ކ. މާލެ
|
5 ޖެނުއަރީ 2023 | ބުރާސްފަތި 13:18
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު
އެމްޑީޕީ
ރައީސް ސޯލިޙުގެ ކެމްޕޭން
ރައީސް ރިއެކްޓް ކުރައްވައިފި، އެކަމަކު އަދަދުތަކާ ހިސާބުތަކުން
ސިޔާސީ މަންފާ ހޯދުމަށްޓަކައި ހަގީގަތާ ޚިލާފު ވާހަކަތައް ދެއްކުމަކީ ނުހަނު ދެރަ ކަމެއްކަމަށް ރައީސް ވިދާޅުވި
ރާއްޖޭގެ ޙާލަތު އަވައްޓެރި ސްރީލަންކާގެ ޙާލަތަށް ގޮސްފައިވާކަމަށް ދެއްކުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރި
ދައުލަތަށް ނަގާފައިވާ ޑައިރެކްޓް ދަރަނީގެ ތެރެއިން މިމަހު ދައްކަން ޖެހެނީ 29 މިލިއަން ޑޮލަރު

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ޕްރައިމަރީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު ވާދަ ކުރައްވާއިރު، ކެމްޕޭނުގެ ފޯރިވެސް މިވަނީ އެތައް ގުނައެއް އިތުރުވެފައެވެ. ކެމްޕޭނުގެ ތެރެއިން ދެކެވޭ ވާހަކަތަކަށް ބަލާއިރު، އެންމެ ބޮޑަށް މި ދުވަސްވަރު އިވޭ އެއް ބަހަކަށް "ރިއެކްޓް" މި ބަސް ވާނެއެވެ. ރައީސް ސާލިޙު ކަންކަމަށް ރިއެކްޓް ނުކުރައްވާ ވާހަކައާއި، މަޑުމަޑުން ހުންނަވާ ވާހަކައިގެ އަޑު މިވަނީ ގަދަވެފައެވެ.

ރައީސް ސާލިޙަކީ ކަންކަމަށް ރިއެކްޓް ނުކުރެއްވި ނަމަވެސް، ރަނގަޅު ވަގުތުގައި ރަނގަޅު ނިންމެވުންތައް ނިންމަވާ ބޭފުޅެއްކަމަށް އޭރު ވިދާޅުވި ފަރާތްތައް މިއަދު ގެންދަވަނީ، ރައީސް ސާލިޙު ކަންކަމަށް ރިއެކްޓް ކުރައްވަން އެބަޖެހޭ ކަމަށް ވިދާޅުވަމުންނެވެ. ރައީސް ސާލިޙު ރިއެކްޓް ނުކުރައްވާ ހުންނެވި ހުންނެވުމަށް އޭރު ތައުރީފު ކުރެއްވި ބޭފުޅުން މިއަދު ގެންދަވަނީ އެއީ ރައީސް ސާލިޙާ ދެކޮޅަށް ކެމްޕޭނުގައި ބޭނުން ކުރާނެ ހަތިޔާރެއްކަމުގައި ހަދަމުންނެވެ.

އެހެންނަމަވެސް ރައީސް ސާލިޙު ރިއެކްޓް ކުރައްވައިފިއެވެ. ތޯތޯ ވާހަކަތަކަކުން ނޫނެވެ. ނަންބަރުތަކުންނެވެ. ހިސާބުތަކުންނެވެ. ދަރަނީގެ ވާހަކައާއި، މަސްވެރިންގެ ވާހަކައާއި، ރަށްރަށުގެ ތަރައްޤީގެ ވާހަކައާއި އެފަދަ އެތައް ކަމަކާ ގުޅިގެން ވާދަވެރި ފަރާތްތަކުން ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ރައީސް މިވަނީ އަދަދުތަކުން ރިއެކްޓް ކުރައްވާފައެވެ.

ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުން ދައްކާ ދަރަނީގެ ވާހަކަތަކަށް އަލިއަޅުވާލައްވާ ރައީސް ވިދާޅުވީ، ރާއްޖެ ބަނގުރޫޓުވެ، މުޅި ޤައުމު ހުއްޓުމަކަށް އައިސް، ރާއްޖޭގެ ޙާލަތު އަވައްޓެރި ސްރީލަންކާގެ ޙާލަތަށް ގޮސްފައިވާކަމަށް ދެއްކުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރި ކަމަށެވެ.

ޖެނުއަރީ މަހު އެކަނިވެސް ލޯނު އަނބުރާ ދައްކަން 70 މިލިއަން ޑޮލަރު ސަރުކާރުން އަނބުރާ ދައްކަން ޖެހުނުކަމަށް ދެކެވޭ ވާހަކައަށް ރައްދު ދެއްވައި ރައީސް ވިދާޅުވީ، ކޮންމެ މަހަކު 40 އެތައް މިލިއަން ޑޮލަރެއް ދައްކަން ޖެހޭ ކަމަށާއި، ސަރުކާރުގައި ލާރި ނެތްކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ކަމަށެވެ.

އެހެންނަމަވެސް ހަގީގަތަކީ އެއީ ނޫންކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ދައުލަތަށް ނަގާފައިވާ ޑައިރެކްޓް ދަރަނީގެ ތެރެއިން މިމަހު ދައްކަން ޖެހެނީ 29 މިލިއަން ޑޮލަރުކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަންނަ މަހު ދައްކަން ޖެހެނީ 14 މިލިއަން ޑޮލަރު ކަމަށާއި، މާރޗު މަހު ދައްކަން ޖެހެނީ 28 މިލިއަން ޑޮލަރުކަމަށް ރައީސް ވިދާޅުވިއެވެ.

ވީއިރު އޮޅުވާލައިގެން، ސިޔާސީ މަންފާ ހޯދުމަށްޓަކައި އެފަދަ ވާހަކަތައް ދެއްކުމަކީ ނުހަނު ދެރަ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެފަދަ ހަގީގަތެއް ނެތް ވާހަކަތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދި، ނުތަނަވަސްކަން އުފެދި،  ދިރިއުޅުމަށް އެތައް އަސަރެއް ކުރާ ކަމަށެވެ. ރައީސް ވަނީ އެހެން ނުހެއްދެވުމަށް އެމަނިކުފާނުގެ ވާދަވެރި ކެނޑިޑޭޓަށް އިލްތިމާސް ކުރައްވާފައެވެ.

ފާޑުކިއުމަކުން މައްސަލައެއް ނެތްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ފާޑުކީ ނަމަވެސް، ކަންކަން އޮޅުވާނުލެއްވުމަށް އެދިލައްވާ ކަމަށެވެ.

މަސްވެރިކަމާ ގުޅިގެން ވާދަވެރި ފަރާތްތަކުން ދައްކާ ވާހަކަތަކާ ގުޅިގެން ރައީސް ވަނީ، ކުރީ އެކި ސަރުކާރުތަކުގައި ފެލިވަރަށް ވެގެން ދިޔަ ގޮތާއި، މަސްވެރިކަމަށް ވެގެން ދިޔަ ގޮތުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން މި ސަރުކާރު އައިސް ފުރަތަމަވެސް 39 މިލިއަން ރުފިޔާ މަސްވެރިންނަށް ދައްކަން ޖެހުނުކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ސިޔާސަތުތައް ބައްޓަން ކުރައްވާނީ ރައްޔިތުންނަށް ފައިދާ ލިބިދޭ ގޮތަށް ކަމަށެވެ.

އޭގެ އިތުރުން، ފުވައްމުލަކުގައި ތަރައްޤީގެ މަޝްރޫއެއް ނުހިންގާ ވާހަކަ ދެއްކުމަކީވެސް ބޮޑު ޖޯކެއްކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ފުވައްމުލަކުގައި މިހާރުވެސް 786 މިލިއަން ރުފިޔާގެ މަޝްރޫއު ހިންގަމުންދާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

މިހާތަނަށް 436 މިލިއަން ރުފިޔާ ފުވައްމުލަކަށް ޚަރަދު ކޮށްފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ލަސްތަކެއްނުވެ، ފުވައްމުލަކުގައި މިފްކޯއިން މަސް ކިރޭނެ ގޮތް ހައްދަވައިދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވާ ގޮތުގައި މި ވާހަކަފުޅުތަކަކީ ރިއެކްޝަނެއް ނޫނެވެ. ހަމައެކަނި "ރެސްޕޮންސް" އެކެވެ. ނަމަވެސް އިތުރަށް ދެން ވާހަކަ ދައްކަވައިފިނަމަ އެމަނިކުފާނަށް ރިއެކްޓް ކުރެވިދާނެ ކަމަށް ވިދާޅުވެ މަޖާޒީ ގޮތަކަށް ވާހަކަފުޅު ނިންމަވާލެއްވިއިރު، މުޅި އެ ސަރަޙައްދު އޮތީ ސަޕޯޓަރުންގެ އަޑުން ގުގުމާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް