤައުމުތަކުން ޤަތަރަށް ކުރާ އެޕްރެޝަރ ހުއްޓުވުމަށް އިންޓަރނޭޝަނަލް ކޮމިއުނިޓީއަށް ގޮވާލައްވާފައެވެ. އަދި އެޤައުމުތަކާއި މުޅި ގަލްފް ސަރަހައްދުގެ ޚަބަރުތައް މިނިވަންކަމާއެކު ގެނައުމަށް އަޅާ ހުރަސް ހުއްޓުވުމަށް ވަރުގަދަ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށްވެސް އޭނާ ވަނީ ގޮވާ ލައްވާފައެވެ.