ކ. މާލެ
|
4 ޖެނުއަރީ 2023 | ބުދަ 07:14
ބްރެޒިލްގެ ތަރި ނޭމާ އަދި ލެޖެންޑް ޕެލޭ
ބްރެޒިލްގެ ތަރި ނޭމާ އަދި ލެޖެންޑް ޕެލޭ
ގެޓީ އިމޭޖަސް
ޕެލޭ
ޕެލޭގެ ޖަނާޒާ އަށް ނޭމާ ނުދިޔުމުން ފާޑުކިޔުންތައް އަމާޒުވެއްޖެ
 
ޕީއެސްޖީ އާއެކު އޭނާ ފަރިތަކުރުންތަކުގައި ބައިވެރިވަމުން އަންނާތީ، އަމިއްލަ ޤައުމުގެ ގިނަ ބަޔަކު އަންނަނީ ނޭމާ އަށް ނުރުހުން ފާޅު ކުރަމުން

ބްރެޒިލްގެ ފުޓުބޯޅަ ލެޖެންޑް ޕެލޭގެ ޖަނާޒާގައި ބައިވެރިވުމަށް އެ ޤައުމުގެ ފުޓުބޯޅަ ތަރި ނޭމާ ޖުނިއާ ނުދިޔުމުން ގިނަ ބައެއްގެ ނުރުހުމާއި، ފާޑުކިޔުން އޭނާ އަށް އަމާޒުވެއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހު ޕެލޭ މަރުވެފައިވާއިރު، ޕެލޭގެ ޖަނާޒާގައި ގިނަ ބަޔަކު އަންނަނީ ބައިވެރިވަމުންނެވެ. އޭގެ ތެރޭގައި ފީފާ ރައީސް ޖިއާނީ އިންފަންޓީނޯގެ އިތުރުން، ފުޓުބޯޅައިގެ އެހެން ޝަޚުސިއްޔަތުތައް ވެސް ހިމެނެ އެވެ. ޕެލޭ މަރުވުމާއެކު ނޭމާ ވަނީ އޭނާގެ އިންސްޓަގްރާމްގައި ޕޯސްޓެއް ހިއްސާކޮށްފަ އެވެ. އެ ޕޯސްޓުގައި ނޭމާ ބުނީ، ޕެލޭ ފުޓުބޯޅަ ކުޅެން ފެށުމުގެ ކުރިން 10 ނަންބަރަކީ އަދަދެއް ކަމަށެވެ. އަދި ޕެލޭގެ ކުރިން ފުޓުބޯޅަ އަކީ ހަމައެކަނި ކުޅިވަރެއް ކަމަށާއި، ނަމަވެސް ޕެލޭ އަށްފަހު ހުރިހާ ކަމެއް ބަދަލުވެގެން ދިޔަ ކަމަށެވެ. އޭނާ ބުނީ ޕެލޭ ފުޓުބޯޅަ ބަދަލުކޮށްލީ މޮޅު ތަސްވީރަކަށް ކަމަށެވެ. ޕެލޭ ވަނީ ދެރަ ނިކަމެތިންނަަށް ވެސް ފުޓުބޯޅައިގެ އުފާ ހޯދައިދީ، ކަޅު މީހުންނާއި ދޮން މީހުންނާ ދެމެދު އޮތް ތަފާތު ފުޓުބޯޅައިން ނައްތާލާފައި ކަމަށެވެ. މީގެ އިތުރުން ނޭމާ ބުނީ ޕެލޭ މަރުވި ނަމަވެސް، ޕެލޭގެ ޖާދޫތައް އަބަދަށް ދެމި ހުންނާނެ ކަމަށެވެ.

ނަމަވެސް ޕެލޭގެ ޖަނާޒާގައި ނޭމާ ބައިވެރިނުވުމަކީ ވަރަށް ބޮޑު ބޭއިހުތިރާމެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ދެކެމެންނެވެ. އެގޮތުން ނޭމާ އަކީ މިހާރު ބްރެޒިލް ޤައުމީ ޓީމުގައި ހުރި އެންމެ މުހިންމު ކުޅުންތެރިޔާ ކަމަށާއި، ޓީމުގެ ތަރި އަކީ ވެސް އޭނާ ކަމަށާއި، އެހެންވެ ނޭމާ ޕެލޭގެ ޖަނާޒާގައި ބައިވެރިވާނެ ކަމަށް ގިނަ ބަޔަކު އުންމީދު ވެސް ކުރި އެވެ. ނަމަވެސް ނޭމާ ކުޅެމުން އަންނަ ކުލަބް ކަމަށްވާ، ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އާއެކު އޭނާ ފަރިތަކުރުންތަކުގައި ބައިވެރިވަމުން އަންނާތީ، އަމިއްލަ ޤައުމުގެ ގިނަ ބަޔަކު އަންނަނީ ނޭމާ އަށް ނުރުހުން ފާޅު ކުރަމުންނެވެ.

އެކަމާ ގުޅިގެން ބްރެޒިލްގެ ޕްރެޒެންޓަރެއް ކަމަށްވާ ޖޯސް ލުއިޒް ޑަޓޭނާ ބުނީ، ޕީއެސްޖީ އަށް ޕްރެޝަރުކޮށްގެން ވެސް ނޭމާ އަށް ޕެލޭގެ ޖަނާޒާގައި ބައިވެރިވެވުނީސް ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ބުނީ ޕީއެސްޖީ އަށް ޕްރެޝަރު ކުރުމަށްފަހު ނޭމާ ޕާޓީތަކަށް ވެސް އަމިއްލަ ޤައުމަށް ދާ ކަމަށާއި، އެހެންނަމަވެސް ޕެލޭގެ ޖަނާޒާ އަށް ނުދާންވީ ސަބަބެއް ނެތް ކަމަށެވެ. ޖޯސް ލުއިޒް ބުނީ އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި ބްރެޒިލްގެ ކުޅުންތެރިޔަކުނަމަ، ޕެލޭގެ ޖަނާޒާގައި ބައިވެރިވުމަށް އަންނާނެ ކަމަށާއި، އެއީ ޕެލޭ އަށް ކުރާ އިޙުތިރާމަކަށް ވާނެ ކަމަށެވެ. އަދި އެއީ ބްރެޒިލްގެ ކުޅުންތެރިޔަކަށް މުހިންމު ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ނަމަވެސް އެ ވާހަކަތަކާ ގުޅިގެން ނޭމާގެ ބައްޕަ ބުނީ، މިއީ ޕެލޭގެ އާއިލާ އަށް ހިތްވަރު ދޭން ޖެހޭ ވަގުތު ކަމަށެވެ. އޭނާ ބުނީ ނޭމާގެ އެދުމުގެ މަތިން އޭނާ ޕެލޭގެ ޖަނާޒާ އަށް އައީ ކަމަށާއި، ޕެލޭ އަކީ އެތައް ބަޔަކަށް ނަމޫނާ ކުޅުންތެރިޔެއް ކަމަށެވެ. އަދި ގެއްލުނީ ހަމައެކަނި އެތުލީޓެއް ނޫން ކަމަށާއި، ގެއްލުނީ ބްރެޒިލްގެ ރައްޔިތެއް ކަމަށާއި، އެއީ ބްރެޒިލަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށެވެ. ނޭމާގެ ބައްޕަ ވެސް ވަނީ ޕެލޭގެ ޖަނާޒާގައި ބައިވެރިވުމަށް ނޭމާ އަށް ނާދެވޭކަން ޔަގީންކޮށްދީފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
44%
11%
11%
22%
11%
0%
ކޮމެންޓް