ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ މެމްބަރުން އެމްޑީޕީން ވަކިކުރިކަމަށް ގަބޫލުނުކުރާކަމަށް އިންތިޚާބާ ބެހޭ ކޮމިޓީން ބުނެފިއެވެ.
މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ވާހަކަދައްކަވަމުން ނަޝީދު ވަނީ އެމަނިކުފާނުގެ އަރިސް ބޭފުޅުންތަކެއް ޕާޓީން ވަކިކޮށްފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން އެމަނިކުފާނުގެ ބޭބެ ޑރ. އަހުމަދު ނާޝިދު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ހާމިދު އަބްދުލްޣަފޫރުގެ އިތުރުން އަނބިކަބަލުން ލައިލާ އަލީ ވެސް ޕާޓީއިން ވަކިކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ރިޔާސީ ޕްރައިމަރީގެ ކަންކަން އިންތިޒާމުކުރުމަށް އެކުލަވާލާފައިވާ އިންތިޚާބީ ކޮމިޓީން އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ކޮމިޓީ މެމްބަރު އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވީ ނަޝީދުގެ ގާތް ބޭފުޅުންނާއި ނަޝީދަށް ތާއީދުކުރާ މެމްބަރުން ޕާޓީން ވަކިކުރިކަމަށް ގަބޫލުނުކުރައްވާކަމަށެވެ. ރައީސް ނަޝީދު އިޝާރާތްކުރެއްވި ބޭފުޅުންގެ ތެރެއިން ހާމިދު އަބްދުލްޣަފޫރަށް އިޝާރާތްކުރައްވާ އިބުރޭ ވިދާޅުވީ ހާމިދު އަބްދުލްޣަފޫރަކީ އަމިއްލަފުޅަށް ޕާޓީން ވަކިވެވަޑައިގަންނަވާފައިވާ ބޭފުޅެއްކަމަށެވެ.
މިތާ މިއިންނެވީ ޕާޓީގެ ކުރީގެ ސެކެޓްރީ ޖެނެދަލް އަނަސް. ސެކެޓްރީ ޖެނެރަލަށް ހާމިދު ޕާޓީން ކަނޑައިދިނުން ލަސްވާތީ ފޯމު އަވަސްކުރުމަށް ކުރީގެ ޗެއާ ހަސަން ލަތީފު ސެކެޓްރީ ޖެނެރަލަށް ގުޅުއްވައި އީސީން އެކަން އަވަސްކޮށްދޭން އެދުނު. ހާމިދު އަމިއްލައަށް ކަނޑައިދިނުމަށް އެދުނީ. އެހެންވީމާ ނޯންނާނެ ނޫންތޯ.ކޮމިޓީގެ މެމްބަރ އިބްރާހީމް ވަހީދު (އިބުރޭ)
39،000 މެމްބަރުންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ އެއްބަނޑު އެއްބަފާ ބޭބޭފުޅުންވެސް ހިމެނޭކަމަށާއި އެބޭފުޅުން ޕާޓީން ކެނޑިފައި އޮތުމުން އަލުން ޕާޓީއަށް ރަޖިސްޓްރީވީ ކަމަށް އިބުރޭ ވިދާޅުވިއެވެ. އެއިރު އެކަންކޮށްފައިވަނީ އެނިޔަތެއްގައި ނޫންކަމަށާއި އެ ނިންމުން ނިންމިއިރު ބޮޑަށް ދާންއޮތީވެސް ފެންނަ ނުފެންނަ ވޯޓަކަށްކަމަށް އިބުރޭ ވިދާޅުވިއެވެ.
އެމްޑީޕީގެ ދަފްތަރުން 39،000 މެމްބަރުން ވަކިކުރި މައްސަލަ ފެންމަތިވެފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އެމްޑީޕީގެ ގައުމީ މަޖިލީހުން އީސީގެ އެމްޑީޕީގެ ދަފުތަރުގައި ނެތް މެމްބަރުންނަކީ އެމްޑީޕީގެ މެމްބަރުން ނޫންކަމަށް ނިންމި ހިސާބުންނެވެ. އެއާއެކު އެމްޑީޕީން ގެންގުޅުނު ޕާޓީގެ ލިސްޓުން 39000ށް ވުރެ ގިނަ މެމްބަރުން ވަނީ އުނިވެފައެވެ. އިބުރޭ ވިދާޅުވީ އޭގެތެރެއިން 18،000ށް ވުރެ ގިނަ މެމްބަރުންނަކީ އެހެން ޕާޓީތަކުގެ ދަފުތަރުގައި ތިބި މެމްބަރުންކަމަށެވެ.
އެގަރާރު ހުރިހާ އެމްޕީން ނަށާއި ދާއިރާގެ ރައީސުންނަށް ގަރާރު ގައުމީ މަޖިލީހަށް ހުހެޅުމުގެ ކުރިން ޕާޓީގެ މެމްބަރ ޝިޕް ސައްހަ ކުރަން ހުރިހާ ދާއިރާގެ އެމްޕީންނަށް ކާކުކަމާއި އައިޑީކާޑު ނަންބަރާއި އެޑްރަހާއި ލިސްޓު ހަދާފައި ދިނިން. މި މީހުންނަށޭ އަސަރުކުރާނީ. އެއީ މެއި 29ގެ ކުރިން ކޮށްފައިއޮތް ކަމެއް. ޕާޓީގެ އަސާސީ ގަވާއިދުގެ 19 ވަނަ މާއްދާގައި ބުނޭ ޕާޓީގެ މެމްބަރުކަން ބާތިލްވާނެ ސަބަބުތަކެއް . އޭގައި މިބުނަނީ އެހެން ސިޔާސީ ޕާޓީއެއްގައި ބައިވެރިވުން، އެހެން ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވުން. އެ 39000 މީހުންގެ ތެރޭގައި 18000ށް ވުރެ ގިނަ މީހުންނަކީ އެހެން ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީ ގައި އޮތް މީހުން. އެހެންވީމާ ޕާޓީގެ އަސާސީ ގަވާއިދު ބުނާގޮތުން އެއޮތީ މެމްބަރޝިޕް ބާތިލުވެފައި. އޭގައި ކުރެވޭނެ އިތުރު ކަމެއްނެތް.ކޮމިޓީގެ މެމްބަރ އިބްރާހީމް ވަހީދު (އިބުރޭ)
ޕާޓީގެ ދަފުތަރަށް މިބަދަލު ގެނައީ އެންމެ ޞައްހަ ވޯޓާސް ލިސްޓެއް ބޭއްވުމަށްކަމަށާއި އޭރު އެބަދަލު ގެނެސް ޕާޓީއަށް ވަނުމަށް ތިންމަސް ދުވަސް މެމްބަރުންނަށް ދިންކަމަށް ކޮމިޓީ މެމްބަރުން ވިދާޅުވިއެވެ. އެމުއްދަތުގެ ތެރޭގައި 5500 މެމްބަރުން އަލުން ޕާޓީއާ ގުޅުނުކަމަށް ވިދާޅުވިއެވެ. މިއީ ނޭންގި ހިނގާފައިވާކަމެއް ނޫންކަމަށާއި ކުއްލިއަކަށް ހިނގާފައިވާކަމެއްވެސް ނޫންކަމަށް އިބުރޭ ވިދާޅުވިއެވެ.
މިބަދަލު ގެނެސްފައިވަނީ ކޮންމެ ޕްރައިމަރީއަކާ ދިމާކޮށް ކެންޑިޑޭޓުން ބޭނުންވާ މީހުން ޕާޓީއަށް ވެއްދުމުގެ މައްސަލަ ފެންމަތިވާތީ އެކަން ހައްލުކުރުމަށްކަމަށް އިބުރޭ ވިދާޅުވިއެވެ.